ޚަބަރު

ޔޫކްރެއިންގެ ބަސްތަކަކަށް ދިން ހަމަލާއެއްގައި 33 މަރު


ޔޫކްރެއިންގައި އާންމުދަތުރުފަތުރަށް ބޭނުންކުރާ ދެ ބަހަކަށް ރަޝިއާގެ ގްލައިޑު ބޮމުގެ ހަމަލާއެއް އަމާޒުވެ 33 މީހުން މަރުވެއްޖެއެވެ.

އެ ހަމަލާ ދީފައި ވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި އެންމެ އިސް ސަފުގައި ހަމަލާތައް ބަދަލުކުރަމުންދާ ކްރަމަޓޯސްކުގައެވެ. އެ ހަމަލާގައި އިތުރު 18 މީހަކަށް ޒަަޚަމްވެފައިވެއެވެ. ޔޫކްރެއިންއިން ތުހުމަތުކުރަނީ އެއީ ވީހާ ވެސް ގިނަ އާންމުން މެރުމުގެ ނިޔަތުގައި ރަޝިއާއިން ސީދާ ބަސްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

އެ ހަމަލާއާ ގުޅޭ ގޮތުން ރަޝިޔާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެ ހަމަލާދީފައި މި ވަނީ ޔޫކްރެއިންއަށް ރަޝިޔާއިން ދެމުންދާ ހަމަލާތައް ބޮޑުތަނުން އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އާންމުން މަރުވާ މިންވަރު ވެސް އިތުރުވަމުންދާ ދުވަސްވަރެއްގައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވަނީ ހަމަލާގެ ބަދަލުގައި އެ ޤައުމުން ރައްދު ހަމަލާ ދޭނެ ކަމަށް ވިދާޅުވެފައެވެ. ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ އިތުރަށް ވިދާޅުވީ ރަޝިޔާއިން މަސައްކަތް ކުރަމުންދަނީ ދޮންބާސް ސަރަޙައްދުގައިވާ ހުރިހާ ދިރުމެއް ނައްތައިލުމަށް ކަމަށެވެ. ރަޝިޔާގެ ޢަމަލުތަކަށް ބައިނަލްއަޤްވާމީ ދުނިޔެއިން އެެއްޗެއް ބުނަން ޖެހޭ ކަމަށާއި، ރަޝިޔާއަށް އެންމެ ހަރުކަށިކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އދން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025ވަނަ އަހަރު ޔޫކްރެއިންގައި ހަމަލާތަކާ ގުޅިގެން އާންމުން މަރުވި މިންވަރަށް ވުރެ، މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ޢަދަދު އިތުރެވެ.

ހަމަލާތައް އިތުރުވެފައިވާތީ ކްރަމަތޯސްކުއާއި ސްލޮވިއަންސްކުގައި އާންމު ދަތުރުފަތުރުގެ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ. އެއީ އާންމުންނާއި ޑްރައިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ސަރަޙައްދީ ގަވަރުނަރު، ވަޑީމް ފިލަޝްކިން ވަނީ ވިދާޅުވެފައެވެ.