މިއަހަރުގެ ފުރަތަމަ 9 މަސްދުވަސްތެރޭ މުދަލު ޒަކާތުގެގޮތުގައި 104 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ސެޕްޓެންބަރުމަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެމަހުގެ ނިޔަލަށް މުދަލު ޒަކާތުގެގޮތުގައި ވަނީ 104 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބުނު 87.8 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %24 އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެންބަރުމަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 5.6 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 5.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން މިދިޔަ އޮގަސްޓުމަހުގެ 20 ވަނަ ދުވަހުން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، 19،266.10 ރުފިޔާ ކަމަށެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
1 ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. މީރާގެ ސަރވިސް ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. މީރާގެ ކަލެކްޝަން ސެންޓަރެއް ނުވަތަ ބްރާންޗެއް ނެތް ރަށެއް ނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ.