ދުނިޔޭގެ ބާޒާރަށް ނެރެވެންހުރި ތެލުގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށާއި، އޭގެ ސަބަބުން ބާޒާރުގެ ނާޒުކުކަން އިތުރުވެ، ތެލުގެ އަގު އިންތިހާއަށް އުފުލިދާނެ ކަމުގެ އިންޒާރު ހަކަތައިގެ ދާއިރާގެ އިސް ވެރިން ދެއްވައިފިއެވެ.
މި އިންޒާރު ދެއްވާފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި މި ހަފުތާގައި ބޭއްވި "އެނަރޖީ އިންޓެލިޖެންސް ފޯރަމް" ގައެވެ.
މެދުއިރުމައްޗާއި ޔޫކްރޭން ހަނގުރާމައާ ގުޅިގެން ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވި ހުރަސްތަކުގެ އަސަރު ކުޑަކުރުމަށްޓަކައި، އެކި ޤައުމުތަކުގެ ސަރުކާރުތަކުންނާއި ހަކަތަ އުފައްދާ ކުންފުނިތަކުން ވަނީ އެ ފަރާތްތަކުގެ ރިޒާވްގައި ހުރި ތެޔޮ ބޮޑެތި ޢަދަދުތަކުން ބޭނުންކޮށްފައެވެ.
ސަޢުދީ ޢަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، ސައޫދީ އަރަމްކޯގެ ސީއީއޯ އަމީން ނާޞިރު ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރި އުޞޫލުން ބޭނުންކުރެވެން ހުރި ރިޒާވްގެ މިންވަރު މިހާރު ހުރީ 6 ބިލިއަން ފީފާއަށްވުރެ ދަށުގައެވެ. އަދި އޭގެ ތެރެއިންވެސް ބޮޑު ބަޔަކީ ވަގުތުން ވަގުތަށް ބޭނުންކުރެވޭނެ ހާލަތެއްގައި ހުރި ތެޔޮ ނޫން ކަމުން، ތެލުގެ ސަޕްލައި ނިޒާމަށް ބާރު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، މެދުއިރުމަތީގެ ނުތަނަވަސްކަން އުފެދުނު ފަހުން ވިޔަފާރި ރިޒާވްތަކުން އެކަނިވެސް އެއް ބިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ ބާޒާރަށް ނެރެފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
ހުޅަނގުގެ ތެލުގެ ރިޒާވްތައް ވިލަރެސްކުރާ އިންޓަނޭޝަނަލް އެނަރޖީ އޭޖެންސީ (އައިއީއޭ) އިން ޑީސަލްގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި 100 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް، ދުނިޔޭގައި ދުވާލަކު 102 މިލިއަން ފީފާގެ ތެޔޮ ބޭނުންކުރަމުންދާއިރު، ރިޒާވްތަކުގައި ބޭނުންކުރެވޭ ހާލަތުގައި ހުރީ އެންމެ 10 އިންސައްތަ ކަމަށްވާތީ، މިއީ އެޅުމަށް ދަތި ފިޔަވަޅެއް ކަމަށް ނާޞިރު ފާހަގަކުރެއްވިއެވެ.
ތެޔޮ ކުންފުނި، ޝެވްރަންގެ ސީއީއޯ މައިކް ވަރތު ވިދާޅުވި ގޮތުގައި، ރިޒާވްތައް ދަށްވުމުގެ ސަބަބުން ބާޒާރު ހަލަބޮލިވެ، ތެލުގެ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދު ނުވަތަ ޕްރައިސް ފްލޯ ވަނީ މައްޗަށް ގޮސްފައެވެ. އަދި މި ރިޒާވްތައް އަލުން އިއާދަކުރުމަށް އަހަރުތަކެއް ނަގާނެތީ، މި ހަލަބޮލިކަން ކުރިއަށް އޮތް އަހަރަށްވުރެ ދުރަށް ދިގުދެމިގެންދާނެ ކަމަށް މާހިރުން ދެކެއެވެ. ސަބަބަކީ ރިޒާވްގައި ހުންނަ ތެލުގެ ތެރޭގައި ތެޔޮ ތާންގިތަކުގެ ފުލުގައާއި ހޮޅިލައިންތަކުގައި ހުންނަ ތެލުގެ އިތުރުން، ޤާނޫނީ ގޮތުން ކުއްލި ހާލަތްތަކަށް ރައްކާކުރަންޖެހޭ މިންވަރު ހިމެނޭތީއެވެ.
ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ސީއީއޯ ޝެއިޚް ނަވާފް އަލް-ޞަބާޙް ހާމަކުރެއްވި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އެތެރޭގައާއި ބޭރުގައި ތެޔޮ ރައްކާކުރެވޭނެ ވަޞީލަތްތައް އިތުރުކުރުމެވެ.
ވިޓޯލްގެ ސީއީއޯ ރަސަލް ހާޑީ ފާހަގަކުރެއްވީ، ހުޅަނގުގެ ޤައުމުތަކުގައި އިތުރު ރިޒާވްއެއް ނެތުމުން، ކުރިއަށް އޮތް ފިނިމޫސުމުގައި ދުނިޔެ މުޅިންހެން ބަރޯސާވާން ޖެހޭނީ މެދުއިރުމަތިން ކަނޑުމަގުން އެތެރެކުރާ ތެލަށް ކަމަށެވެ.
އެމެރިކާގެ ހަކަތައާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ސްޓްރެޓީޖިކް ރިޒާވް މިހާރު ވަނީ 1982 ވަނަ އަހަރަށްފަހު އެންމެ ދަށްވި މިންވަރަށް ވެއްޓިފައެވެ.
ހަމައެއާއެކު، ގުދުރަތީ ގޭހުގެ ރިޒާވްތައްވެސް ވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ދަށަށް ގޮސްފައެވެ. ޕެޓްރޯނާސްގެ ސީއީއޯ ތެންގްކޫ މުޙައްމަދު ތައުފީޤް އިންޒާރު ދެއްވި ގޮތުގައި، ކުރިއަށް އޮތް ފިނިމޫސުމުގައި މާ ބޮޑަށް ފިނިގަދަވެއްޖެނަމަ، 2027 ގެ ކުރީކޮޅު ގޭހުގެ ރިޒާވް އެންމެ ދަށް މިންވަރަށް ވެއްޓި، އަގުތައް އިންތިހާއަށް އުފުލިގެންދާނެއެވެ.