ޚަބަރު

ޓްރެފިކް ޖޫރިމަނާ ޑިޖިޓަލްކުރުން: ނިޒާމަށް މުހިންމު ބަދަލެއް


  • ޓްރެފިކް ވަޔަލޭޝަންގެ ޖޫރިމަނާގެ އެލާޓް ފޮނުވާނީ މެސެޖު ނުވަތަ މެއިލް މެދުވެރިކޮށް

  • ސްކޫލް، ހޮސްޕިޓަލް ސަރަޙައްދުގައި ޤަވާއިދާއި ޚިލާފުވާނަމަ ޖޫރިމަނާކުރާނެ

އެއްގަމު ދަތުރުފަތުރުގެ ނިޒާމާއި ގުޅުން ހުރި އުސޫލުތައް ބަދަލުކޮށް، ޓްރެފިކްގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ދުއްވާ މީހުންނާއި، ހިނގާބިނގާވެ އުޅޭ މީހުން ހިމެނޭހެން، މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާދިނުމަށް ކަމާގުޅުންހުރި ފަރާތްތަކުން ދަނީ މަސައްކަތްކުރައްވަމުންނެވެ.

އާއްމުން ގިނައިން ޖަމާވާ ސަރަޙައްދުތަކުގައި އާއްމުން ހަރަކާތްތެރިވުމަށް ފަސޭހަކޮށްދީ، ރައްކާތެރި ޓްރެފިކް ނިޒާމެއް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އޮކްޓޫބަރ 22އިން ފެށިގެން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމަށް ޑިޖިޓަލް ނިޒާމެއް ބޭނުންކުުރަން ފެށުމަކީ، ނިޒާމީ ގޮތުން އައި މުހިންމު ބަދަލެއްކަމަށް ފުލުހުން ފާހަގަކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މާލެ ޕޮލިސްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، ސްކޫލުތަކާއި ހޮސްޕިޓަލް ސަރަޙައްދުތަކުގެ ޓްރެފިކް ނިޒާމު ހަރުދަނާ ކުރަން އަޅާ ފިޔަވަޅުތަކަކީ ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަވާނެ ބަދަލުތަކެއްކަމަށެވެ. މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާ ބަދަލުތަކާއެކު އާއްމުންގެ ތެރެއިން ބާރު ސްޕީޑުގައި ދުއްވާ މީހުން ކެމެރާ މެދުވެރިކޮށް ދެނެގަނެ އެކަން މެއިލް ނުވަތަ ފޯނު މެދުވެރިކޮށް އަންގާނެ ނިޒާމެއް ޤާއިމްކުރެވޭނެއެވެ.

ސަމީރު ވިދާޅުވީ އެ ބަދަލާއެކު އުޅަނދުތައް ޓޯކުރުމުންނާއި، ޓްރެފިކް ޤަވާއިދާއި ޚިލާފުވެގެން އަދި ޓްރެފިކް ޤަވާއިދާއި ޚިލާފުވުމުން ނަސޭހަތުގެ ގޮތުން ފޮނުވާ މެސެޖުތަކާއި އިންޒާރުގެ މެސެޖުތައްވެސް ފޮނުވާނީ ޑިޖިޓަލްކޮށްކަމަށެވެ. މިހާރު ގެންގުޅޭ ފެހި ސްލިޕްގެ ބަދަލުގައި ޑިޖިޓަލްކޮށް އެފަދަ ފަރާތްތަކަށް މެސެޖު ފޯރުކޮށްދިނުމަށް ބޭނުންވާ ސިސްޓަމް މިހާރު ފުރިހަމަކޮށްފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.

އުޅަނދުތައް ރީލޮކޭޓްކުރުމާއި، އުޅަނދެއް ހުންނަ ތަނަކުން ނަގަން ޖެހޭ ހާލަތުގައި އެކަންވެސް ފުލުހުން އުޅަނދުގެ ވެރިފަރާތަަށް އަންގާނީ މި ނިޒާމުގެ ތެރެއިންނެވެ.

"ޓްރެފިކް ވަޔަލޭޓްވެގެން ޖޫރިމަނާގެ މެސެޖެއްވެއްޖެއްޔާ 16/2026 މެސެޖުގައި އިންނާނެ. އެ ނޫން ހާލަތުގައި އެއީ އެވެއާނެސް ނޫނީ ނަސޭހަތުގެ ގޮތުގައި ފޮނުވާ މެސެޖުތަކެއް. ޑިޖިޓަލްކޮށް ފައިންކުރުމުގައި ކަނޑައަޅާފައި މިވަނީ ވަކި މަގުތަކެއް މިވަގުތު." ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވިއެވެ.

މާލެ އަދި ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުޙަލާގައި ޚާއްޞަ އިސްކަމެއް ދީގެން ބަލާނެ ސަރަޙައްދުތަކާއި މަގުތައްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ހޮސްޕިޓަލުތަކާއި، ސްކޫލުތައް ހުންނަ ސަރަޙައްދުތަކާއި، ކަފިހި ހުރަސްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ޚާއްޞަކޮށްފައިވާ ސްލޮޓުތައް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ޕާކްކުރުން މަނާ މަގުތަކަށް ޚާއްސަ ކުރެވިފައިވާ ޕާކިން ޒޯނުތައް:

1. ހ.މިމޯސާވިލާ ޕާކިންގ
2. މުނިއުފާ ޕާކިންގ
3. ހީނާމާގޭ ޕާކިންގ
4. ބިއްލޫރިޖެހިގޭ ޕާކިންގ
5. ދަރުބާރުގޭ އިރުމަތީ ޕާކިންގ
6. މާފަންނު ސަހަރާ ޕާކިންގ
7. ކުޑަކުދިންގެ ބަގީޗާ ޕާކިންގ
8. ގާކޮށި ޕާކިންގ
9. ފިނޭންސް މިނިސްޓްރީ ޕާކިންގ
10. މާފަންނު ސްޓޭޑިއަމް ޕާކިންގ
11. ވިޔަފާރިވެރިންގެ މިސްކިތް ޕާކިންގ
12. ދިރާގު ޕާކިންގ
13. މާފަންނު ފެރީ ޓަރމިނަލް ޕާކިންގ
14. މަޖީދިއްޔާ އެނެކްސް ޕާކިންގ
15. ނާރސަރީ ޕާކިންގ

ޕާކްކުރުން މަނާ މަގުތައް:

1. މަޖީދީމަގު
2. އަމީނީ މަގު
3. ސޯސަންމަގު (މަޖީދީމަހުގެ އުތުރު ކޮޅު)
4. ބޮޑުތަކުރުފާނުމަގު (ރިންގްރޯޑް) ޕާކިން ޒޯނުން ބޭރުން

ފޭސް 1 ބަސް ރޫޓު:

1. ބޯށިމާ ހިނގުން
2. ސައިމާ ހިނގުން
3. ނިރޮޅުމަގު
4. ހަނދުވަރީ ހިނގުން
5. ހިތިގަސްމަގު
6. ބަގީޗާ ހިނގުން
7. ރީތިގަސްމަގު

ފޭސް 2 ބަސްރޫޓު:

1. ގުލްއަލާމާ ހިނގުން
2. ނިރޮޅުމަގު
3. ބެރެބެދިމާ ހިނގުން
4. ހިތިގަސްމަގު

ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްސަ މަސައްކަތްތަކެއް ފުލުހުން ވަނީ ފައްޓަވާފައެވެ. މީގެ އިތުރުން ޕާކިންގެ ނިޒާމާއި، ޓްރެފިކްގެ އުސޫލުތައް ހިމެނޭހެން އިސްލާޙުކުރަންޖެހޭ ކަންކަން އިސްލާޙުކޮށް، އާއްމުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.