ޔަމަނުގައި ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ޒަޚަމްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ، އެ ޤައުމުގެ ހަސްފަތާލުތަކަށް ބާރުބޮޑުވެއްޖެއެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރުގެ ޖުލައި މަހު ހޫޘީންގެ ހަނގުރާމަވެރިންނާއި ޔަމަނުގެ ސަރުކާރާ ދެމެދު އަލުން ހަނގުރާމަ ފެށުމާ ގުޅިގެން، ޔަމަނުގެ އިންސާނީ ޙާލަތާއި ކާބޯތަކެތީގެ ދަތިކަން ވަނީ އިންތިހާއަށް ގޯސްވެފައެވެ. އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ބުނީ ޔަމަނުގެ 800،000އަށްވުރެ ގިނަ މީހުންނަށް ބޭނުންވާ އެހީ ފޯރުނުކޮށްދެވޭ ކަމަށެވެ.
އެތައް އަހަރެއް ވަންދެން ހަނގުރާމައިގެ ޙާލަތުގައި އޮތުމުގެ ސަަބަބުން ޔަމަނުގެ ޞީއްޙީ ނިޒާމުގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ފަހުގެ ހަމަލާތަކުގެ ކުރިން ވެސް އިޤްތީޞާދީ ހީނަރުކަމާއި ގެދޮރު ގެއްލުން އިތުރުވުމާއި ބަލިމަޑުކަމުގެ ސަބަބުން ފަރުވާ ބޭނުންވާ އިތުރު މީހުންނަށް އެހީތެރިވުމަށް ހަސްފަތާލުތަކަށް ވަނީ ދަތިވެފައެެވެ.
ފާއިތުވި ހަފްތާތަކުގައި ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ޔަމަނުގެ މައުރިބްއާއި ތަޢިއްޒު، އަދި ރަތްކަނޑުގެ އައްސޭރިފަށުގައިވާ ސަރަޙައްދުތަކުގައި ހުންނަ ހަސްފަތާލުތަކަށް ހަތިޔާރުން ޒަޚަމްވެގެން ގެންނަ މީހުންގެ ޢަދަދު ވަނީ އާދަޔާޚިލާފަށް އިތުރުވެފައެވެ. ބައެއް މަރުކަޒުތަކުގައި ހަފްތާއެއްގެ ތެރޭގައި 700އަށްވުރެ ގިނަ މީހުން އެޑްމިޓް ކުރަމުންދާ ކަމަށް ރެޑް ކްރޮސްއިން ބުނެއެވެ. ހަމަލާތަކުގެ ސަބަބުން ފާއިތުވި ހަފްތާތަކުގައި ޔަމަނުގެ 200،000އަށްވުރެ ގިނަ މީހުންނަށް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށް އދގެ ހިޖުރަކުރުމާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން ބުނެއެވެ.
ރެޑް ކްރޮސްގެ ޞިއްޙަތާ ބެހޭ ކޯޑިނޭޓަރ، ފިރާސް އަބޫ ސަމްރާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަސްފަތާލުތަކުގެ ޓްރޯމާ ޑިޕާޓްމަންޓުތަކަށް ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވާ ކަމަށެވެ. ޒަޚަމްވެގެން ގެންނަ މީހުންނަށް އެދެވޭ ގޮތަށް ފަރުވާ ދިނުމުގެ ޤާބިލުކަން ލިބިފައި ވަނީ މަދު ހަސްފަތާލުތަކަކަށް ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. މި ދުވަސްވަރު ހަސްފަަތާލުގައި ލިބެން ހުރި ވަސީލަތްތައް ވެސް މަދުވެފައިވާ ކަމަށާއި، ސާޖަރީ ހެދުމަށް ބޭނުންވާ ސާމާނާއި އައްސިކުރާ އިންޖެކްޝަނާއި ހޭނައްތާ ބޭހާއި އޮކްސިޖަންއާއި ބޭސް ލިބުމަށް ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމް، ޑަބްލިޔުއެފްޕީއިން ބުނީ ޔަމަނުގެ ތިންވަނައަށް
އެންމެ ބޮޑު ސިޓީކަމަށްވާ ތަޢިއްޒު ހިމެނޭހެން ހަމަލާތަކުގެ ސަބަބުން އަސަރުކޮށްފައިވާ ސަރަޙައްދުތަކުގައި ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ އިންސާނީ އެހީތެރިކަމުން 800,000 މީހުން މަހުރޫމުވެފައިވާ ކަމަށެވެ. ތަޢިއްޒުއަކީ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ދަތުރުކުރަމުންދާ ސަހަރެވެ.
ޑަބްލިޔުއެފްޕީއިން އިތުރަށް ބުނީ ހަމަލާތަކާއި މަގު ބަންދުކުރުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ނުވަދެވޭ ކަމަށެވެ. އަދި އެ ޖަމްޢިއްޔާގެ އަތުގައި ހުރި ގޮދަނުގެ ސްޓޮކު މިހާރު އެއްކޮށްހެން ހުސްވެފައިވާ ކަމަށާއި، މާރުކޭޓުތަކުގައި ބާކީ ހުރި ސްޓޮކު ވަރަށް އަވަހަށް ހުސްވާނެ ކަމަސް ބެލެވޭ ކަމަށެވެ. އަދި ރައްކާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްނުދެވޭ ނަމަ އިންސާނީ ކާރިޘާއަކަށް ޙާލަތު ބަދަލުވުމުގެ ފުރުޞަތު އޮތް ކަމުގެ އިންޒާރު ވެސް އެ ޖަމްޢިއްޔާއިން ދީފައިވެއެވެ.