ވިޔަފާރި

ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އިތުރުވެއްޖެ


މިދިޔަ ނޮވެމްބަރުމަހު ސްރީލަންކާއަށް ދިޔަ ދިވެހިންގެ އަދަދު ފާއިތުވީ އަހަރުގެ ނޮވެމްބަރު މަހަށްވުރެ 6.6 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ސްރީލަންކާގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ލަންކާއަށް ދިޔަ ދިވެހިންގެ އަދަދަކީ އަށްހާސް ސަތޭކަ ނުވަދިހަ މީހުންނެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ސްރީލަންކާއަށް ދިޔަ ދިވެހިންގެ އަދަދަކީ ނުވަހާސް ނުވަސަތޭކަ ސާޅީސް އަށެކެވެ. މިއީ މިދިޔަ އަހަރަށްވުރެ 21 އިންސައްތަ އިތުރު އަދަދެކެވެ. 

ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއިން ސްރީލަންކާއަށް ދަތުރުކުރި މީހުންގެ އަދަދަކީ ހަތްދިހަ ހަތަރު ހާސް ތިންސަތޭކަ ސާޅީސް ދެ މީހުންނެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް ސްރީލަންކާއަށް ދަތުރުކޮށްފައިވާ ދިވެހިންގެ އަދަދަކީ ހަތްދިހަ ނުވަހާސް ދުއިސައްތަ ފަންސާސް ފަސް މީހުންނެވެ. ސްރީލަންކާގެ ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ސްރީލަންކާއަށް އެންމެ ގިނައިން ފަތުވެރިން ޒިޔާރާތްކުރި ގައުމުތަކުގެ ތެރެއިން ރާއްޖެ ހިމެނެނީ ހަވަނަގައެވެ. 

ނޮވެމްބަރު މަހު ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އިތުރުވިއިރު ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހަކީ އެންމެ ގިނައިން ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މަހެވެ. އެހެންވުމުން މިއަހަރުގެ ޑިސެމްބަރުމަހު ސްރީލަންކާއަށް ދާ ދިވެހިންގެ އަދަދު މިދިޔަ އަހަރަށްވުރެ އިތުރުވާނެކަމަށް ސްރީލަންކާގެ ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.