2008 ވަނަ އަހަރުގެ ފަހުން މަޑުމަޑުން މަޑުމަޑުން ރަސްމީ ސްޓޭޑިއަމް ފަޅުވަމުން އައިސް މިހާރު އެތަން ވަނީ މުޅިން ފަޅު ސްޓޭޑިއަމްއަކަށް ބަދަލުވެފައެވެ. ނިއުއާއި ވިކްޓްރީ ވާދަކުރިޔަސް އަދި ވެލެންސިޔާ ނިއުރޭޑިއަންޓް ވާދަކުރިޔަސް މެއެވެ. ވެލެންސިޔާ ވިކްޓްރީ ވާދަކުރިޔަސް ވަކި ތަފާތެއް ނެތެވެ. މިފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅަ ޑޮމިނޭޓްކުރަމުން އަންނަ މާޒިޔާ ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް ވަކި ތަފާތެއް ނެތެވެ.
މިހެން ދިމާވުމުގައި ވަރަށްގިނަ ސަބަބުތަކެއް ހުރިކަމަށް ފުޓްބޯޅައިގެ ބޭފުޅުން ވިދާޅުވެއެވެ. މީހުން ބިޒީވުމެވެ. މެޗުތައް ޕްރޮމޯޓް ނުކުރެވުމެވެ. ލައިވް ކުރެވޭ މެޗުތައް އަދިވެސް މަދީއެވެ. ބޮޑަތި ކްލަބްތައް އަޑި އަޅާލުމެވެ. ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ނުގެނެވުމެވެ. ބޭރުގެ ލީގުތަކަށް އޮތް ޝައުޤު މާބޮޑުވެ، ރަނގަޅު ފުޓްބޯޅައެއް ދިވެހި ކުޅުންތެރިން ނުވަތަ ޓީމްތަކުގެ ފަރާތުން ނުފެނުމެވެ. މިހިރީ ހައްތަވާވެސް ސަބަބުތަކެވެ.
މިއިން ބައެއް ކަންތައްތަކަށް ހައްލު ލިބޭނެކަމުގެ އުއްމީދު ބޮޑު ސީޒަނެއް ބޯމަތިވުމުން ސަޕޯޓަރުން ދަނޑަށް ވަންނާނެކަމުގެ ނިޝާންތައް މިހާރު ކޮންމެވެސް ވަރަކަށް ފެންނަން ފަށައިފިއެވެ. އޭގެތެރެއިން އެއް ސަބަބަކީ އެންމެ ޒަމާންވީ އެންމެ ކާމިޔާބު ދެ ކްލަބް ވަރުގަދަވުމެވެ. ނިއުއާއި ވިކްޓްރީ ވަރުގަދަވި މިދަނޑިވަޅުގައި ވެލެންސިޔާގެ އަޑުގަދަވި ނަމަ ފޯރި އިތުރަށް ގަދަވުމުގެ ފުރުޞަތު ބޮޑެވެ. ވެލެންސިޔާގައި ބަލިނޫން ސްކޮޑެއް އޮންނާނެކަމަށް ވެލެންސިޔާއާއި ގާތް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަން ވެލެންސިޔާގެ މެނޭޖްމަންޓް ތައްޔާރެއް ނޫނެވެ. މިހާރު ފުޓްބޯޅަ ޑޮމިނޭޓްކުރާ މާޒިޔާގައި ވަރުގަދަ ސްކޮޑެއް އޮވެ އީގަލްސްއާއި ޓީސީ އަދި ގްރީން ސްޓްރީޓްވެސް އާ ސީޒަނަށް ރަނގަޅަށް ތައްޔާރުވާތީއާއި، މިދިޔަ ދެ އަހަރުވެސް އެމީހުން ރަނގަޅު ފައިޓެއްދީ ކާމިޔާބު ހޯދުމުން ސަޕޯޓަރުން ކޮންމެވެސް ވަރަކަށް ހޭލައްވާލައިފިއެވެ.
img:http://s3.psmnews.mv/images/660x400/14843718424905.jpg|ވާދަވެރި ނިއުއާއި މާޒިޔާ ވާދަކުރިއިރުވެސް މަދު އަދަދެއްގެ ސަޕޯޓަރުން: ފޮޓޯ-ޕީއެސްއެމް
ސަޕޯޓަރުންގެ ހަރަކާތްތެރިކަން އިތުރުވި އަނެއް ސަބަބަކީ ޕްރޮފައިލް ހައި ބޭރު ކުޅުންތެރިންތަކެއް ގެނައުމެވެ. ނިއުއާއި މާޒިޔާއިން ގެނައި ބިދޭސީ ކުޅުންތެރިންނާއި، ކޯޗުންނަށް ކުރެވޭ އުއްމީދު ބޮޑުވުމެވެ. ތަފާތު ކުޅުމެއް އެކުޅުންތެރިންގެ ފަރާތުން ފެންނާނެކަމަށް ކުރެވޭ އުއްމީދެވެ. މިދިޔަ ދެތިން އަހަރަށް ބަލާއިރުވެސް އެކުޅުންތެރިންގެ ރެކޯޑް ރަނގަޅުވުމެވެ. ޓީސީއާއި ގްރީން ސްޓްރީޓުންވެސް އެމީހުން ގެންނަ ބިދޭސީ ކުޅުންތެރިންނާއި މެދު ޔަޤީންކަން އޮތްކަމުގެ އުއްމީދީ ޚަބަރު ދިނުމަކީވެސް ސަޕޯޓަރުންނަށް ލިބުނު ހަމަޖެހުމެކެވެ. ވިކްޓްރީގެ ބިދޭސީ ހަތަރު ކުޅުންތެރިންނަކީވެސް މިދިޔަ އަހަރު ރަސްމީ ދަނޑުން ފެނުނު މޮޅު ކުޅުންތެރިންނެވެ.
ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަކަމަށް އަބަދުވެސް ބުނަމުން އަންނަ އަދި އެންމެ ހަރަކާތްތެރި ސަޕޯޓަރުންގެ ޓީމްގެ ހަރަކާތްތެރިކަން މިހާރު ސޯޝަލް މީޑިއާއިންވެސް ދަނީ ފެންނަމުންނެވެ. ޕްރޮފައިލް ފޮޓޯއާއި ކަވަރ ފޮޓޯ ނިއުރޭޑިއަންޓްގެ ލޯގޯއާއި ތަފާތު މޮޅު ސްލޯގަންތަކުން ދިރުން ގެންނަން ފަށައިފިއެވެ. ސަޕޯޓަރުންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބާރު ލިބިގެން ދިޔައީ ކީޕަރު އިމްރާން މުޙައްމަދު އިސްވެ، ސީނިއަރ ކުޅުންތެރިން ސަޕޯޓަރުންނާ ބައްދަލުކުރި ހިސާބުންނެވެ. ސަޕޯޓަރުން ތަމްޘީލްކޮށް ލީޑްކުރާ " ސަޕޯޓަރުންގެ ޔޫނިއަން " އާއި ނިއުގެ އާ ޗެއަރމަން މުޙައްމަދު ޒިޔާދުވެސް ބައްދަލުކުރައްވައިފިއެވެ. އެއާއެކު ވައިބަރ ގްރޫޕާއި ފޭސްބްކް ގްރޫޕް ހަދައި ހަރަކާތްތެރިކަން ބޮޑުކޮށް މެމްބަރުންނާއި މެމްބަރުން ގުޅި އިތުރު ކަންކަން ދަނީ ރާވަމުންނެވެ. ކްލަބްގެ ޕްރެކްޓިސް ފަށާ ދުވަހާއި ވަގުތާއެކު " މަވެސް ދާނަން " ޝިޢާރުގެ ދަށުން ދަނީ ޕްރޮމޯޓްކުރަމުންނެވެ.
" ޕްރެކްޓިސް ފަށާ ދުވަހަށްވެސް ޚާއްޞަކަމެއް ރޭވޭތޯ ބަލަމުން މިދަނީ. ސީޒަން ތެރޭގައި ޔަޤީނުންވެސް ތަފާތު ފެންނާނެ. ނިއުގެ ސަޕޯޓަރުންނަކީ ތަފާތު ބައެއް، އެކަން ދައްކާނަން " ސަޕޯޓަރުންގެ ޔޫނިއަންގައި އިސްކޮށް އުޅޭ ނިއުގެ ސަޕޯޓަރަކުން ބުންޏެވެ. ނިއުގެ ސަޕޯޓަރުންގެ ހަރަކާތްތެރިކަން ފެންނަން ފެށުމުން އޭގެ އަސަރު ފުޓްބޯޅައަށް ކުރާނެކަން ކޯޗު އަލީ ސުޒޭންވެސް ވަނީ ފާހަގަކޮށްފައެވެ. ނިއުގެ ސަޕޯޓަރުން އެއްތަންކޮށް، އެފޯރި ދެމެހެއްޓުމަށް ކްލަބްގެ ކެފޭއެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެކްލަބުން ވަނީ ހާމަކޮށްފައެވެ.
ކީޕަރު އިމްރާންވެސް ބުނީ ނިއުގެ ސަޕޯޓަރުން ދަނޑަށް ވައްދަން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމުގެ ޔަޤީންކަން ސަޕޯޓަރުންގެ ޔޫނިއަންއިން ދީފައިވާކަމަށެވެ. ނިއުގެ ސަޕޯޓަރުން ހަރަކާތްތެރިވުން އިތުރުވުމަކީ އެހެން ކްލަބްތަކުގެ ސަޕޯޓަރުން ހަރަކާތްތެރިވުން އިތުރުވުމަށްވެސް އޮތް ބާރެކެވެވެ. ރާއްޖޭގައި ދެން އޮތް ޒަމާންވީ ދެ ކްލަބްގެ ތެރެއިން ވިކްޓްރީއަކީވެސް ސަޕޯޓަރުންގެ ފޯރި އިންތިހާއަށް ގަދަ ކްލަބެކެވެ. އެމީހުންގެ އަޑު މަޑުވެފައިވަނީ މިދިޔަ އަހަރުތަކުގައި ވިކްޓްރީ އޮތް ހާލަތުންނެވެ. އެކަން ރަނގަޅުކޮށް ވިކްޓްރީގެ ސަޕޯޓަރުން އަނބުރާ ގެނައުމުގެ މަސައްކަތް ކްލަބްގެ އާބޯޑުން ދަނީ ކުރަމުންނެވެ.
img:http://s2.psmnews.mv/images/660x400/14843717688667.jpg|ބީޖީއާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނުއިރު ދަނޑު ފަޅަށް: ފޮޓޯ-ޕީއެސްއެމް
" ސޯޝަލް މީޑިއާގައި ވިކްޓްރީ މިފެންނަނީ ތަންކޮޅެއް ދަށްކޮށް. އެކަން ރަނގަޅުކޮށް ސަޕޯޓަރުން އަނބުރާ ގެނައުމަށް ވެބްސައިޓާއި، ފޭސްބުކް ޕޭޖް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން. " ވިކްޓްރީ ސަޕޯޓަރުން އެނބުރި އަންނާނެކަމުގެ އުއްމީދު ފާޅުކުރައްވަމުން ކްލަބްގެ ޗެއަރޕަސަން އިބްރާހީމް ނަޒީމް ވިދާޅުވިއެވެ.
މާޒިޔާވެސް ފެންނަނީ ސޯޝަލް މީޑުއާގައި ހަރަކާތްތެރި ކްލަބެއްގެ ގޮތުގައެވެ. ކްލަބްގެ ޚަބަރުތަކާއި ފޮޓޯތައް ބަރާބަރަށް ސަޕޯޓަރުނާ ޙިއްޞާކުރެއެވެ. އީގަލްސްއާއި ވެލެންސިޔާއިންވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކަންކަން ދަނީ ޙިއްޞާކުރަމުންނެވެ. ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް ނިކުންނަނީ ސަޕޯޓަރުންގެ ވަރަށްބޮޑު އެހީތެރިކަމާއެކުގައެވެ. ގްރީން ސްޓްރީޓްގެ ސަޕޯޓަރުން ދަނޑަށް ވައްދައި ފުޓްބޯޅަ ސީޒަން ފޯރިގަދަކުރުމުގައި ބައިވެރިވުމަށް އެކްލަބް ތައްޔާރަށް އޮތްކަން ކްލަބްގެ ރައީސް ވަނީ ޔެސް ޓީވީގެ " ސްޕޯރޓްސް ބީޓް " ޕްރޮގްރާމްގައި ހާމަކުރައްވާފައެވެ.
މާޒިޔާގެ މެނޭޖްމަންޓުންވެސް ޔަޤީންކުރަނީ މިއަހަރު އެމިހުންގެ ސަޕޯޓަރުންގެ ފޯރިވެސް އިތުރުވެ، ދަނޑަށް ވަންނަ މީހުންގެ އަދަދުވެސް އިތުރުވާނެކަމަށެވެ.
" ނިރޭޑިއަންޓްގައި މާޒިޔާއަށްވުރެ ސަޕޯޓަރުން އިތުރުވާނެ. މާޒިޔާގެ ސަޕޯތަރުންވެސް އެދަނީ ޓްވިޓަރއާއި ފޭސްބުކްގައި ހަރަކާތްތެރިވަމުން. ސަޕޯޓަރުންގެ އަދަދުގެ ތަފާތު ފެންނާނީ. މިއަހަރު ފޯރި ގަދަވާނެކަމަށް ވަރަށްބޮޑަށް ބެލެވޭ. އެއީ މާޒިޔާއިން މިގެންނަނީވެސް ކުޅުން އިނގޭ ރަނގަޅު ފެންވަރުގައި ކުޅެމުންދާ ހައި ޕްރޮފައިލް ކުޅުންތެރިން. އެހެންވީމަވެސް މާޒިޔާގެ ސަޕޯޓަރުންވެސް ދަނޑަށް ވަންނަ މިންވަރު އިތުރުވާނެ. ފޯރިވެސް ގަދަވާނެ. " މެނޭޖަރ އިބްރާހީމް ވަހީދުވެސް އުއްމީދުކުރަނީ ބޭރު ކުޅުންތެރިންނާއެކު ސަޕޯޓަރުންގެ ފޯރި ބޮޑުތަން ގަދަވާނެކަމަށެވެ.
img:http://s4.psmnews.mv/images/660x400/14843720353314.jpg|އީގަލްސްގެ ކުޅުންތެރިން ސަޕޯޓަރުންނާއެކު އުފާ ފާޅުކުރަނީ: ފޮޓޯ-ޕީއެސްއެމް
ކްލަބް އީގަލްސް ޕްރެޒިޑެންޓްކަޕް ހޯދިއިރު އެކްލަބްގެ ފަހަތުގައިވެސް އެންމެ މުޙިންމު ދައުރެއް އަދާކުރީ ސަޕޯޓަރުންނެވެ. އެމެޗު ވެގެންދިޔައީ މިސިޔަ ސީޒަންގައި އެންމެ ގިނަ ސަޕޯޓަރުން ވަން އެއް މެޗަށެވެ. އީގަލްސްގެ އެކާމިޔާބީއާއެކު އީގަލްސްގެ ސަޕޯޓަރުން އެ "ކިކް" ގައި މިސީޒަނާ ކުރިމަތިލައި އެފޯރި ނަގާނެކަމަށް އުއްމީދުކުރުމުގެ ފުރުޞަތު އެބައޮތެވެ.
މުޙިންމީ މިފޯރީގައި ކުރިއަށް ދިއުމެވެ. މިދަނޑުވަޅުގައި ހުރިހާ ކްލަބްތަކުންވެސް ސަޕޯޓަރުންގެ ފޮރި ގަދަކުރުމަށް މަސައްކަތްތަކެއް ކުރުމެވެ. ސަޕޯޓަރުންގެ ހަރަކާތްތެރިކަން ބޮޑުކޮށް ފޯރި ގެނައުމުގެ ކްލަބްތަކުގެ ދައުރު ނުހަނު ބޮޑެވެ. އެފްއޭއެމްއިންވެސް އަބަދުވެސް ބުނަމުން އަންނަ އެއް ވާހަކައަކީ މިއީއެވެ. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ގެއްލިފައިއޮތް ފޯރި އެުމުގެ ފެށުމަކަށް މިއަހަރު ވާނެއެވެ. މި ދަނޑިވަޅުގައި ސަޕޯޓަރުން މާޔޫސްނުވާނެ ހުރިހާ ގޮތަކަށް ކްލަބްތަކުން ވިސްނުން ބަހައްޓައި، ފުޓްބޯޅަ އިދާރާއާއި މީޑިއާއިންވެސް ހަރަކާތްތެރިވުން މުޙިންމެވެ.