އަމިއްލަ ސިއްޙަތަށް އިސްކަންދީ، އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭނަމަ ވަގުތުން އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވަފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް މިއަހަރު ކަނޑައަޅާފައިވާ ތީމުން ވަރަށް މުހިންމު ޙަގީގަތެއް ހާމަކޮށްދޭ ކަމަށާއި ކެންސަރާ ގުޅޭ ފަރުވާއަކީ ހޭލުންތެރިވުމުން ފެށޭ ފަރުވާއެއް ކަމަށެވެ. އެގޮތުން، ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަކުރެވި ސުވާލު އުފައްދައި އެއަށް ޖަވާބު ހޯދަން ހިތްވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ އަންހެނުން އުރަމަތީގެ ކެންސަރު ތަހައްމަލު ކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މި ބަލި އެކަކަށް ޖެހުނު ނަމަވެސް އޭގެ އަސަރު އެތައް ބަޔަކަށް ކުރާ ކަމަށެވެ. އެހެންވެ އުރަމައްޗަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވެ އެފަދަ ބަދަލެއް ފާހަގަކުރެވޭނަމަ ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް ބާރު އަޅަންޖެހޭ ކަމަށައި ދުރާލައި ބަލި ދެނެގަނެވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން އަވަހަށް ފަރުވާ ފަށައި، ބަލިން ސަލާމަތްވުމަށް އޮތް ފުރުސަތު ބޮޑުވެގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"މިއަދު މިވާހަކަ އަޑުއަހާ ކޮންމެ އަންހެނަކަށް ބުނެލަން ބޭނުންވަނީ އަމިއްލަ ސިއްޙަތާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ލަސްނުކުރައްވާށޭ. އަމިއްލަ ސިއްޙަތަށް އިސްކަންދެއްވާ. ފުރަތަމަ ފިޔަވަޅު އަޅައި، ސިއްޙީ ބޭފުޅެއްގެ އެހީތެރިކަން ހޯއްދަވާ. އެ ވެދާނެ އެއީ އަމިއްލަ ނަފުސަށްޓަކައި އަދި ލޯބިވާ މީހުންނަށްޓަކައި ނިންމާ އެންމެ މުހިންމު ނިންމުމަށް،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ބައްޔަށް ފަރުވާ ހޯދުމަށް ބާރުއެޅުމަކީ ސިއްޙީ ދާއިރާގެ މަސައްކަތުގެ އެއްބައި ކަމަށާއި އެ ފަރާތްތަކުން ފަރުވާ ހޯދަން އައުމުން އެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވެންވާނެ ކަމަށެވެ. އެގޮތުން، ކޮލިޓީ ރަނގަޅު މެމޮގްރަފީ އާއި އަލްޓްރަސައުންޑާއި ބަޔޮޕްސީ އާއި ޕެތޮލޮޖީއަކީ ބަލި ދެނެގަތުމަށް މުހިންމު ކަންކަން ކަމަށް ވިދާޅުވިއެވެ.
ދުރާލައި ބަލި ދެނެގަތުމަށް އޭއައި ޓޫލްތަކާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސައްކަތްތައް ކުރެވެމުން އަންނަކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ބަލި ދެނެގަތުމަށް ޓެކްނޮލޮޖީއާއި އައު އީޖާދުތަކަށް ކުރެވޭ ހޭދަތަށް އިތުރުކޮށް، އެތަކެތީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފޭނެގޮތަށް ސިއްޙީ ޚިދުމަތްތެރިންގެ ހުނަރުތައް ތަރައްގީކުރަން އިސްކަންދޭންޖެހޭކަމަށެވެ. އަދި ބައްޔަށް ފަރުވާ ދިނުމުގެ އިތުރުން އުރަމަތީގެ ކެންސަރާ ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކުރާނެ އަސަރުތައް ދެނެގަނެ އެކަންކަމަށް ބޭނުންވާ އެހީތެރިކަމާއި މައުލުމާތު ފޯރުކޯށްދޭންވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ގުދުރަތީގޮތުން ރާއްޖެ ވަކިވަކި ރަށްތަކަށް ބެހިފައި އޮތް ނަމަވެސް ފުރިހަމަ ފަރުވާ ދިނުމަށް އެކަން ގޮންޖެހުމަކަށް ވެގެން ނުވާނެ ކަމަށެވެ. އެކަން ކުރެވޭނީ އެކި ކަންކޮޅުތަކުގައި ފަރުވާގެ ނިޒާމު އިތުރަށް ފުޅާކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
އުރަމަތީގެ ކެންސަރާ ގުޅިގެން އާއިލާތަކާއި މުޖުތަމަޢުގެ މުހިންމު ރޯލެއް އޮތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް އެހީވުމަށާއި ދުރާލައި ބަލި ދެނެގަތުމަށް ބާރު އެޅުމަށް ގަވާއިދުން ޗެކަޕް ހެދުމަށް ބާރު އެޅުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ. އަދި އަމިއްލައަށްވެސް ދުރާލައި އެހީތެރިކަން ހޯދުމަށް ހުރިހާ އަންހެނުންށް އެކަމަނާ ނަސޭހަތްތެެރިވެވަޑައިގެންނެވިއެވެ.