މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިދިޔަ ދެ އަހަރު ސ.ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ (ކުދު އިއްބެ) އެންމެ ފަހުން ފުރަތަމަޑިވިޝަންގައި ކުޅެން ނިންމައިފިއެވެ.
ކުރިއަށް އޮތް ސީޒަނަށް ހުނަރުވެރި ފޯވާޑްގެ ސޮއި ހޯދާފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. 2015 ވަނަ އަހަރު ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލްގައި ފަރެސްމާތޮޑާ ކޮޅަށް ޖެހި ހިތްގައިމު މޮޅު ގޯލާއިއެކުގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އިބްރާހިމް މަހުދީ ހޯދުމަށް މިދިޔަ އަހަރުވެސް ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން މަސައްކަތްކުރިއެވެ. 2015 އަހަރު އޭނާވަނީ މިނިވަން 50 ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ހެޓްރިކްވެސް ހަދާފައެވެ. އެ މުބާރާތް ކުރިއަށްދިޔައިރު ފުރަތަމަ ޑިވިޝަންގެ ނިއުރޭޑިއަންޓާއި ޓީސީން އިއްބެ ހޯދަން ގިނަ މަސައްކަތްތަކެއް ކުރިއެވެ.
މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައިވެސް މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މަހުދީވަނީ މިދިޔަ އަހަރު ޕްރެޒިޑެންޓްސްކަޕްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ޕްރެޒިޑެންޓްސްކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއާއި ދެކޮޅަށް ސ.ފޭދޫ ކުޅުނު މެޗުގައި މޮޅު ކުޅުމެއްދައްކައި މާޒިޔާ ކޮޅަށް އިބްރާހިމް މަހުދީ ގޯލް ޖެހިއިރު، ޔުނައިޓެޑް ވިކްޓްރީ ދެކޮޅަށްވެސް އޭނާ މޮޅަށް ކުޅުނެވެ.
އިބްރާހިމް މަހުދީއަކީ ޓީސީއާއި އާ ސީޒަނަށް ގުޅުނު ދެވަނަ ކުޅުންތެރިޔާއެވެ. ޓިސީންވަނީ ނޭޕާލްގެ ގައުމީ ޓީމްގެ ގޯލް ކީޕަރުގެސޮއިވެސް ކުރިއަށް އޮތް ސީޒަނަށް ހޯދާފައެވެ.