ރައީސް ޔާމީންގެ ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރުދުވަހުގެ އެންމެ ބޮޑު ކާމިޔާބީއަކީ އިޤްތިޞާދީ ބަދަލުތަކުގެ ތެރެއިން އިޖުތިމާޢީ ކުރިއެރުން ހޯދުމުގެ އަމާޒު ކާމިޔާބުކުރެއްވުންކަމަށް އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކާނިވާ ސަރަޙައްދުގައި ބޭއްވި " ހަބޭސް 3 " ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ސަޢީދު ވިދާޅުވީ، 2013 ވަނަ އަހަރުގެ ކުރިއަށް ނުވަތަ 17 ނޮވެމްބަރު 2013 އިގެ ކުރިއަށް ނަޒަރު ހިންގާލައިފިނަމަ މިސަރުކާރުގެ ވޭތުވެދިޔަ 3 އަހަރުގެ ކާމިޔާބު ކޮންމެ ރަށްޔިތަކަށްވެސް ވަޒަންކޮށްލެވޭނެކަމަށެވެ.
އެދުވަސްވަރު ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމާއި، އިޖުތިމާޢީ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި މިނިސްޓަރ ސަޢީދު ވިދާޅުވީ، 2013 ގެ ކުރިން ރާއްޖޭގައި އޮތް ފަދަ ބަނަކަމެއް މިޤައުމަށް ހައްޤު ނޫންކަމަށެވެ. ދިވެހި ރައްޔިތުން ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކުރީ އެހެންވެގެންކަމަށް ސަޢީދު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސް ޔާމީނަކީ އަޖައިބުކުރަނިވި އިޤްތިސާދީ ބޮޑެތި ނަފާ ރާއްޖެއިން ނެގިދާނެކަން ޤަބޫލުފުޅުކުރައްވައި އެކަން ހަޤީގަތަކަށް ހެއްދެވި އިޤްތިސާދީގޮތުން މޮޅު ބޭފުޅެއްކަމަށެވެ.
ސަޢީދު ވިދާޅުވީ، އެމަނިކުފާނަށް ރައީސް ޔާމީން ފެނިވަޑައިގަތީ ވަރަށް އޯގާތެރި ރައްޔިތުންނަށް އަޅާލައްވާ، އޯގާތެރި ލީޑަރެއްގެ ގޮތުގައިކަމަށެވެ. ސާފު ތަޞައްވުރެއް ނެތި އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެކަމަށާ، ރައީސް ޔާމީންގެ ތަފާތަކީ އެފަދަ ފުރިހަމަ ތަޞައްވުރަކާއެކު ކާމިޔާބަށް ވާޞިލްވުމަށް މަސައްކަތްކުރެއްވުންކަމަށެވެ. އަދި ޤައުމީ ކަންކަމުގައި ޤައުމީ ސަލާމުގެ މާނަ ދޭހަވާފަދަ ޢަމަލުފުޅުތަކެއް ދެއްކެވި ހަމައެކަނި ރައީސަކީ ރާއްޖޭގެ ތާރީޚުގައިވެސް ރައީސް ޔާމީންކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބަލާއިރު، ކުރިން 12 އަހަރުގެ ދައުލަތުގެ ކެޕިޓަލް އިންވެސްޓް މަންޓަށްވުރެ ރައީސް ޔާމީންގެ ސަރުކާރުގައި ޔޫތް ސިޓީއަށް އެކަނި ކަނޑައެޅި ކެޕިޓަލް އިންވެސްމެންޓް ވެސް އިތުރުކުރެއްވިކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ދޮރާށިން ރާއްޖެއަށް 2011 ވަނަ އަހަރު 53 ހާސް ކޮންޓޭނަރު ގެނައިއިރު، ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ އަހަރަކުވެސް 81 ހާސް ކޮންޓޭނަރަށްވުރެ ގިނައިން އެތެރެކޮށްފައިވާކަމަށާ، މިއީ ރައީސް ޔާމީނަށް ތާޢީދުކުރަންޖެހޭ ސަބަބުކަމަށް ސަޢީދު ވިދާޅުވިއެވެ.