ސޫރިޔާގެ ތާރީޚީ ރަށެއްކަމަށްވާ ޕަލްމައިރާ އަނެއްކާވެސް އައި.އެސް ހަނގުރާމަވެރިންގެ އަތްދަށަށް ގެންގޮސްފިކަމަށް ސޫރިޔާގެ ހަނގުރާމައިގެ މަސްރަޙް ދިރާސާކުރާ ގްރޫޕަކުން ބުނެފިއެވެ.
ސޫރިޔާގެ ސަރުކާރުން، ޕަލްމައިރާ އައި.އެސްގެ އަތްދަށުން ސަލާމަތްކޮށްފައިވަނީ މިއަހަރުގެ މާރޗްމާހުގައެވެ.
ސޫރިޔާގެ ތާރީޚީ ސިޓީއެއްކަމަށްވާ ޕަލްމައިރާގެ ތެރެއަށް ހައްދުފަހަނައަޅާފައިވާ އައި.އެސް ހަނގުރާމަވެރިން އަލުން ވަދެގަނަތީ، ދެދުވަސްވަންދެން ސޫރިޔާ އަދި ގުޅިފައިވާ ރަޝިއާގެ ފައުޖުތަކާ ދެމެދު ބަދަލުކުރެވުނު ވަރުގަދަ ކުރިމަތިލުންތަކަކަށްފަހުގައެވެ.
ސޫރިޔާގެ ހަނގުރާމައިގެ މަސްރަޙް ދިރާސާކުރާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ވަނީ ޕަލްމައިރާ އަލުން އައި.އެސްގެ އަތްދަށަށް ގެންގޮސްފައިވާކަން ކަށަވަރުކޮށްދީފައެވެ. ހަމަމިއާއެކު އައި.އެސްއަށް ނިސްބަތްވާ އަމަޤް ނިއުސް އެޖެންސީއިން ވަނީ ޕަލްމީރާ އައި.އެސްގެ އަތްދަށަށް އަލުން ގެނެވިފައިވާކަމަށް ރިޕޯޓްކޮށްފައެވެ. އަމަޤުން މިކަމާ ގުޅުން ހުރި ވީޑިއޯތަކެއްވެސް ޢާންމުކޮށްފައިވެއެވެ.
ނަމަވެސް ސޫރިޔާގެ ސަރުކާރާ ގުޅިފައިވާ ރަޝިއާގެ ފައުޖުތަކުން ވަނީ ޕަލްމައިރާ އައި.އެސްގެ އަތްދަށަށް ގޮސްފައިވާކަމަށް ފެތުރޭ ޚަބަރުތައް ދޮގުކޮށްފައެވެ. ސޫރިޔާ ސަރުކާރުން ބުނަމުންދަނީ އައި.އެސް ހަނގުރާމަވެރިންނަށް ޕަލްމައިރާގެ ކޮންޓްރޯލް ލިބިފައި ނުވާކަމަށާ އަދިވެސް އެ ސިޓީގެ ކޮންޓްރޯލް އޮތީ ސޫރިޔާ ސަރުކާރުގެ އަތްދަށުގައި ކަމަށެވެ.
އައިއެސް ޖަމާޢަތުން ޕަލްމައިރާގެ ކޮންޓްރޯލް ހޯދާފައި ވަނީ 2015 ވަނަ އަހަރުގެ މޭމަހުގައެވެ. އދ ގެ ޔުނެސްކޯއިން ތާރީޚީ ގޮތުން ރައްކާތެރިކޮށްފައިވާ ތަނެއްގެ ގޮތުގައި އިޢުލާންކޮށްފައިވާ ޕަލްމައިރާގެ ކޮންޓްރޯލް އަލުން ހޯދުމަށް ސޫރިޔާ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތް ފަށާ އެކަން ކާމިޔާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާރޗްމަހުގެ ތެރޭގައެވެ.
އައި.އެސް ހަނގުރާމަވެރިންގެ އަތްދަށަށް ޕަލްމައިރާ ގެނައުމަށް އެޖަމާޢަތުން އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ. މިކަމާ ގުޅިގެން ސޫރިޔާގެ ސަރުކާރަށް ހަނގުރާމައިގައި އެހީތެރިވަމުންދާ ރަޝިއާ އަސްކަރިއްޔާގެ ޖެޓުތަކުން ރޭ ވައިގެމަގުން ދިން 64 ޙަމަލާއެއްގައި އައި.އެސްގެ 300 ހަނގުރާމަވެރިން މަރާލާފައިވާކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.
މިކަމުގެ ރައްދުގައި 4000 އައި.އެސް ހަނގުރާމަވެރިން ސޫރިޔާގެ ސަރުކާރާ ގުޅިފައިވާ ރަޝިއާގެ ފައުޖުތަކާ ކުރިމަތިލުމަށްފަހު ޕަލްމައިރާ އަލުން އެމީހުންގެ އަތްދަށަށް ގެންގޮސްފައިވާކަމަށް އަމަޤް ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.