ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހުކުރު ދުވަހުގެރޭ އޮޑި ސްޕޯޓްސް ކުލަބުން ގައްދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން އޮޑި 0-4 އިން މޮޅުވިއިރު މިއީ ދިވެހި ލީގުގައި ގައްދޫއިން ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު އޮޑިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އޮޑީގެ ފުރަތަމަ ލަނޑު، އަޙްޒަމް ރަޝީދު ނަގައިދިން ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ހަޑްސަން ޖެސޫސްއެވެ.
އޭގެ ހަ މިނެޓުފަހުން އޮޑީގެ ދެވަނަ ލަނޑު، މުޒްދާން ހަސަން ދިން ތުރޫ ޕާހަކުން ތަނަވަސްވި ފުރުސަތެއްގައި މުޅިން ހުސްކޮށްހުރެ އޭރިއާ ތެރެއަށް ބޯޅައާއިއެކު ވަދެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ އަޙްޒަމެވެ.
ދެލަނޑު ފަހަތުގައި އޮވެ ކުޅެމުންދިޔަ ގައްދޫއަށް މެޗުގައި އިތުރު އުނދަގޫތަކެއް ކުރިމަތިވީ 26 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ފޯވާޑު ޖެމޮވިކް އުރޯޒް އަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކުމާ ގުޅިގެން، މެޗުގެ ބޮޑުބައިގައި އެޓީމުން ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުންނެވެ.
ރެފްރީ އޭނާއަށް ރަތްކާޑު ދެއްކީ، ބޯޅަ ނެތިން އޮޑީގޭ ފާރޫގަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑިން އެޓީމުގެ ތިންވަނަ ލަނޑުޖަހައި ލީޑު އިތުރަށް ފުޅާކުރިއެވެ. 36ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙީމް ވަހީދު ހަސަނެވެ.
މި މެޗުގައި އޮޑން ޖެހި ފަހު ލަނޑު، ދެވަނަ ހާފުގައި، މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޓޮމިސްލާވް ޓަޑޮރޮވިޗެވެ.
މިއީ އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗުކަމާ ލޫސިއާނޯ ތެއިލާ ހަވާލުވިފަހުން އޮޑިން ކުޅުނު ފުރަތަމަ މެޗެވެ. އޮޑިން މި ސީޒަން ފެށީ ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯގެ އިރުޝާދުގެ ދަށުންނެވެ. އޭނާ ޓީމާ ހަވާލުވީ ކަޕް ވިނާސް ކަޕުގެ ތެރެއިންނެވެ. އެކަމަކު ދެ މެޗު އޮޑިއަށް އިރުޝާދު ދިނުމަށްފަހު، ކްލަބާ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ދެ ފަރާތުން މަޝްވާރާ ކުރުމަށްފަހު ވަނީ ނިމުމަކަށް ގެނެސްފައެވެ.
އޮޑިއާ އަލަށް ހަވާލުވި ކޯޗު ލޫސިއާނޯ ވަނީ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅެފައެވެ. ވިކްޓްރީގެ ޖާޒީގައި ލޫސިއާނޯ ފެނިގެންދިޔައީ 2008 ވަނަ އަހަރުއެވެ.
މި މޮޅާއެކު އޮޑިން ކުޅުނު ދެ މެޗުން ތިން ޕޮއިންޓު ހޯދާފައިވާއިރު މެޗުން ބަލިވި ގައްދޫއަށް ހަތަރު މެޗުން އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ހަތަރު މެޗުން ވެސް ގައްދޫ ބަލިވެފައިވާއިރު ބައިކޮޅަށް 11 ލަނޑު ވަދެފައިވެއެވެ.