ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލުގެ 3 ވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް 24 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި ޔޭން ޑިއޮމެންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ އޭނާ މިދިޔަ އޮގަސްޓް މަހު 120 މިލިއަން ޕައުންޑުގެ ފީއަކަށް ޖަރުމަނުގެ ލެއިޕްޒިގް އިން އެ ޓީމާއި ގުޅުނު ފަހުން ޖެހި ފުރަތަމަ ލަނޑެވެ.
މި ލަނޑަށްފަހު ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ އިތުރު ލަނޑެއް ޖެހި ނަމަވެސް މެޗުގެ ރެފްރީ ވީޑިއޯ އިތުރަށް ބެލުމަށްފަހު އެ ލަނޑު ވަނީ ކެންސަލްކޮށްފައެވެ. އެއީ ލަނޑު ޖެހުމުގެ ކުރިން ވިނީޝިއަސް ޖޫނިއާ ވިލިއަމް ސަލީބާގެ އިސްތަށިގަނޑުގައި ހިފާފައިވާތީއެވެ.
އަދި އޭގެ ފަހުން މެޗުގެ 72 ވަނަ މިނިޓުގައި ރެފްރީ ވަނީ ވިނީޝިއަސް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ވިނިޝިއަސްއަށް ރެފްރީ ރަތް ކާޑު ދައްކާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެންއެރިތާ 20ވަނަ މިނިޓުގައެވެ.
ރެފްރީގެ މި ނިންމުމާއި ގުޅިގެން ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށްވެސް މޮރީނިއޯ ހާޒިރުވެފައެއް ނުވެއެވެ.