ޚަބަރު

ހޮޅުދޫގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސް އިން ނ. ހޮޅުދޫގައި އައު ބްރާންޗެއް ހުޅުވާ ޚިދުމަތް ދޭން ފަށައިފިއެވެ. 

މިއީ އެ ބޭންކުން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އަތޮޅުތަކުގައި އަލަށް ހުޅުވަން ނިންމާފައިވާ ބްރާންޗްތަކުގެ ތެރެއިން އެއް ބްރާންޗެވެ. މި ބްރާންޗުގައި ސައުވީސް ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ. އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޭންކުގެ ރަސްމީ ގަޑީގައި އެހީތެރިވުމަށް މި ބްރާންޗްގައި މުވައްޒަފުން މަސައްކަތް ކުރާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. 

ނ ހޮޅުދޫގައި ބީއެމްއެލްގެ ބްރާންޗެއް ރަސްމީކޮށް ހުޅުވީ އިއްޔެ ރަށުގައި ބޭއްވި ހަފްލާއެއްގައެވެ. މި ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ހޮޅުދޫގެ ރައްޔިތުންނާއި ވިޔަފާރިތަކާއި މުޅި މުޖުތަމައަށް މި ބްރާންޗް މެދުވެރިކޮށް އެހީތެރިކަން ދެވޭ ކަމީ ބީއެމްއެލްއިން ދެމުން އަންނަ ޚިދުމަތްތަށް އަނެއްކާވެސް ފުޅާވެގެން ދިޔަކަމެއްކަމަށެވެ. 

މި އިންވެސްޓްމަންޓަކީ މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކުރުމަށާއި 150 އާ ވަޒީފާ އުފެއްދުމަށް ދާދިފަހުން ބޭންކުން ނިންމާފައިވާ ޕްރޮގްރާމްގެ ދަށުން ކުރި އިންވެސްޓްމަންޓެކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލްއިން އަންނަނީ ޚިދުމަތް ދެމުންނެވެ.