ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީންގެ ތިންވަނަ ބެޗުގެ ޕްރޮގްރާމްގެ ބައިވެރިން މިއަދު ފުރައިފިއެވެ. މި ބެޗުގައި 84 ދަރިވަރުން ހިމެނެއެވެ.
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފަންނީ ޢިލްމާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެކެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވާ ދަރިވަރުންނަކީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ ތިންވަނަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި ފަންނީ ތަމްރީނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރެއިން މި ބެޗުގައި ފުރުޞަތު ދިން ދަރިވަރުންނެވެ.
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
މި ތަމްރީނުގައި ސެޓްފިކެޓް ލެވެލް 3ގެ ހަ ކޯހެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ކޯހެވެ.
މި ކޯސްތަކުގެ މުޤައްރަރުގައިވާ ބައިތަކުގެ އިތުރުން ފިޒިކަލް ފިޓްނަސް، ސްވިމިންގ، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް މި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދާނެއެވެ. ހަމައެއާއެކު މި ޕްރޮގްރާމުގައި ލައިފް ސްކިލް ކޮމްޕޯނަންޓުގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމު ބިލްޑިންގ ހަރަކާތްތަކާއި، ލީޑަރޝިޕް ހަރަކާތްތަކުގެ އިތުރުން އަދަބު އަޚުލާޤު ދަސްކޮށްދޭނެއެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރު ކުރާ، ޢަޤީދާ ވަރުގަދަ، ރޫޚާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަޚުލާޤާއި ސުލޫކު އަދި ލީޑަރޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާދާއިރާއެއްގައި ތަމްރީނުތައް ދޭނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމަކީ ޤައުމަށް ބޭނުންތެރި، މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ އެންމެ އިސް ސިޔާސަތުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މުހިންމު ޤައުމީ ޙަރަކާތެކެވެ.