ސުޕްރީމް ކޯޓުގެ ބެންޗުގައި މިވަގުތު ތިއްބެވީ ރާއްޖޭގެ އެންމެ ޤާބިލް ފުންނާބު އުސް ފަނޑިޔާރުންކަމަށާއި، ސުޕްރީމް ކޯޓުގެ މަސައްކަތްތަކާއި މެދު ސުވަލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމް ކުރުމަށް، ޝަރުއީ ނަޒަރަކުން ބަލައިލުން" މިނަމުގައި ޖުޑިޝަރީން އިންތިޒާމްކުރައްވައިގެން ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަްބދުލްޤައްޔޫމް ވިދާޅުވީ، ވިޔަފާރިއަށް ފަހި މާހައުލެއް އޮންނަ ޤައުމެއްގެ ގޮތުގައި ރާއްޖެ ލޭބަލްވުމަށް ބޭނުންވާތީ އެކަމަށް މަގުފަހިކުރުމަށް ޝަރުއީ ދާއިރާގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ދަންނަވާފައިވާނެކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ވިޔަފާރިއާ ގުޅޭ ބޮޑެތި މައްސަލަތައް ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ނިންމަވާ ދެއްވާނެ ކަމުގެ ޔަގީންކަން އުއްތަމަ ފަނޑިޔާރު ދެއްވާފައިވާކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ބޭރުގެ ފަރާތްތަކުން ލިޔާ ރިޕޯޓްތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ ގާބިލްކަމާމެދު ސުވާލު އުފައްދައި ވާހަކަތައް ލިޔާ ކަން ފާހަގަކުރައްވާ، އެކަން އޮތީ އެގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ގާބިލްކަމަށް ބަލާއިރު އެގޮތަށް ސުވާލު އުފެއްދިގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14809442511010.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ
ރައީސްގެ ވާހަކަފުޅުގައި ވަނީ ޝަރުޢީ ދާއިރާގެ އިތުބާރު ގެއްލެން ދިމާވާ ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، ޝަރުއީ ކޯޓެއްގެ ތައްގަނޑު ނަކަލުކޮށް ކޯޓު އަމުރެއް ހަދައިގެން ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރަން އުޅެފައިވާ ކަމަށެވެ. މިފަދަ ކަންކަމުން ރާއްޖޭގެ އަގު ވެއްޓެމުންދާކަމަށާއި، މިފަދަ މައްސަލަތަކަކީ ޤައުމުގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަށްޓަކައި ކުރެވިގެން ވާނެ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވިއެވެ. މިކަންކަމުގެ ގެއްލުން މުޅި ޤައުމަށް ލިބި އިތުބާރުގެ މައްސަަލަަތައް ކުރިމަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.
ހޮޓެލް ޖެންގައި ފެއްޓެވި މި ކޮލޯކިއަމްއަކީ ވާރލްޑް ބޭންކުގެ ޑުއިންގ ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ އަހަރަކަށްވުރެ އަހަރެއް ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އިސްނެއްގެވުމުގެ މަތިން އިކޮނޮމިކް މިނިސްޓްރީއާއި ޝަރުޢީ ދާއިރާ ގުޅިގެން ކުރިއަށް ގެންދަވާ ކޮލޯކިއަމްއެކެވެ. މި ކޮލޯކިއަމް ކުރިއަށްދާއިރު މަޝްވަރާކުރެވޭ ކަންތައްތަކުގެ ތެރޭގައި ވިޔަފާރީގެ މައްސަލަތަކުގައި ޢަމަލުކުރާ ޢިޖުރާއަތްތަކުތަކާ ގުޅޭ ބައިތަކާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތެރެއިން ހަމަޖައްސަންޖެހޭ ބައެއް ކަންތައްތައް ފުރިހަމަވެފައިވާ މިންވަރު ވަޒަންކުރުން ހިމެނެއެވެ. އަދި މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމާއި އެއްބަސްވުން ތަންފީޛުކުރުމުގެ މަރުޙަލާ ފުރިހަމަކުރުމުގައި ޝަރުޢީ މަރުޙަލާގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންކަން އަވަސްކަމާއި ހަލުވިކަމާއެކު ފުރިހަމަ ކުރުމަށްޓަކައި ޝަރުޢީ ދާއިރާގެ ތެރެއިން ކުރެވެން ހުރި ކަންތައްތަކާއި ހަމަޖައްސަންޖެހޭ އިންތިޒާމްތަކާ ގުޅޭގޮތުންވެސް، މި ކޮލޯކިއަމްގައި މަޝްވަރާކުރެވިގެންދާނެއެވެ.
img:http://s3.psmnews.mv/images/660x400/14809443547711.jpg|"ޝަރުއީ ނަޒަރަކުން ބަލައިލުން" މިނަމުގައި ބޭއްވި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ބިން ވިއްކުމުގެ މުޢާމަލާތުތައް ކުރިއަށް ގެންދިއުމުގެ އިޖުރާއަތުތަކަކީ ޑުއިންގ ބިޒްނަސް އިންޑެކްސްގައި އިގްތިސާދީ ސަރަހައްދުތައް ދަރަޖަކުރުމުގައި ވަޒަންކުރާ ދާއިރާތަކުގެ އެއްދާއިރާއެވެ. ބިމާ އިމާރާތް ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ބޭނުންކުރެވިދާނެ ވަކި ސްޓޭންޑަޑް އެގްރިމެންޓެއް ނެތުމުގެ ސަބަބުން މިފަދަ މައްސަލަތައް ކޯޓްތަކަށް ހުށަހެޅޭއިރު އެގްރިމެންޓް ތަންފީޒު ކުރުމައްޓަކައި އެގްރިމެންޓުގައި ކޮންމެހެން ހިމަނެންޖެހޭ ބައެއް މައުލޫމާތު ހިމަނާފައި ނުހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ތައްޔާރުކުރާ ބިމާއި އިމާރާތް ގަނެވިއްކުމުގައި ބޭނުންކުރާ ސްޓޭންޑަޑް އެގްރިމެންޓް މި ކޮލޯކިއަމްގައި ވަނި ޕްރޮމޯޓްކޮށްދެއްވާފައެވެ. އަދި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ތަފާސް ހިސާބުގެ ތެރޭގައި ހިމެނުމަށް އުއްމީދުކުރާ ބައިތައް ދެނެގަނެ ސްޓޭކް ހޯލްޑަރުންގެ ޚިޔާލު ވަނީ މި ކޮލޯކިއަމްގެ ތެރެއިން ހޯއްދަވާފައެވެ.
ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހިސާބުން މަތީ ހަރުފަތަކަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދު ފުއްދުމަށް ސަރުކާރުން މިހާތަނަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ފެނިފައިވަނީ ވަރަށްވެސް ފޮނިކޮށެވެ. ރާއްޖޭގެ އިޤްތިޞާދުގައި މީގެ ކުރިން ފެނިފައިނުވާހާ ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް ފެށި އިޤްތިޞާދީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. މިކަންކަމަށް ބޭނުންވާ ލުއިފަސޭހަ ވިޔަފާރި މާހައުލެއް ބިނާކޮށް އިގްތިސާދީ ހަރުދަނާ ފިޔަވަޅުތައް ތަންފީޒްކުރެއްވުމަށް ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.