ޚަބަރު

ކްލެމެންސީ ބޯޑުން މެމްބަރު ވަޙީދު ވަކިކުރަން ހުށަހަޅައިފި


ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރައްވާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު އިބްރާހީމް އެ މަޤާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.

އެ ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުވީ ކެލާ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ޢަލީ ޢާރިފްއެވެ. ޢާރިފް މުޙައްމަދު ވަޙީދު އިބްރާހީމް އެ މަޤާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ޖަލްސާއަށް ޢަލީ ޢާރިފް ހުށަހެޅުއްވި އެ ޤަރާރުގައި ވިދާޅުވެފައި ވަނީ، ޙަވާލުކުރައްވާފައިވާ މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ކަމަށެވެ. ޢަލީ ޢާރިފް ހުށަހެޅުއްވި ޤަރާރަށް ބަޙުސްކުރުމަށް މަޖިލީހުގެ ރިޔާސަތުން ހުޅުވާލެއްވި ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުން އެ ޤަރާރު ރައްދުވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އެމަޤާމުން ދުރުކުރުއްވުމުގެ ބޭނުމަކީ ޙައްޤުގޮތުގައި ވާހަކަދައްކަވަން ފެއްޓުވުމުން ކަމަށެވެ. މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޙީދު ވަނީ އެމަނިކުފާނަށް ޙަވާލުކުރެއްވި މަސްއޫލިއްޔަތުގެ ތެރެއިން އެއްވެސް މަސްއޫލިއްޔަތެއް އަދާކުރައްވާފައި ނުވޭތޯ ސުވާލު އުފައްދަވާފައެވެ.

ކްލެމެންސީ ބޯޑަކީ މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 10ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 10 މެމްބަރުންގެ މައްޗަށް އެކުލަވާލާ ބޯޑެކެވެ. އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޤާނޫނީ ދާއިރާގެ ބޭފުޅަކާއި ތަޢުލީމީ ދާއިރާގެ ބޭފުޅަކާއި އިޖްތިމާޢީ ދާއިރާގެ ބޭފުޅަކާއި ޞިއްޙީ ދާއިރާގެ ބޭފުޅަކާއި ދީނީ ޢިލްމުގެ ބޭފުޅެކެވެ. މީގެއިތުރުން މަދަނީ ޖަމްޢިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މެމްބަރުން އައްޔަންކުރައްވާ ބޭފުޅެއް ކްލެމެންސީ ބޯޑުގައި ހިމަނަންޖެހެއެވެ.