އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ އެހީގައި މާލޭގައި، ޓާފް ތިން ފުޓުބޯޅަ ދަނޑު ތަރައްގީކުރަން ނިންމާފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
މާލޭގައި ޓާފް ތިން ދަނޑު އެޅުމަށް އެފްއޭއެމް އިން ނިންމާފައިވާއިރު އޭގެ ތެރެއިން ދެ ދަނޑު އަޅަން ނިންމާފައިވަނީ މާފަންނު ވެލި ދަނޑުގައެވެ. އެއީ ކުރިން އެފްއޭއެމް މިނީ ޓާފް ދަނޑުތައް ހުރިތަނެވެ. އަދި ތިންވަނަ ދަނޑަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ މާފަންނު ޓާފް2 އެވެ.
މީގެ އިތުރުން ސަރުކާރުގެ އެހީގައި މާފަންނު ޓާފް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ވަނީ ވިދާޅުވެފައެވެ. މާފަންނު ޓާފް 1 އަދި 2 ގެ ޓާފް ހަލާކުވެ، އެކަމުގެ ޝަކުވާ ފުރަތަމަ ޑިވިޝަނުގެ ކުލަބްތަކުން އަންނަނީ ކުރަމުންނެވެ. އެހެންވެ، އެފްއޭއެމްގެ ރައީސްކަމާ ތޯރިގް ހަވާލުވި ފަހުން ވަނީ ޓާފް ދަނޑު އެއް ފަހަރު މަރާމާތުވެސް ކޮށްފައެވެ.
ތޯރިގް ވިދާޅުވީ، ވެލި ދަނޑު ސަރަހައްދުގައި ހުރި އަމިއްލަ ފަރާތެއްގެ ގުދަން ހުސްކުރުމުގެ މަސައްކަތް މިހާރު އެފަރާތާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ގުދަން ހުސްކުރުމުން އެތަން ތަޅާލައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.
"މާލެގައި ތިން ޓާފް އެޅުމަށް އޭއެފްސީގެ އެހީތެރިކަމާއެކު އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އެއީ ވެސް އޭއެފްސީއަށް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުން އޭއެފްސީން މި ވަނީ އެ ފާސްކޮށްފައި. ދެން އޭގެ ތެރެއިން ދެ ދަނޑު އަޅުގަނޑުމެން އަޅާނީ މާފަންނު ވެލި ދަނޑުގައި. އަނެއް ދަނޑަކީ އެފްއޭއެމް ޓާފް 2" ތޯރިގް ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ، ތިން ދަނޑު މާލެ ސަރަހައްދުގައި އެޅިގެންދާއިރު، ތިން ދަނޑުގެ ސަބް ބޭސް މަސައްކަތް ކުރާނީ އެފްއޭއެމްއާ ސަރުކާރާ ގުޅިގެން ކަމަށެވެ.
މާލެ ސަރަހައްދުގައި އިތުރު ދެ ޓާފް އެޅިގެން ދިޔުމާއެކު ފުރަތަމަ ޑިވިޝަން ކުލަބްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.