ޤައުމުގެ ވަލިއްޔުލް އަމުރުގެ އަތްޕުޅުގައި ހިފައިގެން ކުރިއަށްދިއުންނޫން ހައްޤުގޮތެއް މިއަދު ދިވެހިރައްޔިތުނަށް ނެތްކަމަށް ހައުސިން މިނިސްޓަރ ޑރ.މުޙަންމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވީ، ސީލައިފް ގްލޯބަލްގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރާ "ސީލައިފް ރެސިޑެންސް" އިމާރާތްކުރާ ބިން ޗައިނާގެ (ޓްވެންޓީ ތްރީ، އެމްސީސީ) ކުންފުންޏާ ޙަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ރަށްދުދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެވަޑައިގަންނަވާ ވަޢުދުތަކަކީ ހަމައެކަނި ވިދާޅުވާ ވާހަކަފުޅުތަކެއް ނޫންކަން، އަމިއްލަ އެދުމުން އެއްކިބާވެތިބެ ވިސްނައިފި ކޮންމެ މީހަކަށް ޔަޤީންކުރެވޭނެކަމަށެވެ.
މިނިސްޓަރު މުޢިއްޒު ވިދާޅުވީ، ހުޅުމާލެއަކީ ރާއްޖޭގެ ތަރައްޤީގެ ނާރެހުގައި މުހިންމު ތަނެއްކަމަށާ، އެތަނުގައި ކުރިއަށްދާ މަޝްރޫޢުތައް ގިނަވެފައި މުހިންމުވާސަބަބަކީ އެއީކަމަށެވެ. އެހެންނަމަވެސް ތަރައްޤީގެ މަސައްކަތް ކުރުމުގައި މުޅިރާއްޖެ ހަމަހަމަ ކުރުމަކީ ރައީސް ޔާމީންގެ ސިޔާސަތުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިސަރުކާރުން މަޝްރޫޢުތައް ހިންގުމުގައި، މާލެއާއި އަތޮޅުތެރެ ތަފާތުކުރާކަމަށް ބުނެ އިދިކޮޅުފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރ ވިދާޅުވީ، މުޅި ރާއްޖޭގެ ތަރައްޤީގެ މުހިންމު ނާރެސްތަކުގައި ކުރެވޭ މަސައްކަތް ގިނަވާނެކަމަށާ، ގިނަ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހިނގާ މަސައްކަތްތައް ގިނަވާނެކަމަށެވެ.
އަދި ހަޤީގަތުގައި މާލެއަށްވުރެ މާގިނަ މަޝްރޫޢު އަތޮޅުތެރޭގެ ރަށްރަށުގައި ހިނގަމުންދާކަންކަމަށާ، ފަހަކަށްއައިސް ކޮންމެ ދުވަހަކުވެސް އަތޮޅުތެރޭގެ ރަށްރަށުގައި އެތައް މަޝްރޫޢެއް ނިމި، އާ މަޝްރުޢުތައް ފެށެމުންދާތަން ފެންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ އެތައް މަސައްކަތެއް ހިނގަމުންދާއިރުވެސް، ހަޤީގަތް ބަލަން ބޭނުން ނުވާބަޔަކަށް އެމަންޒަރު ނުފެންނާނެކަމަށާ، އެއީ އަމިއްލަ ކޮންމެވެސް މަސްލަޙަތެއްގައި މަސައްކަތްކުރާ މަދުބައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ވިދާޅުވީ މަދު ބައެއްގެ އަމިއްލަ އެދުމަށް އަޅުގަނޑުމެންގެ ސިކުނޑި ދީލާލައިފިނަމަ ވަރަށް ދެރަ ގޮތްތަކެއް ޤައުމަށް މެދުވެރިވެދާނެކަމަށެވެ. އަދި ބަޔަކުމީހުން ދައްކާހާ ވާހަކައަކަށް ނުހެއްލި، ޤައުމުގެ ޙާލަތު ބަދަލުކުރަން އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.