ޔަހޫދީންގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ފެށުމަށް މަދު ހަފްތާކޮޅަކަށް ވެފައި ވަނިކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ޔަހޫދީންގެ ވަޒީރުންނާއި ޤަނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ ހުޅަނގު އައްސޭރީގެ ސަރަޙައްދަކަށް ޖަމާވެ، އެ ތަނުގައި ޔަހޫދީން ވަޒަންވެރިވާނެ ޣައިރު ޤާނޫނީ އަވަށެއް އިފްތިތާހުކޮށްފައެވެ. އެ އަވަށް ޤާއިމްކޮށްފައި ވަނީ އޭގެ ކުރިން ވެސް ޤަވާއިދާ ޚިލާފަށް ޔަހޫދީން ދިރިއުޅެމުންދިޔަ ސަރަޙައްދެއްގައެވެ. އެ ތަނަކީ ކުރިން ނެޓްޒާ ހަރެލް ކިޔާ ޔަހޫދީ އައުޓްޕޯސްޓެއް ހުރި ތަނެކެވެ.
ޔަހޫދީންގެ މާލީ ވަޒީރު ބެޒަލެލް ސްމޮރިޗް ވަނީ އެ ސަރަޙައްދުގައި އެންމެ ފުރަތަމަ ދިރިއުޅެން ފެށި މީހުންނަށް ތައުރީފުކޮށް، ފަލަސްޠީނުގެ ބިންތަކުގައި ދަނޑުތައް ޤާއިމްކޮށް އެ ބިންތަކުގެ ކޮންޓްރޯލް ނަގައި އެ ތަނުގައި ޣައިރު ޤާނޫނީ މުޖުތަމަޢުތައް ބިނާކުރުމަކީ ފަލަސްޠީނުގެ ބިިިންތައް ފޭރިގަތުމުގެ މޮޅު އުކުޅެއް ކަމަށް ބުނެފައެވެ. އެއީ ޒަޔަނިޒަމްގެ ސިފައެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ނަމަވެސް އެ ސަރަޙައްދުގައި ޔަހޫދީން ވަޒަންވެރިވުމަކީ އެ ހިސާބުގަނޑުގައި ކުރިން ދިރިއުޅެމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބޭ ބޮދު ނިކަމެތިކަމެކެވެ. އެ މީހުން ދިރިއުޅޭ އަވަށް ދޫކޮށް ދިޔުމަށް ތަކުރާރުކޮށް މަޖުބޫރުވަމުންދާއިރު، އެ މީހުންގެ ގެދޮރު އެއްކޮށް ގެއްލި ދަނޑު ބިންތައް ވެސް ދަނީ ގެއްލެމުންނެވެ.
ޔަހޫދީންގެ އައު އަވަށް ބިނާކޮށްފައި ވަނީ ރާމަاللهގެ އިރުމަތީގައި އޮންނަ އަލް-މުޢައްރަޖާތުގެ މެދުތެރޭގައެވެ. އެ ސަރަޙާއްދުގައި ކުރިން ދިރިއުޅެމުން ދިޔަ އުމުރުން 29 އަހަރުގެ ޢާލިޔާ މުލައިހަތަކީ ޔަހޫދީން އެ ސަރަޙައްދަށް ވެރިވެގަތުމުން ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތެކެވެ. 2025ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ ދިރިއުޅެމުން ދަނީ އެ ސަރަޙައްދާ އެތައް ކިލޯމީޓަރެއް ދުރުގައި އޮންނަ އަލް-އައުސަޖުގައި ފޭލިގެއެއް ޖަހައިގެންނެވެ. އޭނާ ބުނީ ނެޓްޒާ ހަރެލް އައުޓްޕޯސްޓު އުފެއްދި ޔަހޫދީ ވަޒަންވެރިންނަކީ ފަލަސްޠީނުގެ ޢާއިލާތަކަށް ހަމަލާދީ، އެ މީހުންގެ ކަނބަޅިތައް އަތުލުމުގައި ޤަވާއިދުން ބައިވެރިވާ ބައެއް ކަމަށެވެ. ޔަހޫދީ ވަޒަންވެރިން އެ ކަންކަން ކުރަނީ ޔަހޫދީ ފުލުހުންނާއި ސިފައިންގެ ފުރިހަމަ ހިމާޔަތުގައި ކަމަށް އޭނާ ވަނީ ބުުނެފައެވެ.
ޢާލިޔާގެ ބޮޑުބޭބެ، އުމުރުން 45 އަހަރުގެ ޖަމާލް މުލައިހަތު ވެސް މިހާރު ދިރިއުޅެމުން ދަނީ ޢާއިލާގެ އިތުރު 8 މެންބަރުންނާއެކު އަލް-އައުސަޖްގައި ހުންނަ ކޮންކުރީޓުން ހަދާފައި ހުރި ކުޑަކުޑަ ޖިފުޓިއެއްގައެެވެ. އޭނާ ބުނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޢުދުވާން ފެށުމުގެ ކުރިން އޭނާގެ ދިރިއުޅުން ވަރަށް ތަފާތު ކަމަށެވެ. އޭރު ދިރިއުޅެމުން ދިޔައީ ފެހިފެހި ސަރަޙައްދުތަކުގައި ކަމަށާއި އުނދަގޫކޮށް ދުއްތުރާ ކުރާ ބަޔަކު އޭރު ނޫޅޭ ކަމަށް އޭނާ ބުންޏެވެ. އަދި މިނިވަންކަމާއެކު އެއްތަނުން އަނެއް ތަނަށް ދެވޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ޞިއްޙީ ފަރުވާ ވެސް ލިބޭ ކަމަށާއި މަދަރުސާތައް ވެސް ހުރި ކަމަށާއި ދިރިއުޅޭ ސަރަޙައްދުގައި ފެން ލިބެން ހުންނަ ކަމަށް ވެސް އޭނާ ބުންޏެެވެ. މިހާރަށް ވުރެ އެތައް ގުނައެއް އޭރުގެ ދިރިއުޅުން ފަސޭހަކަމަށް އޭނާ ބުންޏެެވެ.
އޮކްޓޯބަރު 7އަކަށް ފަހު ޔަހޫދީ ސަރުކާރުން ހުޅަނގު އައްސޭރީގައި ރޭޑު ޖަހާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގައި ދެމުންދާ ހަމަލާތައް ވަނީ ބޮޑުތަނުން އިތުުރުވެފައެވެ. އެ ގޮތަށް ޢަމަލުކުރުމަށް ޔަހޫދީ ސަރުކާރުން އެ މީހުންނަށް ހިތްވަރުދީ ހިމާޔަތްދެއެވެ.
ޖަމާލް ދިރިއުޅޭ ޖިފުޓި ކައިރީގައި ދިރިއުޅޭ މުޙައްމަދު ޣަވާންމީ ދިރިއުޅެނީ އޭނާގެ އަންހެނުންނާއި ހަތް ދަރިންނާ އެކުގައެވެ. އޭހެ ކުރިން އޭނާ ދިރިއުޅުނީ 600އަށްވުރެ ގިނަ ބަދަވީން ދިރިއުޅެމުން ދިޔަ ރަޢުސު ޢައިން އަލް-އައުޖާގައެވެ. އޭނާ ބުނީ އޭނާ މިހާރު ދިރިއުޅޭ ސަރަޙައްދުގައި ފާހަނާއެއް ނުހުންނަކަމަށާއި ކަރަންޓު ލިބެނީ ވެސް މަދު ފަހަރެއްގައި ކަަމަށެވެ.
ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށް އޭނާ ދިރުއުޅޭ ސަރަޙައްދުގައި އޭނާ ހުންނަނީ ފެންސު ޖަހައިފައެވެ. ޔަހޫދީންގެ ޑްރޯންތައް އަބަދުހެން އެ ސަރަޙައްދުގައި އުޅެއެވެ. ޣަވާންމީ ބުނީ މީގެ ކުރިން އޭނާގެ ކަނބަޅިތައް ހުއިހިއްޕަން 10 ކިލޯމީޓަރާއި 15 ކިލޯމީޓަރުގެ ސަރަޙައްދަކަށް ދެވުނު ނަމަވެސް މިހާރު އެ ޢާއިލާއަށް ދިރިއުޅޭ ގެއަށްވުރެ 500 މީޓަރު ދުރަށް ވެސް ނުދެވޭ ކަމަށެވެ. މީގެ ކުރިން 300އަށްވުރެ ގިނަ ކަނބަޅި ގެންގުޅުނު ޣަވާންމީގެ އަތުގައި މިހާރު ހުރި ކަނބަޅީގެ ޢަދަދު ވަނީ 100އެއްހާ ކަނބަޅިއަށް މަދުވެފައެވެ. ކަނބަޅިތައް ހުއިހައްޕަން ގެންދާނެ ޖާގައެއް ނެތްއިރު، މިހާރު ޖެހެނީ އެ ސޮރުމެނަށް ދިނުމަށް ކާނާ ގަންނަން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ކޮންމެ ސަރަޙައްދަކަށް ބަދަލުވި ނަމަވެސް ޔަހޫދީންގެ އުނދަގުލުން ސަލާމަތް ނުުވެވޭ ކަމަށެވެ. އަދި ދާނެ އިތުރު ތަނެއް ނެތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އދން ބުނީ 2023ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދީފައިާ ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 130 މުޖުތަމަޢުއަކަށް އެއްކޮށްހެން ދިރިއުޅޭ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން 6،400 މީހުންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިފައިވާ ކަމަށް އދން ބުނެއެވެ.
އިންސާނީ މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވެސް ބުނީ އަލް-އައުސަޖުގައި ދިރިއުޅެމުން ދިޔަ ފަލަސްޠީނުގެ ޢާއިލާތައް ފަދަ ޢާއިލާތައް ދާނެ ރައްކާތެރި އެއްވެސް ސަރަޙައްދެއް ނެތް ކަމަށެވެ. އެ ސަރަޙައްދުތަކަކީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ މާސިންގާ ކޭމްޕެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމަށް ވެސް ބައެއް ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ.