ވިޔަފާރި

ރެމިޓެންސް ޓެކްސްގެ ގޮތުގައި 14 މިލިއަން ރުފިޔާ ލިބިފައިވޭ - މީރާ


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނަންގަވަން ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެނެވެ. ރެމިޓެންސް ޓެކްސް ނަންގަވަން ފެށްޓެވި ފުރަތަމަމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ވަނީ 6.8 މިލިއަން ރުފިޔާ ލިބިފައެވެ. ފާއިތުވި ޑިސެމްބަރުމަހު ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 7.7 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ނޮމެމްބަރުމަހު ނަގަން ފެށި ރެމިޓެންސް ޓެކްސްގެ ގޮތުގައި އަހަރު ނިމުނުއިރު ޖުމްލަ 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިއީ އިންސައްތައިން ބަލާނަމަ މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ލިބުނު ޖުމްލަ އާމްދަނީގެ ސުމެއް ޕޮއިންޓް އެކެއް އިންސައްތައެވެ.

ރެމިޓެންސް ޓެކްސް ނެގޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުނު އިޞްލާހު މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވީ 2016 އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރެމިޓެންސް ޓެކްސް ނަގަން ފަށްޓަވާގޮތަށެވެ. ޤާނޫނުގައިވާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިނެއް އިންސައްތައެވެ.

ބޭންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތަކުން ރެމިޓެންސް ޓެކްސް ނެގުމަށްފަހު އެ ފައިސާ މީރާއަށް ދައްކަވަންޖެހެނީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މުސާރައިގެ ގޮތުގައި ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފަށާ ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި ހުރި ފައިސާ ރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނަގާ ހާލަތްތަކުގައި ރެމިޓެންސް ޓެކްސް ނަގަން ފަށްޓަވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ރެމިޓެންސް ޓެކްސް ނެގުން ފަސޭހަކުރުމަށްޓަކައި ކަމަށް ބުނެ ވަޒީފާއާ ބެހޭ ގާނޫނަށް ގެންނެވި އިސްލާޙުގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭންވާނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން ކަމަށެވެ. ނޫންނަމަ ގާނޫނީ ގޮތުން ސައްޚަ ފައިސާއަކުން ނަގުދުގެ ގޮތުގައި ނުވަތަ ރާއްޖޭގައި ހުންނަ ބޭންކެއްގެ ޗެކަކުން، އެ މުވައްޒަފެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ކަމަށްވެސް އިސްލާޙުގައިވެއެވެ.

ވަޒީފާދޭ ފަރާތްތަކުން މިނޫން ގޮތަކަށް ޢަމަލުކުރުމަކީ މަނާކަމެއް ކަމަށާއި، މިގޮތަށް ޢަމަލު ނުކުރާ ފަރާތްތަކުން 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އިކޮނޮމިކް މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅުއްވާ ފަރާތަކަށް ލިބިގެންވާ ކަމަށްވެސް ވަޒީފާއާ ބެހޭ ގާނޫނަށް ގެންނެވި އިސްލާޙުގައިވެއެވެ.