ޚަބަރު

ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް އަހަރެއް؛ ޣައްޒާގެ ބޮޑުބައި އަދިވެސް ޔަހޫދީންގެ މުށުތެރޭގައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ހަނގުރާމަ ނިންމުމަށް އެކުލަވައިލެއްވި ޕްލޭނަށް އަހަރެއް ފުރިގެންދިޔައިރު، ޔަހޫދީންގެ ލާއިންސާނީ ހަމަލާތައް ނުހުއްޓުވި، ޣައްޒާގެ ބޮޑު ސަރަޙައްދެއް އިސްތިޢުމާރުކޮށްފައިވާ ކަމުގެ ކަންބޮޑުވުން ބޮޑުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އިޢުލާންކުރެއްވި 20 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނަށް އަހަރެއް ވެގެންދިޔައިރު، ހަނގުރާމަ މުޅިން ހުއްޓުވުމާއި ޣައްޒާ އަލުން އާރާސްތުކުރުމުގެ އެންމެހައި މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު 10 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމައްފަހު އިޢުލާންކޮށް، ހަމާސްއިން ހިފަހައްޓާފައިވާ އަސީރުން ދޫކޮށްލުމާ ގުޅިގެން ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި އެތައް ސަތޭކަ ފަލަސްޠީނު ގައިދީންނެއް މިނިވަންކުރެވުނު ނަމަވެސް، ހަމާސްގެ ހަތިޔާރު އަތުލުމާއި ޔަހޫދީ ސިފައިން ޣައްޒާއިން ފޭބުމުގެ މުހިންމު ލަނޑުދަނޑިތައް ހާސިލުވާ ގޮތެއް ނުވިއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމައްފަހު، ފުޅާ ދާއިރާއެއްގައި ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައި ނުވިނަމަވެސް، ޔަހޫދީ ސިފައިން މެދުކެނޑުމެއްނެތި ދެމުންދިޔަ ހަމަލާތަކުގައި 1,400 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން، ޓްރަމްޕްގެ ޕްލޭނުގެ ފުރަތަމަ މަރުޙަލާގައި ޔަހޫދީ ސިފައިން "ޔެލޯ ލައިން" އާ ހަމައަށް ފަހަތަށް ޖެހި، ޣައްޒާގެ 53 އިންސައްތަ ސަރަޙައްދު ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މިހާރު ޔަހޫދީން ވަނީ އެ ސަރަޙައްދު ފުޅާކޮށް ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއް އެމީހުންގެ އަސްކަރީ ބާރުގެ ދަށަށް ގެންގޮސްފައެވެ. މީގެ ސަބަބުން 2 މިލިއަނަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ގޮނޑުދޮށުގެ ހަނި އަދި ކުޑަކުޑަ ސަރަޙައްދަކަށް ތޮއްޖެހިގެން ދިރިއުޅެން ވަނީ މަޖުބޫރުވެފައެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ކޮންމެވެސް ވަރަކަށް އިތުރުވި ނަމަވެސް، އެހީދޭ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ބުނާ ގޮތުގައި އެ މިންވަރު އަދިވެސް އެކަށީގެންވާ މިންވަރަކަށް އާރާފައެއްނުވެއެވެ ބައިނަލްއަޤްވާމީ ކާބޯތަކެތި ކަށަވަރުކަމާ ބެހޭ އިދާރާ (އައިޕީސީ) އިން ހާމަކުރި ގޮތުގައި، 1.2 މިލިއަނަށްވުރެ ގިނަ މީހުން އަދިވެސް ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދާއިރު، ދުވާލަކު އެތެރެވަނީ އެންމެ 227 އެހީގެ ލޮރީއެވެ. މިއީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މަދުވެގެން 600 ލޮރީގެ މިންވަރާ އަޅާބަލާއިރު ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު އަދަދެކެވެ. ޔަހޫދީ ސަރުކާރުން ދުވާލަކު 600 ލޮރީ އެތެރެވާ ކަމަށް ދަޢުވާކުރި ނަމަވެސް، އަޑީތެޔޮ، އުޅުނދުތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ފަދަ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ސާމާނު އެތެރެކުރުމަށް ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ.

އެމެރިކާގެ އެހީތެރިކަމާއެކު އުފައްދާ ފަލަސްޠީނުގެ ޓެކްނޯކްރެޓިކް ސަރުކާރަކާ ހަތިޔާރު ހަވާލުކުރުމަށް ހަމާސްއިން އެއްބަސްވެފައިވެއެވެ. އެހެންނަމަވެސް، ހަމާސްއިން ފުރިހަމައަށް ހަތިޔާރު ދޫނުކައްލަނިސް ޣައްޒާއިން ނުފޭބޭނެ ކަމަށް ޔަހޫދީން ބުނުމާ ގުޅިގެން، ޖުލައި މަހު ހުށަހެޅި 15 ނުކުތާގެ އެއްބަސްވުންވެސް ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. އަނެއްކޮޅުން، ބައިނަލްއަޤްވާމީ ސަލާމަތީ ފައުޖު (އައިއެސްއެފް) އެކުލަވައިލުމަށް އިންޑޮނޭޝިއާ، މޮރޮކޯ އަދި ކަޒަކިސްތާން ފަދަ ޤައުމުތަކުން ސިފައިން ފޮނުވުމަށް އެއްބަސްވި ނަމަވެސް، އެ ފައުޖު އަދިވެސް ޣައްޒާގެ ބިމަށް ނުކުމެފައެއް ނުވެއެވެ.

ޣައްޒާ އަލުން އާރާސްތުކުރުމަށް "ބޯޑް އޮފް ޕީސް" އިން 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް އިޢުލާންކުރި ނަމަވެސް، އދ. އާއި އީޔޫއިން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ޣައްޒާ އާރާސްތުކުރުމަށް 71.4 ބިލިއަން ޑޮލަރު ބޭނުންވާނެއެވެ. މި ނާޒުކު ދަނޑިވަޅުގައި، ޔަހޫދީ ހައްދުފަހަނައެޅި ސިޔާސީ ވެރިން ވަނީ ފަލަސްޠީނު ރައްޔިތުން ޣައްޒާއިން ބޭރުކޮށް، "އަމިއްލައަށް ހިޖުރަކުރުވުމަށް" މަޖުބޫރުކުރުމަށް ގޮވާލާ ގޮވާލުންތައް އިތުރަށް ވަރުގަދަކޮށްފައެވެ. ޔަހޫދީ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް ބުނީ، ފަލަސްޠީނުގެ ރައްޔިތުން ބޭރުކުރުން ނޫން އެހެން އެއްވެސް ޙައްލެއް ޣައްޒާއަށް ނެތް ކަމަށެވެ. އޮކްޓޫބަރު 27 ގައި ޔަހޫދީ ދައުލަތުގެ ޢާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ނުރައްކާތެރި ވިސްނުމަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުގެ ތާއީދުވެސް ވަނީ ލިބިފައެވެ.