ވިޔަފާރި

ސައިކަލް ޓެކްސީގެ ޚިދުމަތް ޖެނުއަރީމަހު ފަށާނެ- މިނިސްޓްރީ


ސައިކަލު ޓެކްސީގެ ޚިދުމަތް އަންނަމަހު ފެށޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ސައިކަލް ޓެކްސީ ކުރުމާ ބެހޭގޮތުން ސަރުކާރުން އެކުލަވާލައްވާފައިވާ ޤަވާޢިދާ އެއްގޮތަށް އެ ޚިދުމަތް ދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލެއްވުމުން ހަތަރު ފަރާތަކުން މި ޤަވާޢިދާ އެއްގޮތަށް ސައިކަލް ޓެކްސީކުރުމަށް ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. 

ހަތަރު ފަރާތަށް މިކަމަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު މިހާރު ދެއްވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީން މި ފުރުޞަތު އަލުން ހުޅުވާލައްވާފައި މިވަނީ މި ޚިދުމަތް ދިނުމަށް މީގެ ކުރިން ހުއްދަދެއްވާފައިވާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނިކަމަށްވާ ރައިޑް މޯލްޑިވްސްއިން ޓެކްސީކުރުމުގެ ޤަވާޢިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ޚިދުމަތް ފެށުން ލަސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ސައިކަލް ޓެކްސީގެ ޤަވާއިދުގައި މިހާރު ބުނެފައިވާ ގޮތުން ސައިކަލް ޓެކްސީގައި ކުރާ ދަތުރުތަކުގެ 50 އިންސައްތަ ވާންޖެހޭނީ މަގުމަތިން އިޝާރާތްކޮށްގެން ހޯދާ ދަތުރުތަކަށެވެ. އަދި އަނެއް 50 އިންސައްތަ ވާން ޖެހޭނީ ސައިކަލް ޓެކްސީ ކުރުމަށް ޚާއްސަކޮށްފައިވާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ކުރެވޭ ދަތުރުތަކަށެވެ. ޤަވާއިދުގައި ބުނާ ގޮތުން ސައިކަލު ޓެކްސީ ކުރާ ޑްރައިވަރަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން ޓެކްސީ ކުރާ މީހަކަށް ވާން ޖެހެއެވެ. ޑްރައިވަރުންގެ ގޮތުގައި ތިބެވޭނީ ދިވެހިންނަށް ކަންވެސް މި ޤަވާއިދުގައި ފާހަގަކޮށްފައިވެއެވެ.