ވިޔަފާރި

" ޢިމާރާތްކުރުމަށް ބޭނުންވާ ގަލުގެ %90 ސަޕްލައިކޮށްދެން "


މާލޭ ސަރަޙައްދުގައި ޢިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ގަލުގެ ނުވަދިހަ އިންސައްތަ ސަޕްލައިކޮށްދެމުންދާކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބުނެފިއެވެ. އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ޢިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ގާ އެޅުމަކީ ރާއްޖޭގެ ބާޒާރުގައި ބޮޑު ޑިމާންޑެއް އޮތް ވިޔަފާރިއެއްކަމަށެވެ. 

މާލެ ސަރަޙައްދަކީ ޢިމާރާތްކުރުމުގެ ސިނާޢަތުގެ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ސަރަޙައްދެކެވެ. މާލެ ސަރަޙައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެއަކީ ޢިމާރާތްތައް އެންމެ އުސްކޮށް ނެގުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވާ ދެ ސަރަޙައްދެވެ. މިސަރަޙައްދުގައި ކުރިއަށްދާ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ގާ އެޅުމަށް ކޮންމެދުވަހަކުވެސް އެމްއާރުޑީސީއަށް ގިނަ އޯޑަރ ލިބޭ ކަމަށް އެމްއާރުޑީސީން ބުނެއެވެ. 

މިމަސައްކަތަށް އޮތް ޑިމާންޑަށް ޚިދުމަތް ދިނުމަށް ކުރާ މަސައްކަތުގެ ދަށުން ދުވާލެއްގެ މައްޗަށް ތިން ހާސް ގާ އެޅުމުގެ ޤާބިލްކަން މިހާރު އެކުންފުންޏަށް ލިބިފައިވާކަމަށް އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. 

މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ގާ ގެންގޮސްދޭކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ގާ ގެންގޮސްދިނުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު އެމްއާރުޑީސީގެ އޮފީސް ހިންގަމުން އަންނަ ހަތަރު ސަރަހައްދުކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ތިނަދުއާއި ހދ. ކުޅުދުއްފުށީގައި ގާ އެޅުމުގެ މަސައްކަތް ފެށުމަށް ހަދަންޖެހޭ ފީޒިބިލިޓީ ސަރވޭ ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިބްރާހީމް ޢަބްދުއްރައްޒާގު ވިދާޅުވިއެވެ. މި ސަރވޭގެ މަސައްކަތް ނިމި ޕްރޮޑަކްޝަންގެ މަސައްކަތް އަތޮޅުތެރޭގައި ފެށުމުން އެސަރަޙައްދުތަކަށް ގާ ފޮނުވުމަށް އެމްއާރުޑީސީން ކުރަމުން އަންނަ ޚަރަދު ދަށްވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

އޭނާ ވިދާޅުވީ ކުންފުނީގެ  އަމާޒަކީ މިއަހަރު ނިމޭއިރު އެކުންފުންޏަކީ ފައިދާ ލިބޭ ވިޔަފާރީގެ ގޮތުން ރަނގަޅު އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ހެއްދެވުންކަމުގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި މުހިއްމު ހިއްސާއެއް އަދާކުރަމުން އަންނަ އެމް.އާރް.ޑީ.ސީން ދަނީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ މުހިއްމު ޚިދުމަތްތަކެއް ދެއްވަމުންނެވެ. މީގެތެރޭގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ގައު އުފެއްދުމާއި، އެތަކެތި ސަޕްލައިކޮށްދިނުން ހިމެނެއެވެ.