މުނިފޫހިފިލުވުން

އަރްމާން މާލިކް ރާއްޖެ އަތުވެއްޖެ


"ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލް"ގައި ބައިވެރިވުމަށް އިންޑިއާގެ މަޝްޙޫރު ލަވަކިޔުންތެރިޔާ އަރްމާން މާލިކް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލަކީ، ޓޫރިޒަމް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް ގުޅިގެން ބާއްވާ ބޮޑު މިޔުޒިކް ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި ޚާއްޞަ މެހެމާނެއްގެގޮތުގައި ބައިވެރިވުމަށްޓަކާ އަރްމާން މާލިކް ރާއްޖެއައުމާއެކު، ޕީއެސްއެމުން ވަނީ އޭނާއަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޚަބާއެއް ކިޔާފައެވެ.

ލަވަކިޔުމުގެ ދާއިރާއިން އާއްމުންގެ މެދުގައި އަރްމާން މާލިކް މަޝްޙޫރު ވެފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. "ކިންގް އޮފް ރޮމޭންޓިކް ސޯންގްސް"ގެ ގޮތުގައި އާއްމުންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ އަރްމާން ވަނީ މިހާތަނަށް އިންޑިއާގެ 100 އަށްވުރެ ގިނަ ކޮމާޝަލް ފިލްމަށް ލަވަ ކިޔާދީފައެވެ. އަދި ބޮލީވުޑްގެ 16 ފީޗަރ ފިލްމަކަށްވެސް އޭނާ ލަވަ ކިޔައިދީފައިވެއެވެ.

އިންޑިއާގެ މަޝްޙޫރު މިއުޒިކް ޑިރެކްޓަރ ޑަބޫ މާލިކްގެ ދަރި އަދި އަނޫ މާލިކަށް ބޮޑުބޭބެ ކިޔާ އަރްމާން ލަވަކިޔާދީފައިވާ ފިލްމްތަކުގެ ތެރޭގައި "ޖެއި ހޯ"، "ހޭޓް ސްޓޯރީ – 3"، "ސަނަމް ރޭ"، "ކަޕޫރް އެންޑް ސަންސް" އަދި "ބާރް ބާރް ދޭކޯ" ފަދަ ފިލްމްތަކަކީ ބެލުންތެރިންގެ ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ފިލްމްތަކެކެވެ. އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރެއިން " ވަޖާ ތުމް ހޯ"، "ތުމޭ އަޕްނާ ބަނާނޭކާ" އަދި "ސޯ އާސްމާނޯކޯ" ފަދަ ލަވަތަކަކީ މިހާރުވެސް ގިނަ ޒުވާނުން ތަކެއްގެ މެދުގައި މަޤްބޫލް އަދި އަޑު އަހާލަންވެސް ހިތްގައިމު ލަވަތަކެކެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިންޑިއާގެ އެންމެ ބޮޑު އަދި އެންމެ މަޤްބޫލް އެއް ކުންފުނިކަމުގައިވާ "ޓީ ސީރީޒް"ގެ އުފެއްދުންތަކަށް ލަވަ ކިޔާދޭ އަރްމާން މީގެ ކުރިން ވަނީ "ޔުނިވަރސަލް މިއުޒިކް އިންޑިއާ"ވެސް ތަމްސީލްކޮށްދީފައެވެ. މި މަހުގެ 30 ން 31 އަށް އަލިމަސް ކާނިވަލުގައި ކުރިއަށްދާ ސަނީ ސައިޑް މިއުޒިކް ފެސްޓިވަލްގައި އަރްމާން މާލިކްގެ ހިތްގައިމު ހުށަހެޅުންތައް ފެނިގެންދާނެއެވެ.

އޭނާގެ ހުށައެޅުންތައް ފެނިގެންދާނީ މި ފެސްޓިވަލުގެ އެންމެ ފަހު ޝޯވގައެވެ. އާރްމާންގެ އިތުރުން، މިފަހަރުގެ ޝޯވގައި ރާއްޖޭގެ ބައެއް މަޝްޙޫރު ލަވަކިޔުންތެރިންނާއި، މިއުޒިކް ބޭންޑްތަކުގެ ފޯރިގަދަ ހުށައެޅުންތަކެއްވެސް ފެނިގެންދާނެއެވެ.