ޚަބަރު

ޢިމާރާތްކުރުމާ ބެހޭ ލިޔެކިއުންތައް ބެލެހެއްޓެވުގެ ނިޒާމް


ބިންބިމާއި ޢިމާރާތްކުރުމާ ބެހޭގޮތުން ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް އަވަސްކުރެއްވުމަށާއި އެކަމާ ގުޅުން ހުރި އެންމެހާ ލިޔެކިޔުންތައް ބެހެއްޓެވުން ހަރުދަނާކުރެވޭނެ ނިޒާމެއް ޤާއިމްކުރައްވައި، އެ ނިޒާމް މިއަދު އިފްތިތާޙް ކުރައްވައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގަވާ ލޭންޑް އެންޑް ބިލްޑިންގ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ހަރުދަނާ ކުރެއްވުމަށް ޤާއިމްކުރެއްވި އިންފޮމޭޝަން ސިސްޓަމާއި ކިއު ސިސްޓަމް އިފްތިތާޙް ކޮށްދެއްވީ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ.

ބިންތަކުގައި ކުރަންޖެހޭ އެކި މަސައްކަތްތަކާއި ޢިމާރާތް ކުރުމަށް ބޭނުންވާ ހުއްދަދެއްވުން ފަދަ ޢާންމުންނާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލޭންޑް އެންޑް ބިލްޑިންގ ޑިޕާޓްމަންޓުން ކުރިޔަށް ގެންދަވައެވެ. އެ ޑިޕާޓްމަންޓަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ތަނެކެވެ. އެތާނގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވައި، ޚިދުމަތް އަވަސްކު ރެއްވުމަށާއި އަދި އެތަނުން ރައްކާތެރިކަމާއެކު ރަނގަޅު އިންތިޒާމެއްގެ ދަށުން ބަހައްޓަންޖެހޭ ކުރެހުންތަކާއި ލިޔުންތަކާއި އެކިކަހަލަ ރެކޯރޑްތައް ބެލެހެއްޓުން ހަރުދަނާ ކުރެއްވުމަށް ޤާއިމްކުރެއްވި އިންފޮމޭޝަން ސިސްޓަމާއި ކިއޫ ސިސްޓަމް އިފްތިތާޙް ކޮށްދެއްވީ ހުރަވީ ބިލްޑިންގައި ބޭއްވެވި ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒުއެވެ.

އިންފޮމޭޝަން ސިސްޓަމާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މީގެކުރިންވެސް ލޭންޑް އެންޑް ބިލްޑިންގ ޑިޕާޓްމަންޓްގައި ތަފާތު އެކި ގޮތްގޮތަށް މަޢުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށެވެ. އެހެންނަމަވެސް އެކަން ކުރައްވާފައިވަނީ މެނުއަލްކޮށް ކަމަށްވުމާއެކު، ބައެއް ފަހަރު މަޢުލޫމާތު ހޯއްދެވުމުގައި ދަތިތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އައު ނިޒާމުގެ ސަބަބުން، ހަރުދަނާ ގޮތެއްގައި ތަފާސްހިސާބުތައް ބެލެހެއްޓި ފަސޭހަކަމާއެކު ބޭނުންކުރެވިގެންދާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޑިޕާޓްމަންޓްގައި އެބަހުރި މީގެ 40 އަހަރު ކުރީގެ ލިޔުންތަކާއި ކުރެހުންތަކާއި ރަޖިސްޓްރީއާއި އެހެނިހެން ލިޔެކިޔުންތައް ފައިލްކުރެވިފައި. މިފައިލްތަކުގެ ސަބަބުން ގެއެއްގެ ކުރެހުމަށް ބަދަލެއް ގެންނަންޖެހުނަސް އެ ހުރިހާ ފައިލްތަކެއް ނަގައިގެން އެކުރެހުމެއް ހޯދަން ޖެހެނީ. އެހެންކަމުން އެފަދަ ކަމެއް ކުރަންޖެހިއްޖެނަމަ އެ ފައިލްތަކުން އެ ކުރެހުމެއް ހޯދުމަށް އެތައް ދުވަހެއް ނަގާ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވަރަށް ގިނަ ދުވަސް ނަގާ. ނަމަވެސް މި ކުރާ މަސައްކަތުން ފަސޭހަކަމާއެކު މި މައުލޫމާތުތައް ހޯދޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

ލޭންޑް އެންޑް ބިލްޑިންގެ ޚިދުމަތް އަވަސްކުރެއްވުމަށް ކުރައްވާފައި ހުރި އިތުރު މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ކުރެހުމެއް ފާސްކޮށްދެއްވުން އެ ޑިޕާޓްމަންޓަށް ހުށައަޅައިގެން މަދުވެގެން 3 މަސްދުވަސް އެކަމަށް ހޭދަވާ ކަމަށެވެ. ނަމަވެސް މިހާރު އެ ހުށައަޅާ ލިޔުމުގައި ހުރިހާ މަޢުލޫމާތެއް ހުރިނަމަ 3 ދުވަހުގެ ތެރޭގައި ފާސްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ލޭންޑް އެންޑް ބިލްޑިންގ ޑިޕާޓްމަންޓްގައި މީގެ 40 އަހަރު ކުރީގެ ލިޔެކިޔުންތައް ހުރިއިރު އެހުރިހާ ލިޔެކިޔުމެއް އަންނަ އަހަރު ޖޫން މަހުގެ ކުރިން އިންފޮމޭޝަން ސިސްޓަމްގެ ތެރެއިން ފެންނާނެގޮތް ހެއްދެވުމަށް ވަނީ މި ސިސްޓަމް ފުރިހަމަކޮށްދޭ ފަރާތާ ޙަވާލުކުރައްވާފައެވެ.