ވިޔަރެއާލް އަތުން 1-0އިން ރެއާލް މެޑްރިޑް މޮޅުވި މެޗަށް ފަހު ޕްރެސް ކޮންފަރެންސަށް ނުދިޔައީ ބާސެލޯނާ މެޗަށް އޭނާ ސަސްޕެންޑް ކޮށްފާނެތީ ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މެޗުގައި ރީނދޫ ކާޑު ދެއްކި ކޯޗު މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ ރަސްމީ ޕްރެސް ކޮންފަރެންސްގައި އޭނާ ބައިވެރިވެއްޖެނަމަ ދައްކާ ވާހަކަ ވެސް ގޯސްކޮށް މާނަކޮށްފާނެ ކަމަށާއި އެއީ ކުރިއަށް ހުރި މެޗުތަކުގައި ބެންޗުގައި ނުއިނދެވިދާނެ ކަމެއް ކަމަށް ފެންނަ ކަމަށެވެ.
"އަހަރެންނަށް ހިޔެއް ނުވޭ ޕްރެސް ކޮންފަރެންސް އަށް ދިއުން ރަނގަޅުހެން. ފަހަރުގައި އަހަރެން ދައްކާ ވާހަކަ އެ މީހުންނަށް ކަމުނުގޮސްފާނެ. އެހެންވިއްޔާ އަހަރެން ކުރިއަށް އޮތް ދެ މެޗަށް ބެންޗުގައި ނީނދެވޭ ގޮތް ވެދާނެ. ހާއްސަކޮށް ބާސެލޯނާ މެޗަށް އަހަރެން ސަސްޕެންޑް ކޮށްފާނެ،" މޮރީނިއޯ އެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑަކީ އެންމެ ވާދަވެރި ދެ ޓީމެވެ. ސްޕެނިޝް ލީގުގައި މި ދެ ޓީމުގެ އޮތީ ހަ ޕޮއިންޓް ފަރަގެއްގައެވެ. މިހެންވެ މި މެޗަކީ ރެއާލް އަށް ވަރަށް މުހިންމު މެޗަކަށްވަނީ ވެފައެވެ. ސަބަބަކީ މި މެޗުން ބާސެލޯނާ ބަލި ނުކުރެވިއްޖެނަމަ ނުވަތަ ބާސެލޯނާ މޮޅުވެއްޖެނަމަ މި ސީޒަނުގެ ސްޕެނިޝް ލީގު އަތުން ދޫވުން ވަރަށް ގާތުގައި އޮތުމެވެ.
މޮރީނިއޯ ބުނީ ރެއާލްއާ ދެކޮޅަށް ރެފްރީން ސިލްސިލާކޮށް ނިންމުންތައް ނިންމާ ކަމަށާއި އެކަން ކޮންމެ މެޗެއްގައި ފެންނަކަމަށެވެ.
"އަހަރުމެން މިތިބެން ޖެހެނީ ބިރުވެރި ކަމެއްގައި. އަބަދުވެސް އަހަރުމެންނާ ދެކޮޅަށް ނިންމުންތައް އަންނަނީ. މިހެންވެ އަހަރެން ބިރު ގަނޭ ކުރިއަށް އޮތް ދެ މެޗުގައި ބެންޗުގައި ނީނދެވޭ ގޮތް ވެދާނެތީވެ،" މޮރީނިއޯ ބުންޏެވެ.
މި މެޗުގައި ރެއާލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ ކުޅެން ނުކުތްތާ 20 މިނިޓް ފަހުން އޭނާ އަށް ވަނީ ރަތްކާޑު ދައްކައި ފޮނުވާލައިފައެވެ. އެއީ ލަނޑު ޖެހުމުގެ ކުރިން ވިޔަރެއާލްގެ ޑިފެންޑަރު ނަތަން ސަލީބާގެ ބޮލުގެ އިސްތަށިގަނޑަށް ފަހަތުން ދަމައިގަތުމުންނެވެ.
މި މެޗުގެ ރެފްރީ ޑިއާޒް ޑި މޭރާ އޭނާގެ މެޗު ރިޕޯޓުގައި ބުނެފައިވަނީ ވިނީޝިއުސް އަށް ރަތްކާޑު ދެއްކީ އޭނާގެ ނިންމުމާ ދެކޮޅަށް އަޑުގަދަ ކުރުމާއި އޭނާއާ ދިމާލަށް ނުރައްކާތެރިކޮށް އައުމާއި ވިނީޝިއުސްގެ ދިފާއުގައި ރެއާލްގެ ކުޅުންތެރިން އޭނާ ވަށާލައި ކުރިއަށް ދިޔަނުދިނުމުން،" ކަމަށެވެ.
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިއެއްގެ ބޮލުގެ އިސްތަށިގަނޑަށް ފަހަތުން ދަމައިގަތުމަކީ ކުށެކެވެ. އަދި އެ ގަވާއިދު ބުނާ ގޮތުން މިކުށުގެ އަދަބެއްގެ ގޮތުން އެކެއް ނޫނީ ތިން މެޗަށް ސަސްޕެންޑް ކުރެވިދާނެ ކަމަށެވެ.