ނޭޕާލުގެ މެދުތެރޭ ސަރަޙައްދުގެ ކޯރެއްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކުއްލިއަކަށް ފެންބޮޑުވެ، ގެދޮރާއި އުމްރާނީ ތަރައްޤީގެ ވަސީލަތްތަކަށް ގެއްލުންތަކެއް ލިބިފައިވާތީ، ކަމާބެހޭ ފަރާތްތަކުން ވަނީ ކޯރުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އިރުޝާދުދީފައެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު ހުޅަނގުން އޮންނަ ގޯރްޚާ ސަރަހައްދުގެ ޗުމްނުބްރީ އަވަށުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާއެއްގެ ސަބަބުން، ބުޑީ ގަންޑަކީ ކޯރު ބަންޑުންވެ، ތިރި ސަރަޙައްދުތަކަށް ފެންބޮޑުވެފައިވާކަން މަސްއޫލުވެރިން ހާމަކުރައްވައިފިއެވެ. މި ޙާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައިނުވީ ނަމަވެސް، ގޯރްޚާ އަވަށުގެ އެންމެ އިސް އޮފިޝަލް ދަރްމެންދްރާ ކުމާރު މިޝްރާ ވިދާޅުވީ ކޯރުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމަށް އަންގާފައިވާ ކަމަށެވެ.
ބުޑީ ގަންޑަކީ ކޯރަކީ ޓްރިޝޫލީ ކޯރުގެ ބައެކެވެ. މި ސަރަޙައްދަކީ މިދިޔަ އޮގަސްޓު މަހު ގްލޭސިއަރެއް ވެއްޓިގެން ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ޙާދިސާއެއްގައި 1,457 މީހުން މަރުވެ އަދިވެސް އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ސަރަޙައްދާ ގުޅިފައިވާ ތަނެކެވެ. މިހާރު ހިނގި ޙާދިސާއާ ގުޅިގެން ގޯރްޚާގެ އެކި ހިސާބުތަކުގައި ހުރި ގެތަކަށް، ދެ ސަސްޕެންޝަން ފާލަމާއި، ހައިޑްރޯއިލެކްޓްރިކް މަޝްރޫޢެއްގެ ކޭމްޕަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް މިޝްރާ ވިދާޅުވިއެވެ. މީގެ އިތުރުން ކިސަޑާއެކު ބާރަށް ދަތުރުކުރަމުންދާ ފެންގަނޑު ބޮޑުވެ، ގޯރްޚާއާއި އަވަށްޓެރި ދަޑިންގް އާއި ގުޅުވައިދޭ ހައިވޭ ފާލަންވެސް ވަނީ ކަހައިގެން ގޮސްފައިވާކަމަށް ޤައުމީ ކާރިސާތަކުން އަރައިގަތުމާބެހޭ އިދާރާގެ (އެން.ޑީ.އާރު.އާރު.އެމް.އޭ) ވެރިޔާ ދަރަމް ރާޖް އުޕްރެތީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖަގަތު ސަރަޙައްދުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ނުރައްކަލަށް ހުށަހެޅުނު 6 މީހަކު ސިފައިން ވަނީ ސަލާމަތްކޮށްފައެވެ. އަދި ގެއްލުން ލިބުނު ހައިޑްރޯއެލެކްޓްރިކް މަޝްރޫޢުގެ މައި ޖަގަހާގައި މަސައްކަތްކުރަމުންދިޔަ 18 މަސައްކަތްތެރިންވެސް ވަނީ ރައްކާތެރި ސަރަޙައްދަކަށް ބަދަލުވެފައެވެ.
ޙާދިސާއާ ގުޅިގެން ކޯރުގެ އައްސޭރީގައި އޮތް ގޯރްޚާ، ތަނަހޫން، ޗިތުވާން، އިރުމަތީ ނަވަލްޕަރާސީ އަދި ހުޅަނގު ނަވަލްޕަރާސީ އަވަށްތަކުގެ ރައްޔިތުންނަށް ކުއްލި ނުރައްކަލުގެ އިންޒާރުދީފައިވެއެވެ. ނޭޕާލުގެ ބޮޑުވަޒީރު ބަލެންދްރާ ޝާހު ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނުރައްކަލަށް ހުށަހެޅިފައިވާ މީހުން އަވަހަށް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށާއި، ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންގެ ސަލާމަތީ ޓީމުތައް އެ ސަރަޙައްދަށް ގޮސް، ހެލިކޮޕްޓަރު މެދުވެރިކޮށް ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް އޮފިޝަލުން ހާމަކުރައްވައެވެ..