ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދަ ކުރުމުގެ ލާއިންސާނީ ޢުދުވާނަށް ތިން އަހަރު ފުރިގެންދިޔައިރު، ހިޞާރުކޮށްފައިވާ ޣައްޒާގެ ރައްޔިތުންގެ މެދުގައި ވަނީ އެމެރިކާއިން އެމީހުން މުޅިން އެކަހެރިކޮށް، ދޫކޮށްލާފައިވާ ކަމުގެ މާޔޫސްކަން އުފެދިފައެވެ.
އެމެރިކާ އިސްވެ، ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމަށާއި އަސީރުން ބަދަލުކުރުމުގެ ކަންކަމުގައި މެދުވެރިއެއްގެ ދަޢުރު އަދާކުރި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން ގެންގުޅުނު ސިޔާސަތުތަކާއި ކުރި މަސައްކަތްތައް މިހާރު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
"އެމެރިކާއަށް ޣައްޒާގެ ރައްޔިތުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫން. އަހަރެމެން މިވީ ހަމައެކަނި އެމީހުންގެ އިންތިޚާބުތަކުގައި ވޯޓު ހޯދުމަށް ބޭނުންކުރި ސިޔާސީ ހަތިޔާރަކަށް،" ޣައްޒާގެ ރައްޔިތަކު ޓީއާރުޓީ ވޯލްޑް ނޫހަށް ކިޔައިދިނެވެ.
މީގެ އިތުރުން، ޣައްޒާގެ އެހެން ރައްޔިތަކު ފާހަގަކުރި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ހަނގުރާމައަށް ވަގުތީ ފިނިކަމެއް އައި ނަމަވެސް، އެމެރިކާގެ އަސްލު އަމާޒަކީ އަބަދުވެސް ހަމައެކަނި އަނިޔާވެރި ޔަހޫދީ ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމެވެ.
ޣައްޒާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް ޓްރަމްޕް އެކުލަވާލެއްވި އެއް އަހަރު ދުވަހުގެ މަގުޗާޓު މިހާރު ވަނީ ކުރިއަށް ނުގޮސް ދެބަސްވުންތަކުގެ ތެރޭގައި ތާށިވެފައެވެ. 10 އޮކްޓޯބަރު 2025 ގައި ވެވުނު އެއްބަސްވުމުގެ ދަށުން އަސީރުންނާއި ފަލަސްތީނުގެ 2،000 ރަހީނުން މިނިވަންކުރެވުނު ނަމަވެސް، ޔަހޫދީ ދައުލަތުގެ އިސްތިޢުމާރީ ސިފައިން ފޭބުމާއި ޣައްޒާ އަލުން އާބާދުކުރުން ފަދަ މުހިންމު ކަންކަން ވަނީ ހުއްޓިފައެވެ. އަދި ހަމަލާތައް ހުއްޓައިލުމަށް އެއްބަސްވި ފަހުން ވެސް، ޔަހޫދީން ދިން ޣައިރުގާނޫނީ ހަމަލާތަކުގައި ފަލަސްޠީނުގެ 1،400 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
7 އޮކްޓޯބަރު 2023 ގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އަސްކަރީ ހަރަކާތެއް ހިންގީ މުގައްދަސް މަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑައި، ތަކުރާރުކޮށް އެތަނަށް ޔަހޫދީން ވަދެގަތުމާއި، ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ވަޒަންވެރިން ހިންގަމުންދިޔަ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށެވެ.
އޭގެ ބަދަލުހިފުމެއްގެ ގޮތުން ޔަހޫދީން ފެށި ޤަތުލުއާންމުގައި މިހާތަނަށް 74،000އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް، ޣައްޒާގެ އުމްރާނީ ވަޞީލަތްތަކުގެ 90 އިންސައްތަ ވަނީ އެއްކޮށް ސުންނާފަތިކޮށްލައިފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ބަލިމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން ނުސީދާކޮށް ޝަހީދުވި މީހުންގެ ޢަދަދު 200،000 އަށް ވުރެ މައްޗަށް އަރާނެއެވެ.
މި ނުރައްކާތެރި ޙާލަތުގައި ވެސް ޔަހޫދީން ދަނީ ހުޅަނގު އައްސޭރިއާއި ޤުދުސްގެ ބިންތައް ފޭރިގަތުން ކުރިއަށް ގެންދަމުންނެވެ. އަދި އެ ސަރަޙައްދުތަކުން ވެސް 1،100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅެނީ ޣައިރުގާނޫނީ ގޮތުގައި ކަމަށް ކަނޑައަޅައި، އައިސީސީން ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރެފައިވީ ނަމަވެސް، އެމެރިކާއިން އަދިވެސް ދަނީ އަހަރަކު 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔަހޫދީ ދައުލަތަށް ފޯރުކޮށްދެމުންނެވެ.
އެމެރިކާގެ ކުރީގެ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު ރޮބަޓް މެލީ އާއި ބައިނަލްއަޤުވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނު ހަނގުރާމަ އާއި މެދުއިރުމަތީގެ ސަރަޙައްދީ އެހެނިހެން ކުރިމަތިލުންތަކުގެ ސަބަބުން ޣައްޒާގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން މިވަގުތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ނަމަވެސް، އެމެރިކާގެ އާންމު ރައްޔިތުންނާއި ޒުވާނުންގެ މެދުގައި ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި، ފަލަސްޠީނުގެ ޙައްޤުގައި ފާޅުކުރާ ޝުޢޫރުތައް ވަރުގަދަވަމުން އަންނާތީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޣައްޒާގެ މައްސަލައަކީ ވަރަށް މުހިންމު ސިޔާސީ ބަހުސަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.