ޚަބަރު

އިންވެސްޓިގޭޓަރުން މަދުވުން، އެންއައިސީއަށް އޮތް ގޮންޖެހުމެއް


  • މައްސަލަތަކުގެ %87އަކީ ފުލުހުންގެ އިދާރާ ގުޅޭ މައްސަލަ

  • އިންވެސްޓިގޭޓަރުން މަދުވުމުން މައްސަލަތައް ބެލުން ލަސްވޭ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، އެންއައިސީގެ އިންވެސްޓިގޭޓަރުން މަދުވުމުން އެ އިދާރާއިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެންއައިސީގެ ނައިބު ރައީސް ފާތިމަތު ޝަރީފް ވިދާޅުވީމި ވަގުތު އެތަނުގައި ތިބީ 9 އިންވެސްޓިގޭޓަރުންކަމަށެވެ. މި އަހަރު ފެށުނު އިރު އެއަށް ވުރެ އިންވެސްޓިގޭޓަރުން މަދުކަން ކޮމިޝަނުގެ ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އިންވެސްޓިގޭޓަރުން މަދުވުމުން މައްސަލަތައް ބެލުން ލަސްވެ، ނުބެލި ހުރި މައްސަލަތައް އިތުރުވާކަމަށް ފާތިމަތު ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ޚާއްސަ އިސްކަމެއް ދީގެން މައްސަލަތަކުގެ ބެކްލޮގް ކްލިއަރކުރުމުގެ މަސައްކަތްކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

"އެއީ ވަރަށް ބޮޑު ޗެލެންޖެއް. މައްސަލަތައް އަޅުގަނޑުމެން ބޭނުންވާ ސްޕީޑްގައި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދިމާވާ އުނދަގުލެއް." އެންއައިސީގެ ނައިބު ރައީސް ފާތިމަތު ޝަރީފް ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރު އެ ކޮމިޝަނަށް ގިނަ މައްސަލަތަކެއް ހުށަހަޅުއްވާފައިވެއެވެ. އޭގެ އެއް ސަބަބަކީ މައްސަލަތައް ހުށަހެޅުމާމެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެފައިވުންކަމަށް ކޮމިޝަނުން ފާހަގަކުރައްވައެވެ.

ކޮމިޝަންގެ މަސައްކަތްތައް ފުޅާކުރުމަށާއި، ކޮމިޝަންގެ މަސައްކަތްތަކަށް އާއްމުން ހޭލުންތެރިކުރުވުމަށް އެންއައިސީއިން މަސައްކަތްކުރައްވައެވެ.

ކޮމިޝަނުން މައްސަލަތައް ބަލާފައިވާ ގޮތަށް ބަލާއިރު ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ބަލަން ފަށާފައިވާ މައްސަލަތަކުގެ %87އަކީ ފުލުހުންގެ އިދާރާއާ ގުޅޭ މައްސަލަތަކެވެ. އަދި %10އަކީ ކަރެކްޝަނަލް ސާވިސް އާ ގުޅޭ މައްސަލަތަކެވެ. އިމިގްރޭޝަނަށް ރައްދުވަނީ %1 މައްސަލަތަކެވެ.