ޚަބަރު

ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ ފަށައިފި


  • ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ ބައިލައްކަ ރުފިޔާ

ދަރަވަންދޫ ކައުންސިލުން ބާއްވާ ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ފުރަތަމަ ދެ މެޗު އެއްވަރުވެއްޖެއެވެ.

ބ.އަތޮޅުގެ ރިސޯރޓްތަކަށް ހުޅުވާލައިގެން އަދި އަތޮޅުގެ ބައެއް ރަށްތަކަށް ދައުވަތު ދީގެން ބާއްވާ މުބާރާތުގެ ފުރަތަމަ ދެ މެޗުވެސް އެއްވަރުވީ 2-2 ނެވެ. ފުރަތަމަ މެޗުގައ ވާދަކުރީ ކިންގްސް ޔުނައިޓެޑާއި ލައޮންސް ޔުނައިޓެޑެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދީ ކިންގްސް ޔުނައިޓެޑެވެ. އެޓީމްގެ ދެ ލަނޑު ޖެހީ އަހުމަދު އަލްސައީދު އާއި ޝާފިއު ސުޢޫދު އެވެ. ލައޮންސް އިން ނަތީޖާ ހަމަހަމަކުރީ އީމާން އިލްޔާސްގެ ދެ ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަހުމަދު އަލްސައީދު އެވެ.

ދެވަނަ މެޗުގައި ވާދަކުރީ ޑުސިޓް ތާނީ އާއި ދޮންފަނެވެ. މެޗުގެ ފުރަތަމަ މިނިޓްގައި ޑުސިޓް ތާނީން ލީޑް ނެގީ އަބްދުލް މަޖީދު އިބްރާހީމްގެ ލަނޑުންނެވެ. އަހުމަދު އިފްހާމްގެ ލަނޑުން ދޮންފަން ނަތީޖާ ހަމަހަމަ ކޮށްފައި ވަނިކޮށް, ޑުސިޓުން ދެވަނަ ފަހަރަށް ކުރި ހޯދީ ހަސަން ސާޖިދުގެ ލަނޑުންނެވެ. ދޮންފަނަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިސްމާއީލް ލިއާޒު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދޮންފަނަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ މޮހޮސިން އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ ބައިލައްކަ ރުފިޔާ އެވެ. މުބާރާތުގައި ވާދަކުރާ 8 ޓީމް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. މިމުބާރާތުގެ ފައިނަލު މެޗު ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.