ސައިކަލް ޓެކްސީ ކުރުމަށް ސަރުކާރުން އެކުލަވާލައިފައިވާ ޤަވާއިދާ އެއްގޮތަށް އެ ޚިދުމަތް ދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައްވާފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މި ފުރުޞަތު ހުޅުވާލާފައިމިވަނީ މި ޚިދުމަތް ދިނުމަށް މީގެ ކުރިން ހުއްދަދީފައިވާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނިކަމަށްވާ ރައިޑް މޯލްޑިވްސްއިން ޓެކްސީކުރުމުގެ ޤަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ޚިދުމަތް ފެށުން ލަސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރައިޑް މޯލްޑިވްސް އިން ބުނެފައިވަނީ ޚިދުމަތް ދިނުމުގައި މިހާރު ޤަވާއިދު އޮތް ގޮތުން މޮނީޓަރ ކުރުމަށް ދަތިތަކެއް ކުރިމަތިވާނެތީ ޤަވާއިދުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބި ޚިދުމަތް ދޭން ނުފެށޭނެ ކަމަށެވެ. މިކަމާގުޅޭގޮތުން ސަރުކާރުން ވަނީ ރައިޑް މޯލްޑިވްސްއާއެކު މަޝްވަރާކުރައްވާފައެވެ.
މިހާރު އޮތްގޮތަށް އެ ޚިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މިހާރު އޮތް ޤަވާއިދަށް ބަދަލު ގެންނާނީ އެޤައިވާއިދާ އެއްގޮތަށް އަމަލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެއްވުމަށްފަހުކަމަށެވެ.
ސައިކަލް ޓެކްސީގެ ޤަވާއިދުގައި މިހާރު ބުނެފައިވާ ގޮތުން ސައިކަލް ޓެކްސީގައި ކުރާ ދަތުރުތަކުގެ 50 އިންސައްތަ ވާންޖެހޭނީ މަގުމަތިން އިޝާރާތްކޮށްގެން ހޯދާ ދަތުރުތަކަށެވެ. އަދި އަނެއް 50 އިންސައްތަ ވާން ޖެހޭނީ ސައިކަލް ޓެކްސީ ކުރުމަށް ހާއްސަކޮށްފައިވާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ކުރެވޭ ދަތުރުތަކަށެވެ. ގަވާއިދުގައި ބުނާ ގޮތުން ސައިކަލު ޓެކްސީ ކުރާ ޑްރައިވަރަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން ޓެކްސީ ކުރާ މީހަކަށް ވާން ޖެހެއެވެ. ޑްރައިވަރުންގެ ގޮތުގައި ތިބެވޭނީ ދިވެހިންނަށް ކަންވެސް މި ޤަވާއިދުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ޓެކްސީގެ ޑްރައިވަރުން ފަސިންޖަރުންނާ މުއާމަލާތު ކުރަންވާނީ އިހްތިރާމާ އެކު ކަމަށްވެސް ޤަވާއިދުގައިވެއެވެ. އަދި ޑްރައިވަރުން ވަކި ހާއްސަ ޔުނީފޯމެއް އެޅުމަށް ޤަވާއިދުގައި ޝަރުތުވެސް ކޮށްފައިވެއެވެ. ސައިކަލް ޓެކްސީ ކުރުމުގެ ޤަވާއިދުގައިވާ ގޮތުން ސައިކަލް ޓެކްސީއަށް ދަތުރަކަށް ގިނަވެގެން ނެގޭނީ 10 ރުފިޔާ ނުވަތަ އެއަށް ވުރެ މަދު އަދަދެކެވެ. ނަމަވެސް އެއްފަސްގަނޑަކަށް ގުޅިފައިވާ ރަށްތަކެއް ހުންނަނަމަ އެއް ރަށުން އަނެއް ރަށަށް ސައިކަލް ޓެކްސީގެ ޚިދުމަތް ދޭނަމަ ހިދުމަތަށް ނަގާ އަގު ކަނޑައެޅުމުގެ ފުރުސަތު ހިދުމަތްދޭ ފަރާތަށް މިޤަވާއިދުގައިވަނީ ދީފައެވެ. އަދި ސައިކަލް ޓެކްސީ ކުރާ ފަރާތްތަކުން ކޮންމެ ދުވަހަކު 24 ގަޑިއިރު ހިދުމަތް ދޭން ވާނެ ކަމަށްވެސް ޤަވާއިދުގައި ލާޒިމްކޮށްފައިވެއެވެ.