ޚަބަރު

"އެމްއެމްޕީއާރުސީގެ ހިޔާނަތް ހިންގީ ޔާމީންގެ އެންގުމަށް"


  • އާރަށުގެ މައްސަލައިގައި 12 ނޮވެމްބަރުގައި ދެ ފަރާތުން ހެކި ހުށަހަޅާނެ

  • ފުއްގިރިި ޚިޔާނާތުގެ މައްސަލައިގައި ދިފާއުގެ ޚުލާސާ ބަޔާން އިއްވެވުން މާދަމާ އޮންނާނެ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ޚިޔާނާތުގެ ޢަމަލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ހިންގާފައިވާ ޚިޔާނާތުގެ ޢަމަލެއްކަމަށް ދަޢުލަތުން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސްގެ މައްޗަށް ކުރާ ތުހުމަތުގެ ތެރެއިން ދެ މައްސަލައެއްގެ އަޑު އެހުން މިއަދު ވަނީ ބާއްވާފައެވެ. އޭގެތެރެއިން ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ ހުލާސާ ބަޔާން ހުށަހެޅުމެވެ. އެ މައްސަލައިގައި ދަޢުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގްގެ ކުށުގެ ދައުވާއާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ ދިފާއަކީ މި މައްސަލައިގައި ހިމެނޭ ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާކަމަށެވެ. ނަމަވެސް ދައުލަުން ފާހަގަކުރައްވާ ގޮތުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވާ، ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން ނުފޫޒު ފޯރުވައިގެން ހޯއްދަވާފައިވާ ފައިސާއެވެ. އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަނަކީ އެ މަނިކުފާނު އަންގަވައިގެން ކުރައްވާފައިވާ ކަންކަމަށް ދަޢުލަތުން ވިދާޅުވިއެވެ.

ދަޢުލަތުން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ވެސް ކުރީގެ ރައީސް ޔާމީން ކަމަށެވެ. އަދި އަދީބުގެ ކޮރަޕްޝަންގެ މަޢުލޫމާތުތަކެއް ލިބިވަޑައިގަންނަވާފައިވަނިކޮށް ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވާފައިވާކަންވެސް ދަޢުލަތުން ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރ މާރުކުރި ފައިސާކަމަށް ވިދާޅުވާއިރު، އެ ފައިސާއަށްވާ ދިވެހި ފައިސާ ކޮބައިތޯ ދައުލަތުން ވަނީ ސުވާލު އުފައްދަވާފައެވެ. ދަޢުލަތުން އެދިވަޑައިގަންނަވާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ޑޮލަރު މާރުކުރުމުގެ ދިފާއު ބަލައިނުގަތުމަށެވެ.

ފުއްގިރިި ޚިޔާނާތުގެ މައްސަލައިގައި ދިފާއުގެ ޚުލާސާ ބަޔާން އިއްވެވުން މާދަމާ އޮންނާނެއެވެ. ދެ ފަރާތުން ހުލާސާ ބަޔާން ނިމުމުން ދެން އޮންނާނީ މައްސަލައިގައި ހުކުމް ކުރުމެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި މިއަދު އޮތީ މައްސަލައިގައި ކުރިން ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމެވެ. ޝަރީއަތުން ނިންމަވާފައިވަނީ ދިފާއުން ހެކީގެ ގޮތުގައި ހުށަހެޅި އަހުމަދު ނާޒިމް، ހެކީގެ ގޮތުގައި ބަލައި ނުގަތުމަށެވެ. އެހެން ހުރިހާ ހުށަހެޅުމެއް ބަލައިގަންނަން ޝަރީއަތުން ނިންމަވާފައިވެއެވެ.

އެހެންކަމުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް މި މައްސަލައިގައި ނަގާނެއެވެ. މި މައްސަލައިގައިދެން އޮންނާނީ 12 ނޮވެމްބަރުގައި ދެ ފަރާތުން ހެކި ހުށަހެޅުމެވެ.