ވިޔަފާރި

14 ދުވަހުގެ ތެރޭގައި 8 ލިލިއަނަށްވުރެ ގިނަ ޑޮލަރު ވިކިއްޖެ


ރާއްޖެއިން ބޭރަށް ފުރާ ދިވެހި ޢާންމުންނަށް 14 ދުވަހުގެ ތެރޭގައި އެމްއެމްއޭއިން 8 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކަވާފައިވާކަމަށް ބޭންކުން ހާމަކުރައްވައިފިއެވެ.

މިދިޔަ މަހުގެ 20 ގައި އެމްއެމްއޭއިން ޑޮލަރު ވިއްކަވަން ފަށްޓަވައި، ބަންދު ދުވަސްތައް ނުހިމަނައި ހޭދަވި މި 14 ދުވަހުގެ ތެރޭގައި ވިއްކެވި ޑޮލަރުގެ ޢަދަދަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކަށް 5 ލައްކަ ޑޮލަރު ޖެހެއެވެ.

އެމްއެމްއޭއިން މީގެ ކުރިން ވިޔަފާރި ބޭންކުތައް މެދުވެރިކުރައްވައި ވިއްކަވަމުން ގެންދެވި ޑޮލަރ، ސީދާ އެމް.އެމް.އޭގައި ވިއްކެވުމަށް ނިންމަވާފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ޢާންމުންނަށް ޑޮލަރު ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުންނެވެ. ޑޮލަރު ދޫކުރެއްވުމުގެ މަސައްކަތް ހަލުވިކުރައްވައި ޢާއްމުންނަށް ލުއިފައްސޭހަވާނެހެން ކުރިއަށް ގެންދެވުމަށް އެމްއެމްއޭއިން ވަނީ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ.

އެމްއެމްއޭއިން ކޮންމެ ދުވަހަކުވެސް ޑޮލަރު ވިއްކަވަމުން ގެންދަވާނީ، ކުރިއަށް އޮންނަ 7 ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަންޏެވެ. ނޮވެމްބަރުގެ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭއިން 8 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކަވާފައިވާއިރު ދިވެހި ރުފިޔާއިން ބަލައިފިނަމަ މިއީ 125 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި އަދަދަށް ޑޮލަރު ދޫކުރައްވާފައިވަނީ 5885 މީހަކު ގެންދިޔަ 16،310 ޓިކެޓަށެވެ.

19 ދުވަސް ތެރޭގައި ހަމައެކަނި ޑޮލަރު ގަތުމަށް 16310 ޓިކެޓް އެމްއެމްއޭއަށް ހުށަހަޅާފައިވާއިރު މިހާރު ރާއްޖެއިން ބޭރަށް ދާން އެއަރލައިންތަކުން ޓިކެޓް ވިއްކާ އަގުތަކަށް ބަލާނަމަ އެންމެ އަގުހެޔޮކޮށް ޓިކެޓެއް ލިބޭ އަގަކީ 110 ޑޮލަރަށްކަމަށް ބަލާ ހިސާބުތައް ހަދައިފިނަމަ ރާއްޖެއިން ބޭރަށްދާން ޓިކެޓް ގަތުމަށް ދިވެހިން ވަނީ 1 މިލިއަނަށްވުރެ ގިނަ ޑޮލަރު ޓިކެޓްގަތުމަށްވެސް ޚަރަދުކޮށްފައެވެ. މިއީ ދިވެހި ރުފިޔާއިން ބަލައިފިނަމަ ހަތާވީސް މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

ޓިކެޓް ގަތް އަގާ އެމްއެމްއޭއިން ޑޮލަރު ގަނެފައިވާ މިންވަރަށް ބަލާ ހިސާބުތައް ހަދާލުމުން 152 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހިން ވަނީ ވޭތުވެ ދިޔަ 19 ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރުމަށް ޚަރަދުކޮށްފައެވެ. އިޤްތިޞާދުގެ ތެރެއިން މިހާގިނަ ފައިސާތަކެއް ޑޮލަރުގެ ގޮތުގައި ރާއްޖެއިން ބޭރަށްދާއިރު މިކަމާމެދު ވިސްނާލުމަކީވެސް މުހިއްމު ކަމެކެވެ.

ރާއްޖޭގެ ޢާންމުންގެ އަތުގައި ފައިސާ ނެތްކަމަށްބުނެ ވަކާލާތުކުރާ ގިނަބަޔަކު ތިބިއިރު އަދި އިޤްތިޞާދު ކުރިނާރާކަމަށް ބުނާ ގިނަބަޔަކު ތިބިއިރު އެންމެ 19 ދުވަހުގެ ތެރޭގައި ޤައުމުން ބޭރަށް ދިވެހިން 8 މިލިއަންނަށްވުރެ ގިނަ ޑޮލަރު ގެންދިއުމަކީ ދިވެހިންނަކީ އިޤްތިޞާދީގޮތުން ކިހާ ފުދުންތެރި ބައެއްކަން ދައްކުވައިދޭ އަދަދެއްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

މިއަހަރު އަވަށްޓެރި ސްރީލަންކާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ސްރީލަންކާއަށް މިއަހަރު އެންމެ ގިނައިން ޒިޔާރާތްކޮށްފައިވާ ބޭރު ޤައުމެއްގެ ބަޔަކީ ދިވެހިންނެވެ. ރާއްޖެއިން ބޭރަށް ފުރާ ދިވެހިންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހަކީ ދިވެހިންގެ އެންމެ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ފުރާ މަހުގެ ގޮތުގައި ރިކޯޑްކޮށްފައިވާ މަހެވެ.

މިދިޔަ މަހުގެ ވިހީގައި އެމްއެމްއޭއިން ޑޮލަރު ވިއްކަވަން ފަށްޓަވައި، ބަންދު ދުވަސްތައް ނުހިމަނައި ހޭދަވި މި 14 ދުވަހުގެ ތެރޭގައި ވިއްކެވި ޑޮލަރުގެ ޢަދަދަކީ 8 މިލިޔަން ކަމަށްވެފައި މިފައިސާއިން އެވްރެޖްކޮށް ދުވާލަކަށް ޖެހޭވަރަށް ބަލާއިރު އެއީ ކޮންމެ ދުވަހަކަށް 5 ލައްކަ ޑޮލަރެވެ. އަދި އެއީ ޓިކެޓަކަށް ނުވަތަ ދަތުރުކުރަން ޑޮލަރު ގަނެފައިވާ ކޮންމެ މީހަކަށް 490 ޑޮލަރެވެ.