ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން އެފަދަ 100 ފަރާތަކަށް ވަޒީފާ ދީފިއެވެ.
މި ސަތޭކަ ފަރާތަށް ވަޒީފާ ލިބުނުކަން އެންގުމުގެ ގޮތުން ލިޔުން ޙަވާލުކުރެއްވުމަށް ޚާއްސަ ރަސްމިއްޔާތެއް އަންނަ އާދީއްތަ ދުވަހު ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިހުރިހާ ފަރާތަކަށްވެސް ވަޒީފާ ހަމަޖައްސަވާފައިވަނީ ފެނަކައިން އަތޮޅުތަކުގައި ހިންގާ ބްރާންޗްތަކުންނެވެ.
ފެނަކައިން ބުނީ ސަރުކާރުން ފައްޓަވާފައިވާ މި މުހިއްމު މަސައްކަތްތަކުގައި އެކުންފުނިން މީގެ ކުރިންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތަތްކަށް ވަޒީފާގެ ފުރުޞަތު ދީފައިވާކަމަށެވެ. އަދި މިކަން އެކުންފުނިން ކުރަމުން އަންނަނީ ޤައުމީ ރޫހުގައިކަމަށް އެކުންފުނިން ބުނެއެވެ. ވަޒީފާ ދިން މި 100 މީހުނަށް ލިޔުން ޙަވާލުކުރާ ރަސްމިއްޔާތަށް މިފަރާތްތަށް ޢާއިލާގެ މެންބަރަކާއެކީ މާލެ ގެނައުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން ކުރަވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރު ޙިއްސާވާ ބޮޑެތި ކުންފުނިތަކުން މިފަދަ މީހުންނަށް ވަޒީފާ ހަމަޖައްސައިދީ އެމީހުންނަށް ހާއްސަ ތަމްރީން ތަކެއް ވަނީ ދީފައެވެ.