ވިޔަފާރި

ޗެކް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަށް ސަމާލުވޭ!


މިއަހަރުގެ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗެކް ކްލިއަރިންގގެ މަރުޙަލާ އޮޓޮމޭޓްކުރެއްވުމާ ގުޅިގެން، ޗެކް ލިޔުމަށްފަހު އެއްވެސް ބަދަލެއް ގެނެސްފައިވާ ޗެކްތައް 1 ޖެނުއަރީ 2017 އިން ފެށިގެން އެއްވެސް ފަރާތަކުން ބަލައިނުގަތުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން އިލްތިމާސްކުރައްވައިފިއެވެ. އެމްއެމްއޭއިން މިކަމަށް މި އިލްތިމާސްކުރެއްވީ  ޗެކް ކްލިއަރިންގގެ މަރުޙަލާ އޮޓޮމޭޓް ކުރެއްވުމާ ގުޅިގެން، ދިމާވެދާނެ ބައެއް މައްސަލަތައް ޙައްލުކުރެއްވުމަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ބޭންކްތަކަށް ޖަމާކުރެވޭ ޗެކްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ކުލިއަރކުރެއްވުމުގެ މަސައްކަތް ފެއްޓެވުމުގެ ކުރިން މިކަން ކުރައްވަމުން ގެންދެވީ މެނުއަލްކޮށް، މޯލްޑިވްސް މަނިޓަރީ އޮތީރިޓީގައެވެ.

ބޭންކްގެ ރަސްމީ ކޮންމެ ދުވަހަކު ބޭންކްތަކުގެ ކަމާބެހޭ އޮފިޝަލުން އެމްއެމްއޭއަށް ވަޑައިގެން، އެއްތަނެއްގައި ތިއްބަވައިގެން، މެނުއަލްކޮށް ކުރައްވަމުން ގެންދެވި ޗެންކުލިއަރެންސްގެ މަސައްކަތް އިލެކްޓްރޯނިކް ނިޒާމަކުން ކުރައްވަން ފެއްޓެވީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މިކަމުގެ އެންމެ ބޮޑުފައިދާއަކީ، ބޭންކްތަކަށް ޖަމާކުރެވޭ ފައިސާގެ ޗެން ކުލިއަރެންސް ހެދުން އަވަސްކުރެވި، އެ ޗެކްތަކުގެ ފައިސާ ލިބެންވާ ފަރާތްތަކަށް ލިބުން އަވަސްވުމާއި ބޭންކްގެ ނިޒާމްގެ މަސައްކަތްތައް ލުއިވެ ވަގުތު ސަލާމަތްކުރުމަށް މަގުފަހިވުމެވެ.

ޚާއްޞަކޮށް، އޮޓޮމޭޓެޑް ކްލިއަރިންގ ސިސްޓަމް ތަޢާރަފްވުމުން ޗެކްތައް ކްލިއަރކުރުމުގެ މަސައްކަތްތައް ލުއިވެ، ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ޗެކްތަކަށް އަވަހަށް ފައިސާ ލިބިގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. މި ސިސްޓަމް ޤާއިމްކުރުމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ ބޭންކެއްގެ ބްރާންޗަކުންވެސް ޗެކް ސްކޭންކުރުމަށްފަހު ކްލިއަރިންގއަށް ހުށަހެޅުމުގެ މަގު ވަނީ ފަހިވެފައެވެ. އަދި އެމްއެމްއޭގެ ބޭނުމަކީ މާލެއާ އެއްފަދައިން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ބޭންކިންގ ސިސްޓަމް ހަރަދުނާކުރެއްވުންކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.