ފުރަތަމަ ފަހަރަށް ސާފް އިން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސައުތު އޭޝިއާ ސަރަހައްދުގެ ފުޓްސަލްގެ ރަސްގެފާނު، ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ޗައިނާގައި އޮންނަ ފުޓްސަލް މުބާރާތެއްގައި ބައިވެރިވެއްޖެއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، މި މުބާރާތުގައި ވާދަކުރާނީ ހަތަރު ޤައުމު ކަމަށެވެ. އެއީ ހޯސްޓު ޗައިނާ، ދިވެހިރާއްޖެ، ސައުތު ކޮރެއާ އަދި ހޮންގް ކޮންގެވެ.
މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ ފަސްވަނަ ދުވަހު ކުޅޭނީ ސައުތު ކޮރެއާއާ ދެކޮޅަށެވެ. ފީފާ ފުޓްސަލް ރޭންކިންގަށް ބަލާއިރު މި މުބާރާތުގައި ވާދަކުރާ އެންމެ ރޭންކިން މަތި ޓީމަކީ ސައުތު ކޮރެއާއެވެ. އެ ޤައުމު އޮތީ ރޭންކިންގެ 66 ވަނައިގައެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި ނުކުންނާނީ ނޮވެމްބަރު ހަތްވަނަ ދުވަހު، ހޮންގް ކޮންގާ ދެކޮށެވެ. ހޮންގް ކޮންގަކީ މުބާރާތުގައި ވާޑަކުރާ ޤައުމުތަކުގެ ތެރެއިން، ފުޓްސަލް ރޭންކިންގައި ރާއްޖެއަށްވުރެ ދަށުން ދަރަޖަ ކުރެވިފައިވާ ހަމައެކަނި ޤައުމެވެ. ހޮންގް ކޮންގަށް ލިބެނީ ރޭންކިންގެ 118 ވަނައެވެ.
މުބާރާތުގެ ފަހު މެޗުގައި ރާއްޖެއިން ޗައިނާއާ ދެކޮޅަށް ނުވަވަނަ ދުވަހު ނުކުންނައިރު ޗައިނާއަކީ ފުޓްސަލް ރޭންކިންގެ 84 ވަނައިގައި އޮތް ގައުމެވެ.
ސައުތު އޭޝިއާގެ ފުޓްސަލްގެ ރަސްގެފާނު، ދިވެހިރާއްޖެއަށް ރޭންކިންގައި ލިބެނީ 99 ވަނައެވެ.
ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ކުޅޭނީ ހަމައެކަނި ލީގު ބުރެކެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ ޓީމަކަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.