ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެއްވުމަށް މިރެއާއި މާދަމާ ހިންގެވުމަށް ސަރުކާރުން ރާއްވަވާފައި ހުރިހާ ޙަރަކާތެއް ފަސްކުރައްވައިފިއެވެ. މި ޙަރަކާތްތައް ފަސްކުރެއްވީ، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވިއްސާރަ ކުރަމުންދިއުމާއެކު ރާއްޖޭގެ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިފަދަ ޙަރަކާތްތަކެއް ކުރިޔަށް ގެންދެވުމަށް ދަތިވާނެތީއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވުމަށް ހަމަޖެއްސެވި ދިދަނެގުމުގެ ރަސްމިއްޔާތާއި ޚާއްޞަ ރަސްމީ ޖަލްސާވެސް ވަނީ ފަސްކުރައްވާފައެވެ. އަދި މާދަމާ ހިންގެވުމަށް ހަމަޖެއްސެވި މިސްކިތްތައް ސާފުކުރެއްވުމުގެ ޙަރަކާތާއި ހަވީރު ފާހަގަކުރެއްވުމަށް ހަމަޖެއްސެވި ކުޑަކުދިންގެ ހަވީރުވެސް ވަނީ ފަސްކުރައްވާފައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ޙަރަކާތްތައް ފަސްކުރެއްވިނަމަވެސް މި ޙަރަކާތްތައް ހިންގަވާނެ ތާރީޚެއް އަދި ވަނީ ކަނޑަނާޅުއްވައެވެ.