އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރު އަވަށްޓެރި ޤައުމުތަކަށް ފޯރައި، ސިންގަޕޫރުގެ ވައިގެ ނުސާފުމިން މި އަހަރުގެ އެންމެ މަތީ ދަރަޖައަކަށް ރެކޯޑުކުރެވިއްޖެއެވެ. އަދި މި މައްސަލައާ ގުޅިގެން ވައި ނުސާފުވުމުގެ ސަބަބުން އީސްޓް ޓިމޯރުގެ ސްކޫލްތައް ވެސް 3 ދުވަހުގެ މުއްދަތަށް ވަނީ ބަންދުކޮށްފައެވެ.
ސިންގަޕޫރުގެ ގައުމީ ތިމާވެއްޓާއި ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، އެ ޤައުމުގެ ހުޅަނގު ސަރަޙައްދުގެ އެއް ގަޑިއިރުގެ ޕީ.އެމް 2.5 (ކުދި ކުނޑީގެ މިންވަރު) ވަނީ ކިއުބިކް މީޓަރަކަށް 284 މައިކްރޯގްރާމަށް އަރާފައެވެ. މިއީ މިބޯ ދުމުގެ އަސަރު އެންމެ ގަދައައްކޮށް ވައިގެ ނުސާފުމިން މިހާ މައްޗައް ނުވަތަ ނުރައްކާތެރި ދަރަޖައަކަށް އެރި ފުރަތަމަ ފަހަރެވެ.
މީގެއިތުރުން، ވައިގެ ތެރޭގައި ހިރަފުހާއި ދުމުގެ އަސަރު ގަދަވުމާ ގުޅިގެން، އޮކްޓޫބަރު 15 އިން ފެށިގެން ތިން ދުވަހަށް ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދިނުން މެދުކަނޑާލާފައިވާ ކަމަށް އީސްޓް ޓިމޯރުގެ ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. އެ ޤައުމު އިންވެގެން އޮންނަނީ އިންޑޮނޭޝިއާގެ އީސްޓް ނުސާ ޓެންގަރާ އަވަށާއި އެއް ފަސްގަނޑެއްގައެވެ. އަދި އެ ސަރަޙައްދުގެ ގިނަ ތަންތަނެއްގައި އަލިފާން ރޯވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މި ކާރިސާއާ ގުޅިގެން އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވަނީ އަލިފާން ނިއްވުމުގެ މަސައްކަތަށް އިތުރު ވަސީލަތްތައް ނެރުމަށް އަމުރުކުރައްވާފައެވެ. އެ ޤައުމުގެ ސިޔާސީ އަދި ސަލާމަތީ ކަންކަމާބެހޭ ވުޒާރާގެ އޮފިޝަލެއް ކަމަށްވާ ހޮނީ ހަވާނާ ވިދާޅުވީ، އަލިފާންގަނޑު މައިތިރި ކުރުމައް ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ހަރަކާތްތެރިވި 44,000 ސިފައިންގެ ޢަދަދު މިހާރު 69,000 އަށް އިތުރުކޮށްފައިވާ ކަމަށާއި، އަލިފާން ނިއްވުމަށް ޚާއްޞަ ކެމިކަލް ބޭނުންކޮށްގެން އައު އުކުޅުތައް ވެސް ތަންފީޒުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ކާރިސާތަކާބެހޭ އިދާރާގެ ތަރުޖަމާނު ބަރޓަން ޕަންޖައިތަން ފާހަގަކުރެއްވި ގޮތުގައި، ބިމުގެ އަޑީގައި (ޕީޓްލޭންޑްގައި) އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، މިއަށް އޮތް ހަމައެކަނި ދާއިމީ ޙައްލަކީ ބޯކޮށް ވާރޭވެހުމެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާސިއާން ސަމިޓުގައި މި މައްސަލައާ މެދު މަޝްވަރާކުރުމަށް ތައްޔާރުވަމުންދާއިރު، އިންޑޮނޭޝިއާއަށް އަމާޒުވާ ސަރަޙައްދީ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ. މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ސައިދު ޞަދީޤް ސައިދު ޢަބްދުއްރަޙްމާން ވިދާޅުވީ، އަލިފާން ކޮންޓްރޯލްކުރުމަށް އިންޑޮނޭޝިއާއިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ، ސަރަޙައްދުގެ ޤައުމުތައް ގުޅިގެން އިންޑޮނޭޝިއާއަށް ރަސްމީ ޑިޕްލޮމެޓިކް އިޢުތިރާޒެއް ހުށަހަޅަންޖެހޭ ކަމަށެވެ. މީގެއިތުރުން، ޖަންގަލިތަކުގައި ގަސްތުގައި ރޯކުރާ ކުންފުނިތަކަށް ސިންގަޕޫރާއި މެލޭޝިއާގެ ބޭންކުތަކުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ވަގުތުން މެދުކަނޑާލުމަށާއި، މިކަމަށް އިންޑޮނޭޝިއާއިން ޒިންމާދާރު ފިޔަވަޅެއް ނާޅައިފިނަމަ، ސަރަޙައްދީ ފެންވަރުގައި އެ ޤައުމު އެކަހެރިކުރުމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ދުމުގެ އަސަރު ގަދަވުމުގެ ސަބަބުން އޮކްޓޫބަރު 13 ގެ ނިޔަލަށް އިންޑޮނޭޝިއާގެ 7 އަވަށުގައި، ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ފަރުވާ ހޯދި މީހުންގެ ޢަދަދު ވަނީ 283,270 އަށް އަރާފައެވެ.