މިދިޔަ ނޮވެމްބަރުމަހު ދައުލަތަކުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ދައުލަތަށް 1.01 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކުރައްވައިފިއެވެ. މިއީ މިދިޔަ މަހު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެއްވި އާމްދަނީއަށްވުރެ %29 އިތުރު ޢަދަދެކެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ނޮވެމްބަރު މަހު މީރާ މެދުވެރިވަޑައިގެން ދައުލަތަށް 1.01 ބިލިއަން ރުފިޔާގެ އާމްދަނީ އިތުރުވެފައިވަނީ ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. މި ޓެކްސްތަކަކީ މިއަހަރު އަލަށް ނަންގަވަން ފެއްޓެވި ޓެކްސްތަކެކެވެ.
މިދިޔަ މަހު ދައުލަތަށް ލިބުނު ޢާމްދަނީ 1 ބިލައަނަށްވުރެ އިތުރުވެފައިވާއިރު މިޢަދަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު %21 އިތުރު އަދަދެކެވެ. ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މަހު 57.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ރެމިޓެންސް ޓެކްސްގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ލިބުނު އިރު، ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 87.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ޓީޖީއެސްޓީގެ ޢާމްދަނީ ވަނީ 525.10 މިލިއަން ރުފިޔާއަށް އަރާފައެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މީރާއަށް ލިބިވަޑައިގެން ޖުމުލަ އާމްދަނީ 13.29 ބިލިއަން ރުފިޔާއަށް އަރައެވެ.