ޚަބަރު

"ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތައް އޮންލައިންކޮށް ހިންގުމަށް ހުރަހެއް ނެތް"


  • ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ހަދަންޖެހޭނީ ހާޒިރުވެގެން

  • މީގެ ސަބަބުން އިތުބާރުކުރާ ފަންނަކަށް ގާނޫނީ ފަންނު ހެދުމަށް މަގުފަހިވާނެކަމަށް ވިދާޅުވި

ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތަކަކީ ހާޒިރުވެގެން ހަދަންޖެހޭ އިމްތިހާނެއް ކަމަށް ކަނޑައަޅާފައިވީނަމަވެސް މިފަދަ ޑިގްރީއެއް އޮންލައިންކޮށް ކިޔެވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ބާ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖު ވިދާޅުވެއްޖެއެވެ.

ބާ ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ، ގާނޫނީ ދާއިރާގެ އިމްތިހާނުތައް ހެދުމުގެ މިންގަނޑުތަކަށް ދާދިފަހުން ގެނައި ބަދަލުތަކާއި ގުޅިގެން ޖުޑީޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ދޭ ގާނޫނީ ތައުލިމު ކުރިއެރުވުމުގެ ގޮތުންނާއި، ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އަދި ދާއިރާގެ ނަަޒާހަތްތެރިކަމާއި، ފެންވަރު މަތިކޮށް، ރައްޔިތުން އަދި ދައުލަތުގެ އިދާރާތަކުންވެސް އިތުބާރުކުރާ ފަންނަކަށް ޤާނޫނީ ފަންނުގެ ދާއިރާ ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.

ޤާނޫނީ ދާއިރާގެ ޑިގްރީއެއް ހާސިލްކުރުމުގައި ނުވަތަ ރާއްޖޭގައި ޤާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން އަމަލުކުރަންޖެހޭ އެންމެ ދަށް މިންގަނޑުތައް ދަނީ ކަނޑައަޅަމުންނެވެ. އަދި މިގޮތަށް މިންގަނޑުތައް ކަނޑައަޅާއިރު، ގުޅުންހުރި މުއައްސަސާތަކާއި، ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުންދާ ކަމަށްވެސް ބާ ކައުންސިލުން ފާހަގަކުރެއްވިއެވެ.

ބާ ކައުންސިލްގެ ރައީސް ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް، ކޯސްތަކުގެ އިމްތިހާނުތަކަކީ ހާޒިރުވެގެން ހަދަންޖެހޭ އިމްތިހާނެއް ކަމަށް ބާ ކައުންސިލުން ކަނޑައެޅީވެސް މި މުހިންމު މަގުޞަދު ހާސިލްކުރުމަށް ކަމަށާއި، މިގޮތަށް އުސޫލަށް ބަދަލުގެނެސްފައިވީނަމަވެސް ގާނޫނީ ދާއިރާގެ ޑިގްރީއެއް އޮންލައިންކޮށް ކިޔަވައިދިނުމަށް ނުވަތަ މިފަދަ ޑިގްރީއެއް އޮންލައިންކޮށް ކިޔެވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވިއެވެ.

ބާ ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޝަމީލް ވިދާޅުވީ، މިކަމާ ގުޅޭގޮތުން ބައެއް ދަރިވަރުންނަށް އޮޅުން އަރަމުންދާ ކަންތައްތައް ހުރި ކަމަށެވެ. އެގޮތުން ގާނޫނީ ދާއިރާގެ ކޯސްތަކުގެ އިމްތިހާނުތައް މާލެއަށް އައިސް ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ގަވައިދަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށާއި، ހަމައެކަނި ބަދަލު ގެނައީ އެގްޒާމް ސެންޓަރަކަށް ހާޒިރުވެގެން އިމްތިހާނު ފުރިހަމަކުރަންޖެހޭ މިންގަނޑަށް ކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން އެކުލަވާލި އުސޫލުގައި މާލެއަށް އައިސްގެން އިމްތިހާނު ފުރިހަމަކުރަންޖެހޭނެ ކަމަކަށް ކަނޑައަޅާފައިނުވާނެ. އުސޫލަށް ބަދަލުގެނައީ އިމްތިހާނުހަދާ ތަނަކަށް ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ ގޮތަށް. އިނގިވަޑައިގަންނަވާނެ ރާއްޖޭގެ ބައިނަލްއަގުވާމީ އިމްތިހާނުތައްވެސް އެބަ ބާއްވާ. އެއީ ހަމަ ބޭރުގެ އިމްތިހާނުތަކެއް އެކަމު އެކި މަރުކަޒުތަކުގައި ބާއްވަމުންދަނީ،" ނައިބު ރައީސް ވިދާޅުވިއެވެ.

ބާ ކައުންސިލުން ވަނީ، އޮގަސްޓު 1އިން ފެށިގެން ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ހުރިހާ ޤާނޫނީ ޑިގްރީ ޕްރޮގްރާމްތަކެއްގެ އިމްތިހާނުތައް ކުރިއަށް ގެންދަންވާނީ ހާޒިރުވެގެން ކަމަށް ކަނޑައަޅާފައެވެ. މީގެ ތެރޭގައި އެ ތާރީޚުގެ ކުރިން އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމްތައްވެސް ހިމެނެއެވެ. "ހާޒިރުވެގެން" ކަމަށް ބާ ކައުންސިލުން މާނަކޮށްފައިވަނީ، އިމްތިހާނު ހަދާ ފަރާތްތަކާއި އިންވިޖިލޭޓަރުން އެއް މާހައުލެއްގައި ތިބެގެން، ކަނޑައެޅިފައިވާ ވަގުތެއްގައި އަދި ބާ ކައުންސިލުގެ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓިގެން ކުރިއަށްގެންދާ އިމްތިހާނުތަކަށެވެ.