އޮކްޓޫބަރު 7 ގެ ފަހުން މެދުއިރުމަތީގެ ބާރުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، އެމެރިކާގެ ދިފާޢީ ރައްކާތެރިކަމަށް އޮތް އިތުބާރު މުޅިން ގެއްލިއްޖެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން، ޔަހޫދީ އިސްތިޢުމާރީ ބާރުތަކުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމަށް ތިން އަހަރު ފުރިގެންދިޔައިރު، މެދުއިރުމަތީގެ ސިޔާސީ އަދި އަސްކަރީ އިއްތިހާދުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، ސަރަޙައްދީ ބާރުތަކުގެ ޗާޓު ވަނީ މުޅިން އެފުށްމިފުށަށް ޖެހިފައެވެ.
މި އަނިޔާވެރި ހަނގުރާމައިގައި ޔަހޫދީން ވަނީ ޣައްޒާގެ 74,000 އަށްވުރެ ގިނަ ކުށެއްނެތް ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް، މުޅި ސަރަޙައްދުގެ ބިނާރަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްދީ ބިންމާހަމަކޮށްފައެވެ. މި ހަމަލާތަކުގައި ޙަމާސްއާއި ޙިޒްބުﷲގެ އިސް ލީޑަރުންގެ އިތުރުން، އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވެސް ފެބްރުއަރީ މަހު ޝަހީދުކޮށްލާފައިވީ ނަމަވެސް، ޔަހޫދީންގެ މި އަނިޔާވެރިކަމުގެ ސަބަބުން އެ ޤައުމު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގަޔާއި އެކުވެރި ދައުލަތްތަކުގެ ކުރިމަތީގައި މުޅިން އެކަހެރިވެ، ބޮޑު ނުރުހުމަކާ ކުރިމަތިލާންޖެހިފައެވެ.
އޮކްޓޫބަރު 7 ގެ ކުރިން އެމެރިކާގެ މެދުއިރުމަތީގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ "އަބްރަހާމް އެކޯޑްސް" ގެ ދަށުން ޢަރަބި ޤައުމުތަކާއި ޔަހޫދީންނާ ދެމެދު އޮންނަ ގުޅުން ޢާންމު ޙާލަތަކަށް ގެނައުމުގެ މައްޗަށެވެ. ނަމަވެސް ޔަހޫދީންގެ ހައްދުފަހަނައެޅި ޢުދުވާނާއެކު އެ އުންމީދުތައް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ޔަހޫދީން މެދުވެރިކޮށް ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމުގެ ބަދަލުގައި، އެމެރިކާއަށް ވަނީ އީރާނާއެކު ކުރިމަތިލުމެއްގެ ތެރެއަށް ވަންނަން މަޖުބޫރުވެފައެވެ.
ގަލްފު ސަރަޙައްދުގައިވާ އެމެރިކާގެ އެކުވެރި ޤައުމުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގައި، ޤަޠަރުގެ ރައުސް ލައްފާން ގޭސް ހަބަށާއި، ދުބާއީ އެއާޕޯޓް ކައިރިއަށާއި، ފުޖައިރާގެ ތެޔޮ ސަރަޙައްދަށް ޑްރޯން އަދި މިސައިލް ހަމަލާތައް އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެއިތުރުން، ޔަމަނުގެ ހޫޘީން ވަނީ ރަތްކަނޑުގެ އައްސޭރިފަށުގެ މުހިންމު ސަރަޙައްދުތަކާއި މުޚާ ބަނދަރުގެ ކޮންޓްރޯލް ނަގައި، ބާބުލްމަންދަބު ކަނޑުއޮޅީގައި އެމީހުންގެ ބާރު ވަރުގަދަކޮށްފައެވެ.
މި ބަދަލުތަކުގެ ސަބަބުން، އެމެރިކާއިން ފޯރުކޮށްދޭ ދިފާޢީ އަދި ސަލާމަތީ ރައްކާތެރިކަމަށް ގަލްފުގެ ޤައުމުތަކުން ކުރަމުން އައި އިތުބާރު ވަނީ ބޮޑުތަނުން ހީނަރުވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ސަޢޫދީ ޢަރަބިއްޔާއާއި، ތުރުކީ އަދި ޕާކިސްތާނު ގުޅިގެން ނިމިދިޔަ އޮގަސްޓު މަހު ވަނީ "މައްކާ ސެކިއުރިޓީ ޕެކްޓް" ގެ ނަމުގައި ދިފާޢީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މީގެއިތުރުން ސޫރިޔާގައި ތުރުކީގެ ދައުރު ފުޅާވުމާއި، އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ޗައިނާއިން އިސްނަގައި ބައިވެރިވުން ފަދަ ކަންކަމުން ދޭހަވަނީ، މެދުއިރުމަތީގެ ސިޔާސީ ގުޅުންތައް މުޅިން އައު މިސްރާބަކަށް ބަދަލުވަމުންދާ ކަމެވެ.
ހަމައެއާއެކު، އީރާނާއި އެ ޤައުމާ ގުޅިފައިވާ ހޫޘީންގެ ބާރުގެ ދަށުގައި "ހުރުމުޒް ކަނޑުއޮޅި" އާއި "ބާބުލްމަންދަބު" އޮތުމަކީ، އިޤްތިޞާދީ ގޮތުން އެފަރާތްތަކަށް ލިބިފައިވާ ވަރުގަދަ ނުފޫޒެކެވެ. ހުޅަނގުގެ ޤައުމުތަކުން ކުއްލި ޙާލަތްތަކަށް ޚާއްޞަކޮށްފައިވާ ތެޔޮ ރިޒާވްތަކާއި އެމެރިކާގެ އުފެއްދުންތެރިކަން އިތުރުކޮށްގެން އިޤްތިޞާދީ އަޑިގުޑަންތަކުން އަރައިގަތުމަށް މަސައްކަތްކުރި ނަމަވެސް، ގަލްފުގެ ތެޔޮ ބޭރުކުރާ ޤައުމުތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ސަޢޫދީ ޢަރަބިއްޔާގެ އިޤްތިޞާދީ ކުރިއެރުން 4.5 އިންސައްތައިން 3.1 އިންސައްތައަށް ދަށްވެފައިވާއިރު، ޤަޠަރުގެ އިޤްތިޞާދު ވަނީ 8.6 އިންސައްތަ ދަށަށް ވެއްޓިފައެވެ. މިއީ ޔަހޫދީންގެ އިސްތިޢުމާރީ އަދި ޢުދުވާނީ ޢަމަލުތަކުގެ ސަބަބުން، މުޅި މެދުއިރުމައްޗަށާއި އެމެރިކާގެ މަޞްލަޙަތުތަކަށް ކުރިމަތިވަމުންދާ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ.