ރިޕޯޓް

މެހެމާނުންނަށް މަރުޙަބާ ދެންނެވުމަށް ގެމަނަފުށި އޮތީ ތައްޔާރަށް


މިއަހަރުގެ މަސްވެރިންގެ ދުވަހަށް ގއ. ގެމަނަފުއްޓަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށްވެސް މަރުޙަބާ ދެންނެވުމާއި މެހެމާންދާރީ އަދާކުރެއްވުމުގެ ގޮތުން ޚާއްޞަ ކަންތައްތަކެއް ރާވާފައިވާ ކަމަށް ގެމަނަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް މާދަމާ ފާހަގަ ކުރާއިރު ރާއްޖޭގެ އެކިި ކަންކޮޅުތަކުން އެރަށަށް މީހުންދަނީ ޒިޔާރަތް ކުރަަމުންނެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަކަކުރާ ރަށެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ އެކިއެކި ހަރަކާތްތައް މާދަމާއިން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގެމަނަފުށީގައި ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެރަށަށް މީހުން ޒިޔާރަތް ކުރާނެއެވެ. ގެމަނަފުށީ ކައުންސިލުން ވިދާޅުވީ މަސްވެރިންގެ ދުވަހާއި ގުޅިގެން ރަށަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް މަރުޙަބާ ދެންނެވުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި މަރުޙަބާ ދެންނެވުމާއި މެހެމާންދާނީ އަދާކުރެއްވުމަށް ވަރަށް ފުރިހަމައަށް އެރަށުން ތައްޔާރުވެފައިވާ ކަމަށެވެ.

ރަށަށް ޒިޔާރަތް ކުރައްވާ ފަރާތްތަަކަށް 5 ވައްތަރެއްގެ މަރުހަބާއެއް ކިޔަން ހަމަޖެހިފައިވާ ކަމަށް ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޝިޔާމް ވިދާޅުވިއެވެ. މީގެތެެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ ޙާއްސަ މަރުޚަބާއަކާއި، ފިޝަރީޒް މިނިސްޓަރަށް އަރުވާ ޚާއްސަ މަރުޙަބާއެއް ހިމެނޭކަމަށް ޝިޔާމް ވިދާޅުވިއެވެ. މިގޮތުން މަރުޙަބާ ދެންނެވުމުގެ ހަރަކާތްތަކަށް ރަށުގެ އެކިއެކި ގްރޫޕްތައް ދުރާލާ ތައްޔާރުވެފައިވާކަން ޝިޔާމް ފާހަަގަ ކުރެއްވިއެވެ. މަރުޙަބާ ދެންނެވުމުގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ ދެ ޝޯވއަށްވެސް ފުރިހަމައަށް ތައްޔާރުވެފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. މި ޝޯވތަކުގައި ހުވަދުއަތޮޅުގެ ސަޤާފީ ބައެއް ކަންތައް ދައްކާލުމާއި ގެމަނަފުށީ ޒުވާނުންގެ ނެށުމާއި ޑްރާމާތައް ފެށިގެންދާނެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ބުނީ މިފަދަ ޤައުމީ ބޮޑު ކަމެއް ރަށުގައި ފާހަގަކުރާއިރު މިކަމުގައި ބައިވެރިވުމަކީ ލިބޭ ބޮޑު އުފަލެއް ކަމުގައެވެ.

ރަށުގެ ހުރިހާ ދިމާލަކުންވެސް މިހާރު ފެންވަމުންދަނީ ރަށުތެރެ ޒީނަތްތެރި ކުރުމާއި ރަށުތެރެ ސާފުކުރުމުގައި ރައްޔިތުން މަސައްކަތް ކުރަމުންދާ މަންޒަރެވެ. ރާއްޖޭގައި މިހާތަނަށް މަސްވެރިންގެ ދުވަސް ފާހަގަ ނުކުރާހާ ފުރިހަމައަށް މިފަހަރުގެ މަސްވެރިންގެ ދުވަސް ގެމަނަފުށީގައި ފާހަގަ ކުރުމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެފައިވެއެވެ.