މިއަހަރުގެ ނިޔަލަށް އަސާސީ ބޭސް ހުރިހާ ރަށެއްގެ ބޭސް ފިހާރަތަކުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ އަސާސީ ބޭސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލިބެން ހުރިކަން ކަށަވަރު ކުރުމަށާއި އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތައް ބޭސްކުންފުނިން ދަނީ ކުރަމުންނެވެ.
އަހާ ފޯރަމްގައި ވާހަކަދައްކަވަމުން ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ސްޓޭޓް ފާމަ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސް ފިހާރަތަކަށް އަދި ދިގުމުއްދަތަކަށް ބޭސް ކާންޖެހޭ މީހުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތަށް ކުރެވޭ މަސައްކަތުން މިއަހަރު ނިމުމުގެ ކުރިން އަސާސީ ބޭސް އަތޮޅުތެރޭގެ ހުރިހާ ފާމަސީތަކުން ލިބެން ހުންނާނެ ގޮތަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަސާސީ ބޭސް ހޯދުމަށް ރައްޔިތުންނަށް އެހީވުމަށް ހާއްސަ ހޮޓްލައިންއެއް ދައުލަތުގެ ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން ވަނީ ތަޢާރަފްކޮށްފައެވެ. ދައުލަތުގެ ބޭސްކުންފުނިން ތައާރަފް ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 1505 އެވެ. މިއީ 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފްކޮށްފައިވާ ޚިދުމަތެކެވެ. އެކުންފުނިން ވިދާޅުވީ މި ނަންބަރުގެ ތައާރަފްކޮށްފައިވަނީ ދިވެހިރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކަމަށެވެ. އަދި ބޭސް ހޯދުމާއި އެކަމާއި ގުޅޭ މައުލޫމާތު މި ނަންބަރު މެދުވެރިކޮށް ލިބޭނެ ކަމަށް ދައުލަތުގެ ބޭސްކުންފުނިން ވިދާޅުވިއެވެ. ދައުލަތުގެ ބޭސް ކުންފުނިން ވިދާޅުވީ، އެކުންފުނި މެދުވެރިކޮށް ބޭސް ހޯދަން އޯޑަރު ކުރުމުން، އެ ބޭސް އެ ފަރާތްތަކާއި ގާތުން ފާމަސީއެއް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ކަމަށެވެ.
ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އެއަށް އަމަލުކުރަން ފެށުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން މިއހަރުގެ ޖުލައި މަހު ވަީ އަންގާފައެވެ. ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު އަދާހަމަކޮށްފައިވާއިރު ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ.
މި ބަދަލާ ގުޅިގެން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ޖެނުއަރީ މަހުގެ ނިޔަލަށް ހަމަޖައްސަން ޖެހޭނެއެވެ. އަދި އަލަށް ހުޅުވާ ފާމަސީތައް ރަޖިސްޓްރީ ކުރުމަށްފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސްތައް ހަމަކުރުމުން ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ވިދާޅުވެފައެވެ.