ޚަބަރު

މަސްތުވާތަކެއްޗާއި ބަނގުރަލުގެ އޮޕަރޭޝަން: ރަސްދޫއިން 9 މީހުން ހައްޔަރުކޮށްފި


  • ހައްޔަރު ކުރީ 8 ދިވެހިންނާއި ބިދޭސީއެއް

  • އެންމެން ވެސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވޭ

މަސްތުވާތަކެއްޗާއި ބަނގުރަލާ ގުޅޭ އޮޕަރޭޝަނެއްގައި އއ. ރަސްދޫއިން 9 މީހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ އެތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ރަސްދޫގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިއީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ.އަތޮޅު ފުލުހުން ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައިގައި 9 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، 8 ދިވެހިންނާއި ބިދޭސީއެކެވެ.

އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން

- ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު (21އ)
- ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު (37އ)
- ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން (30އ)
- ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް (37އ)
- ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު (44އ)
- ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް (44އ)
- ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ (23އ)
- ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު (29އ)
- ބަންގްލަދޭޝް، މެހެދީ ހަސަން (27އ)

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނުގައި ރަސްދޫގެ 10 ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުޙައްމަދުއާއި، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެއިތުރުން މުޙައްމަދު ޢުލްވާން ރަޝީދުއާއި، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު 5 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު، އަޙްމަދު އިކުލީލް 7 ދުވަހަށް އަދި ލީނާ މޫސާ 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ، އިތުރަށް ތަހުގީގު ކުރަމުންނެވެ.