ދިރާގު ދިވެހި ޕްރިމިއާ ލީގު (ޑީޑީޕީއެލް) ގައި ކުޅުންތެރިއެއް މަދުކޮށް ކުޅެ ދިއްދޫއާއި އެއްވަރުކޮށް ކްލަބް އީގަލްސް އިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
މިއީ ދިއްދޫގައި ކުޅުނު ދެވަނަ މެޗެވެ. މި ދަނޑުގައި ކުޅުނު ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗުވެސް ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ހއ. ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި އީގަލްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމް އަދި ވެން ޑޭވް އެވެ. ދިއްދޫ ޓީމުގެ ލަނޑުތައް ޖަހައިދިނީ ފެލިކްސް އާއި ޓެޓޭ އެވެ.
މި މެޗުގައި ދިއްދޫގެ ޓެޓޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ފުރަތަމަ ހާފުގައި އޭނާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުނުކުރެވުނު ނަމަވެސް، މުޅި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް ޓެޓޭ އެވެ.
މި ނަތީޖާއާއެކު ކްލަބް އީގަލްސް އިން ވަނީ ކުޅުނު 4 މެޗުން 10 ޕޮއިންޓް ހޯދައިގެން ލީގު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނަ ވިކްޓްރީއަށް ލިބެނީ އެންމެ ގޯލެއްގެ ތަފާތުންނެވެ. ދެ ޓީމަށްވެސް ލިބެނީ 10 ޕޮއިންޓެވެ.
އަނެއްކޮޅުން ދިއްދޫ ވަނީ ލީގުގައި ކުޅުނު 5 މެޗުން ޖުމްލަ 5 ޕޮއިންޓު ހޯދާފައެވެ.
ލީގުގައި ދިއްދޫއަށް ދެން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.