އޮކްޓޫބަރު 13 ވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހެވެ. ސުނާމީ ކާރިސާއަށްފަހު، ރާއްޖޭގައި ކާރިސާއަށް ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ވިލުންތެރިކަން ފެށެނީ އަމިއްލަ ގޭބިސީން" މިޝީއާރެވެ. އެއީ ނުރައްކާތައް ދެނެގަތުމާއި، ގެދޮރު ރައްކާތެރިކުރުމާއި، ކާރިސާގެ ކުރިން ހޭލުންތެރިވެ ތައްޔާރުވުން ކަމެވެ.
މި ދުވަހަކީ ވިލުންތެރިކަން އިތުރުކުރުމަށާއި، މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކާރިސާތަކުން ކުރިމަތިވާ ނުރައްކާތަކަށް ރިއާޔަތްކޮށްގެން ވިލުންތެރި ރާއްޖެއަކަށް ވާސިލްވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ އަޒުމް ވަރުގަދަކޮށް، އެ މަގަށް މަސައްކަތް ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ނާޒުކު ގޮތާއި، ބިމުގެ ސަތަހައިން ބިން ތިރިކޮށް އޮތުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، އުދައެރުމާއި، މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވާ އެކި ކާރިސާތަކުގެ ބިރުވެރިކަން ރާއްޖެއަށް އޮވެއެވެ.
ޤައުމީ ފެންވަރުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމާއި މެނޭޖްކުރުމުގެ ސްޓްރެޓީޖިކް ޕްލޭނިންގ ހަރުދަނާކުރުމުގެ ދާއިރާއިން ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމުގެ ގޮތުގައި ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ފާހަގަކުރައްވަނީ ހަމައެކަނި ކާރިސާ ދިމާވުމުން އެއަށް އިޖާބަދިނުމުގެ ބަދަލުގައި، ކާރިސާތަކުން ރައްކާތެރިވުމާއި، ނުރައްކާ ކުޑަކުރުމާއި، ތައްޔާރުވެފައި އޮތުމާއި، އިޖާބަދިނުމާއި، އަލުން އާރާސްތުކުރުން އަދި ވިލުންތެރިކަން އިތުރުކުރުން ހިމެނޭ ފުރިހަމަ ނިޒާމަކަށް ބަދަލުވުމަށް އެކުލަވައިލެވިފައިވާ ޤައުމީ ސިޔާސަތުތަކާއި ރަނގަޅަށް ޕްލޭން ކުރެވިފައިވާ އޮނިގަނޑުތަކެވެ.
"ނެޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓީޖީ" އަކީ ޤައުމީ ސިޔާސަތުތަކާއި، ދާއިރާތަކުގެ މަޝްރޫޢުތަކާއި، ތަރައްޤީގެ ޕްލޭންތަކުގައި ކާރިސާގެ ނުރައްކާތަކަށް ރިއާޔަތްކުރުން ހިމަނައިގެން އެކުލަވައިލެވިފައިވާ ސްޓްރެޓީޖިކް އިރުޝާދެކެވެ. މީގެ ސަބަބުން މުއައްސަސާތަކުގެ މެދުގައި ގުޅުން ހަރުދަނާވެ، ސަރުކާރުގެ ހުރިހާ ފެންވަރެއްގައި ނުރައްކާތަކަށް ބަލައިގެން ނިންމުންތައް ނިންމުމުގެ ބިންގާ އެޅިގެންދާކަން އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.
މި އޮނިގަނޑަށް އެހީތެރިވުމުގެގޮތުން، އެންޑީއެމްއޭއިން ދަނީ "ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން" އެކުލަވައިލަމުންނެވެ. މީގެ މަޤްޞަދަކީ ޤައުމީ ފެންވަރުގައި ކަމާބެހޭ މުއައްސަސާތަކުގެ ދައުރާއި ޒިންމާތައް އަދި އޮޕަރޭޝަނަލް އިންތިޒާމުތައް އެއް ނިޒާމެއްގެ ދަށުން ވިލަރެސްކުރުމެވެ.
މީގެ އިތުރުން، އެންޑީއެމްއޭއިން ވަނީ "ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ޕްލޭން" (އެން.އީ.އޯ.ޕީ) އެކުލަވައިލާފައެވެ. ރާއްޖޭގެ ކާރިސާގެ ނުރައްކާ މެނޭޖްކުރުން ހަރުދަނާކުރުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅަކީ "ނެޝަނަލް ރިސްކް ރެޖިސްޓަރ އެންޑް އެސެސްމަންޓް 2026" އެކުލަވާލުމެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، މި ޤައުމީ ދިރާސާގެ ދުރުރާސްތާ ފައިދާއަކީ، ކާރިސާތަކުން ކުރިމަތިވާ ނުރައްކާތަކުގެ މަޢުލޫމާތު ބޭނުންކޮށްގެން މުޖުތަމައުތައް ރައްކާތެރިކުރުމަށާއި، އަސާސީ ޢުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ހަރުދަނާކުރުމަށް އަމަލީ ފިޔަވަޅުތައް އެޅުމެވެ.
ކުރިއާލާ އިންޒާރުދިނުމާއި އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމެއްވެސް ރާއްޖޭގައި ވަނީ ޤާއިމުކޮށްފައެވެ. މި މަގުޗާޓަކީ ޤައުމީ ފެންވަރުގައާއި ރަށްރަށުގެ ފެންވަރުގައި ކުރިއާލާ އިންޒާރުދިނުމުގެ ޤާބިލުކަން އިތުރުކޮށް، ގުޅިލާމެހިގެން މަސައްކަތްކުރުމަށް އެކުލަވައިލެވިފައިވާ އޮނިގަނޑެކެވެ.
ރާއްޖޭގެ ކާރިސާގެ ނުރައްކާ މެނޭޖްކުރުމަށް އެންޑީއެމްއޭއިން ކުރާ މަސައްކަތުގެ މައިގަނޑު އަސާސަކީ ރަށްރަށުގެ ވިލުންތެރިކަން އިތުރުކުރުމެވެ. ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު، ޚާއްޞަކޮށް ޖަޕާން ސަރުކާރުގެ އެހީގައި ފޯރުކޮށްދީފައިވާ ފެން ހިންދާ ޕަމްޕާއި އަލިފާން ނިއްވާ ޕަމްޕު ފަދަ ވަސީލަތްތަކުގެ ސަބަބުން ރަށްރަށުގެ އިޖާބަދިނުމުގެ ޤާބިލުކަން ދަނީ އިތުރުވަމުންނެވެ.
ޔުނެސްކޯގެ އިންޓަރގަވަރމަންޓަލް އޯޝަނޯގްރަފިކް ކޮމިޝަންގެ "ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމް" ކުޅުދުއްފުށި ސިޓީގައި ތަންފީޒުކުރުމުގެ މަސައްކަތްވެސް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.
ކުޅުދުއްފުށި ސިޓީއަކީ "ސުނާމީ ރެޑީ" ރަސްމީ ދަރަޖަ ހޯދުމަށް މަސައްކަތްކުރަމުންދާ ސިޓީއެކެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ މިންގަނޑުތައް އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ގޮތް ދައްކައިދޭ ނަމޫނާއެކެވެ. މި ތަޖުރިބާގެ އަލީގައި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ސުނާމީއަށް ތައްޔާރުވުމުގެ މަސައްކަތްތައް ފުޅާކުރެވޭނެކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
ކާރިސާގެ ނުރައްކާ މެނޭޖްކުރުމުގައި ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަށް "ޑިޒާސްޓަރ އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް" (ޑާލާ) ނިޒާމު އެންޑީއެމްއޭއިން ވަނީ މިދިޔަ އަހަރު އިފްތިތާޙްކޮށްފައެވެ.
މިއީ ސަރުކާރުގެ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާއަށް ލިބޭ ކުރިއެރުމެކެވެ. މީގެއިން ދައްކުވައިދެނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކާރިސާގެ ހިންގުންތެރިކަން ހަރުދަނާކޮށް، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތެވެ.
ވިލުންތެރި ރާއްޖެއެއް ބިނާކުރުމަކީ މުޅި ޤައުމުގެ އެންމެންގެ ޒިންމާއެކެވެ. އަދި ކާރިސާގެ ނުރައްކާ ކުޑަކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެންމެ މުހިންމު އެއް އަސާސެވެ.