ފަހަކަށް އައިސް އެކްސިޑެންޓުތަކުގެ މައްސަލަތައް އިތުރުވަމުންދާތީ ޖުޑީޝަރީ ކޮމިޓީއަށް ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވާފައިވަނީ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްއެވެ. އަދި އެ ހުށަހެޅުމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއާއި ފޭދޫ ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރު ވަނީ ތާޢީދު ކުރައްވާފައެވެ.
ކޮމިޓީއަށް ފުލުހުން ހާޒިރުކުރަން ފާސްކުރީ، ކޮމިޓީގެ އިއްތިފާޤުންނެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން މެމްބަރު ނާޒިލް ވިދާޅުވީ، އެއްގަމު ދަތުރުފަތުރާ ގުޅުންހުރި ސިޔާސަތުތައް ކަނޑައެޅުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށާއި ދަތުރުފަތުރާ ގުޅުންހުރި ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޤަވާއިދާއި ޚިލާފަށް ދުއްވުން ޢާއްމުވުމަކީ، އެކްސިޑެންޓުތަކަށް މަގުފަހިވާ އެއް ސަބަބުކަމަށްވެސް ވިދާޅުވިއެވެ.
" ނުބައި ފަޅިން ދުއްވިޔަސް މަގުމަތީގައި ހުންނަ ޓްރެފިކް ފުލުސް މީހާވެސް އަޅާނުލާ. އެ ހާލުގައި މިއޮތީ. ޓްރެފިކަށް ނެރޭ މީހާއަށް އެވަރު ކިޔާ ނުދެވެންޏާ އެއީ މައްސަލައެއް." މެމްބަރު ނާޒިލް ވިދާޅުވިއެވެ.
ނާޒިލްގެ އިތުރުން ވާހަކަ ދެއްކެވި ކޮމިޓީގެ އެހެން ބައެއް މެމްބަރުން ވިދާޅުވީ، ޤާނޫނުތަކަށް ބޯ ނުލެނބުމަކީ އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރުވެސް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަން މެމްބަރުން ފާހަގަކުރެއްވިއެވެ. ފަރުދީ ޒިންމާ އުފުލާ، ނުރައްކާތެރިކޮށް ދުއްވާ މީހުންނާމެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.
އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ.