ތަރައްްޤީ

ބައިނަލްއަޤްވާމީ އާބިޓްރޭޝަން ސެންޓަރެއް ރާއްޖޭގައި ޤާއިމްކުރަނީ


ވިޔަފާރިއާއި އިންވެސްޓްމަންޓާއި ގުޅޭ ބޮޑެތި މައްސަލަތައް ޝަރުޢީ ކޯޓުން ބޭރުގައި ޙައްލުކުރެވޭނެ މަގުތަނަވަސް ކޮށްދެއްވުމަށްޓަކައި ބައިނަލްއަޤްވާމީ އާބިޓްރޭޝަން ސެންޓަރެއް ރާއްޖޭގައި ޤާއިމްކުރެއްވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމް ކުރުމަށް، ޝަރުއީ ނަޒަރަކުން ބަލައިލުން" މިނަމުގައި ޖުޑިޝަރީން އިންތިޒާމްކޮށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންޢަބްދުލްޤައްޔޫމްގެ އިޤްތިޞާދީ ސިޔާސަތުގެ އެންމެ ބޮޑު ވަޢުދުފުޅަކީ ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެއްދެވުމެވެ. މިކަމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން މިވަގުތު ރާއްޖޭގައި ބޭރުގެ ބޮޑެތި އިންވެސްޓްތަކެއް އަންނަނީ ހިންގަމުންނެވެ. މިފަދަ އިންވެސްޓްމަންޓްތަކަށް ޝަރުޢީ ދާއިރާއިން ދިމާވާ ދަތިތައް ހައްލުކުރެއްވުމަށް މަޝްވަރާކުރުމަށް ބޭއްވި ކޮލޯކިއަމް ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މުދާ އެތެރެކޮށް މުދާ ކްލިއަރކުރުމާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި ދިމާވާ މައްސަލަތަކުގައި ރާއްޖޭގައި އާބިޓްރޭޝަންގެ ވަސީލަތެއް ނެތުމާއެކު އެކަންކަމަށް ޙައްލު ހޯދަންޖެހެނީ ޝަރުޢީ މަރުހަލާއިންކަމަށެވެ.

ޝަރުޢީ މަރުހަލާއަށް ދިއުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެންމެ ބޮޑު ދައްޗަކީ އިމްޕޯޓް އެކްސްޕޯޓާއި ގުޅޭ ލިޔެކިއުންތަކާއި ޑޮކިއުމަންޓްތައް ދިވެހި ބަހަށް ތަރުޖަމާކުރުންކަމަށެވެ. އިނގިރޭސި ބަހުން ހުރި އެފަދަ ލިޔެކިއުންތައް ޝަރުޢީ ދާއިރާއިން ބަލައިގަތުމަށް ދަތިތަކެއް ހުރިކަމަށާއި، އެކަންކަން ޙައްލުވާންޖެހޭކަމަށް ވިދާޅުވިއެވެ. އިނގިރޭސި ބަހުން ހުރި ޤާނޫނީ ލިޔެކިއުންތައް ދިވެހި ބަހަށް ތަރުޖަމާކުރުމުން އޭގެ މަފްހޫމް ގެއްލޭކަމަށާއި، އެހެންކަމުން އެކަންކަން އިސްލާހުކުރަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ހިނގަމުންދާ ތަނަކަށްވެފައިވާއިރު، އެކަންކަމުން ނުކުންނަ ބައެއް މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ އާބިޓްރޭޝަން ސެންޓަރެއް ރާއްޖެއަށް ވަރަށް މުހިންމުކަމަށެވެ. އެކަމަށްޓަކައި ސިންގަޕޫރާއި، މެލޭޝިއާ ފަދަ ޤައުމުތަކާ އެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށްޓަކައި ޤާނޫނީ އަދި ޝަރުޢީ ދާއިރާއިންވެސް ކަންތައްތަކެއް އަވަސްކޮށް ފަހިކުރަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެތައްހާސް މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ޤާނޫނީ ފަހިކަން ލިބެންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ޤާނޫނުތައް، ވިޔަފާރިއާއި އިޤްތިޞާދަށް ފަހިވާގޮތަށް ބަދަލުގެނެވެމުން އަންނަކަމަށާއި އެއާއެކު އެކަންކަން ތަންފީޒުކުރުމަށް ބޮޑު އިސްކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ވިޔަފާރި ބޭންކްތަކުގެ ސިއްރުތައް، ބައެއް ފަރާތްތަކުން އެހެން ފަރާތްތަކަށް ހާމަކުރާކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ މުހިންމު ކަންކަމަށް ދަތިތައް ކުރިމަތިވާކަމަށްވެސް ވިދާޅުވެފައެވެ. އެކަމުގެ އުނދަގޫ މުޅި ދައުލަތުން އުފުއްލަވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ މާލީ ބޭންކުތަކަކީ ރައްޔިތުން އިތުބާރުކުރާ ރައްޔިތުންގެ މަޢުލޫމާތު ސިއްރުކުރާ ތަނަކަށް ވާންޖެހޭކަމަށެވެ.

ރާއްޖެއަކީ، ކުޑަ ޤައުމަކަށް ވީނަމަވެސް ވިޔަފާރިކުރާނަމަ އަދި އިޤްތިޞާދު ކުރިއަރުވަން ބޭނުންނަމަ، ބޭރުގެ ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރުމަށާއި އަދި ބޭރުގެ އިންވެސްޓަރުންނަށް ފަހިކަން ލިބިދިނުމަށް ކުރަންޖެހޭ ކަންކަން ކުރެވެން ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.