އަންނަ އަހަރު ސަޤާފީ 8 ދާއިރާއަކުން ޕޮލިޓެކްނިކުގައި ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޮލިޓެކްނިކުގެ މިއަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މަސައްކަތްތެރިކަމުގެ ތަޢުލީމުގެ ދާއިރާއަކީ ކޮންމެ ޤައުމަކަށްވެސް މުހިންމުކަން ބޮޑު ދާއިރާއެއް ކަމަށެވެ.
އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނަކީ ހަމައެކަނި ތަޢުލީމު ދިނުމުގައި އޮންނަ އިޚުތިޔާރީ ގޮތެއް ނޫންކަން މިހާރު ގަބޫލުކުރެވިފައިވާ ކަމަށެވެ. މިއީ، ޒަމާނީ ތަޢުލީމީ ނިޒާމެއްގައި އެކުލެވޭ ކޮންމެހެން ބޭނުންތެރި ބައެއްކަމަށް ބަލައިގެންފައިވާ ކަމަށާއި
ޖަރުމަނު، ސުވިޒަލޭންޑު، އޮސްޓްރިއާ އަދި ޑެންމާކް ފަދަ ޤައުމުތަކުން ތަޢުލީމާއި މަސައްކަތުގެ މާޙައުލާ ގުޅުވައިދޭ ވަރުގަދަ ނިޒާމުތަކެއް ޤާއިމުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިންގަޕޫރު ފަދަ ކުދި ޤައުމުތަކުންވެސް ވަނީ އެ ޤައުމުގެ ތަރައްޤީއަށްޓަކައި، ޢަމަލީ ތަމްރީނާއި ސިނާޢަތްތަކުގެ ބައިވެރިވުން ހިމެނޭހެން މި ދާއިރާއަށް ބޮޑު އިންވެސްޓްމަންޓުތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ
ބައިނަލްއަޤުވާމީ ދިރާސާތަކުން ދައްކާ ގޮތުގައި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ފަންނީ ހުނަރުތައް ތަރައްޤީކޮށް، ވަޒީފާގެ މައިދާނަށް މީހުން ނެރުމުގައި މަސައްކަތްތެރިކަމުގެ ތަޢުލީމު މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ، މިއަހަރު 690 ދަރިވަރުންގެ ދަސްވެނިވުން ފާހަގަކުރާއިރު، މިއީ މިދިޔަ އަހަރުގެ 441 ދަރިވަރުންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަަމަށެވެ. މިއިން ދޭހަކޮށްދެނީ، ރާއްޖޭގައި މަސައްކަތްތެރިކަމުގެ ތަޢުލީމަށް އޮތް ޝައުޤުވެރިކަން އިތުރުވަމުންދާކަން ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ހީނާ ވިދާޅުވީ، ހުނަރުތަކަކީ ހަމައެކަނި އިޤުތިޞާދަށް ހަކަތަ ދިނުމަށް ހަނިކޮށްފައިވާ އެއްޗެއް ނޫންކަމަށާއި، ބައެއް ހުނަރުތަކަކީ އަމިއްލަވަންތަކަމާ ގުޅިފައިވާ ކަންކަން ކަމަށެވެ. އެގޮތުން ސަޤާފީ 8 ދާއިރާއަކުން ޤައުމީ ފެންވަރުގެ މިންގަނޑުތައް އެކުލަވާލުމާއި ހުނަރު ދެނެގަތުމުގެ މަސައްކަތްތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. މީގެ ތެރެއިން ގަހަނާ ހެދުމުގެ ފަންނީ ހުނަރު ދެނެގަތުމުގެ އިމްތިޙާނުތައް ކާމިޔާބުކަމާއެކު ނިންމާލުމަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ސަޤާފީ ހުނަރުތަކުގެ ވާހަކައަކީ އެއިން އުފައްދާ އެއްޗެއްގެ ވާހަކަ އެކަންޏެއް ނޫން. މިސާލެއްގެ ގޮތުން ބަލާނަމަ، ސަޤާފީ ގަހަނާއެއް ފަރުމާކުރުމަކީ އެ އެއްޗެއް ހަދާފައިވާ މާއްދާއަށްވުރެ މާ ފުން މާނައެއް އެކުލެވޭ ކަމެއް. އޭގެ ފަހަތުގައިވަނީ އިލްމު. ތަޖުރިބާއިން އުނގެނިފައިވާ އުކުޅުތައް. ސާމާނާއި އާލާތްތައް ބޭނުންކުރާނެ ޚާއްސަ ގޮތްތައް. އެ މަސައްކަތަށް ޚާއްޞަ ނަންތަކާއި ބަސްމަގު. ތަޖުރިބާއިން ހޯދާފައިވާ ވަރުގަދަ ހިކުމަތްތައް. އޭގައި އެކުލެވޭ އެތައް ވާހަކަތަކަކާއި، އާދަކާދަތަކާއި، ސަޤާފީ މާނަތައް. ގިނަ ފަހަރަށް މި ހުރިހާ މައުލޫމާތެއް ރަސްމީކޮށް ލިޔެވިފައެއް ނުހުރޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއީ އަޅުގަނޑުމެންގެ ތަރިކަ ރައްކާތެރިކުރުމާ މެދު ތަފާތު ގޮތަކަށް ވިސްނުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހީނާ ވިދާޅުވީ މަސައްކަތްތެރިކަމުގެ ދާއިރާތަކުގެ ފެންވަރު ކަނޑައަޅާ މިންގަނޑުތައް އެކުލަވާލުމާއި، ހުނަރު ތަރައްޤީކުރުމާއި، ފެންވަރު ބެލުމާއި، މަސައްކަތުގެ ހުނަރު ދެނެގަތުމުގެ އިމްތިހާނުތައް ބޭއްވުމުގެ އިތުރުން ސަނަދު ދިނުމުގެ ޤައުމީ ނިޒާމުގައި އެމްއެންއެސްޑީއޭއިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މިދާއިރާގެ ކޯސްތައް ފަރުމާ ކުރެއްވުމުގައި އެ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށާއި، މި ކޯސްތަކުގެ ސަބަބުން ސަޤާފީ ދާއިރާއިން އިތުރު ފަންނާނުން އުފެދިގެން އައުމަކީ، މިދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު މި ސަރުކާރުން ގެންދަވަނީ ތައުލީމީ ނިޒާމު ހަރުދަނާކޮށް، ވަރުގަދަކޮށް މީގެ އެންމެ އެދެވޭ ނަތީޖާ ޤައުމަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޤައުމެއް ތަރައްޤީވަނީ އެ ޤައުމެއްގައި މަސައްކަތްތެރިކަމުގެ ފަންނާއި އިންސާނީ ވަސީލަތްތަކާއި، ފަންނީ ސިކުނޑިތަކެއް ތަރައްޤީ ކުރެވިގެން ކަމަށާއި ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ ދިވެހިންނަށް އަދާކުރެވޭ ވަޒީފާތަކަށް ދިވެހީން ތަމްރީންކޮށް، އެ ފުރުސަތުތައް ދިވެހީންނަށް ހޯދައިދިނުމަށް ކަމަށްވެސް ވަޒީރު ހީނާ ވިދާޅުވިއެވެ.